ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި، ވާދަވެރި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި، ދެ ކްލަބުން ވެސް ޕްރޮމޯޓްކުރާ ކުރިމަތިލުން ވެގެންދިޔައީ ވެސް ހޫނު މެޗަކަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނިއު ރޭޑިއަންޓްގެ މުހައްމަދު ނާއިމް އާއި ވިކްޓަރީގެ މިރްޖަލޯލް ކާސިމޯވްއާ ދެމެދު ހިނގި ކުރިމަތިލުން ހޫނުވި އެވެ. ނާއިމް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރުމުގެ ގޮތުން އުޒްބެކިސްތާނުގެ ކާސިމޯވް ވަނީ އޭނާގެ އުޅަނބޮށިން ނާއިމްއަށް ހަމަލާ ދީފަ އެވެ. ރައްދުގައި ނާއިމް ވެސް ކާސިމޯވްއާ ކުރިމަތިލި އެވެ.

ނާއިމްއަށް އެ ހަމަލާ ދިނުމުން ދެ ޓީމުގެ ބެންޗު ވެސް ހޫނުވި އެވެ. ނިއު ރޭޑިއަންޓްގެ ބައެއް އޮފިޝަލުން ދަނޑަށް އެރި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ވިކްޓަރީގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއި ނިއުގެ މެނޭޖަރު ޒަހީނުއްދީން ސައީދަށް ވެސް ރީނދޫ ކާޑް ދެއްކި އެވެ. 

ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ކުރިމަތިލުމުގެ ތެރެއިން: ހޫނުވި މެޗުގައި ދެ ރަތް ކާޑާ އެކު ޖުމުލަ ނުވަ ކާޑު ދެއްކި — ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ކުރިމަތިލުމުގެ ތެރެއިން: ހޫނުވި މެޗުގައި ދެ ރަތް ކާޑާ އެކު ޖުމުލަ ނުވަ ކާޑު ދެއްކި — ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗު އިތުރަށް ކުރިއަށް ގެންދަން ރެފްރީ ނަދީމް ނިންމީ މިރްޖަލޯލް އާއި ނާއިމްއަށް ވެސް ސީދާ ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލުމަށް ފަހު އެވެ. 

ވިކްޓަރީ އާއި ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ޒަމާންވީ އެންމެ ވާދަވެރި ދެ ޓީމެވެ. ވާދަވެރި ދެ ޓީމުގެ ކުރިމަތިލުންތަކުގައި ފެންނަ ހޫނާއި ކުރިމަތިލުން މި ދެ ޓީމު ރޭ ކުޅުނު މެޗުން ފެނުނެވެ. މަޝްހޫރު ރެއާލް މެޑްރިޑާއި ބާސެލޯނާގެ "އެލް ކްލެސިކޯ" ގެ ކުރިމަތިލުމުން ފެންނަ ފަދަ ވާދަވެރިކަމެއް ދަނޑުމަތިން ފެނުނެވެ.

ދެވަނަ ޑިވިޝަނުގައި ދެ ޓީމު 2022 ގައި ވާދަކުރި މެޗަށް ހާއްސަކޮށް ފެށި ކެމްޕޭނުން ފެށިގެން، މިހާރު ދެ ޓީމުގެ ކުރިމަތިލުން ދެ ޓީމުން ވެސް ޕްރޮމޯޓް ކުރަނީ "ރަސް ވާދަ" އިގެ ނަމުގަ އެވެ. 

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވިކްޓަރީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ގެރޯ އެވެ. ނަމަވެސް 31 ވަނަ މިނެޓުގައި ނާއިމް ވަނީ ލަނޑު ޖަހައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ހާޖީ ގެރޯ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ވިކްޓަރީން ނިއުގެ މައްޗަށް ކުރި ހޯދީ އޭނާގެ ދެ ލަނޑުން — ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހާޖީ ގެރޯ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ވިކްޓަރީން ނިއުގެ މައްޗަށް ކުރި ހޯދީ އޭނާގެ ދެ ލަނޑުން — ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުރަތަމަ ހާފުގައި ފެނުނު އެ ހޫނުގަނޑާއި ދެ ރަތް ކާޑާ އެކު ހާފު ނިމުނީ ހަމަހަމަ ނަތީޖާއަކުންނެވެ. ދެވަނަ ހާފު ދެ ޓީމުން ވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ފައިދާ ނެގީ ވިކްޓަރީންނެވެ.

މިދިޔަ އަހަރު ނިއުއަށް ކުޅުނު ފޯވާޑް އަލްހާޖީ ގެރޯ، އޭނާގެ ކުރީގެ ޓީމު ކޮޅަށް ދެވަނަ ލަނޑު ޖަހައި ނަތީޖާ ވިކްޓަރީ ކޮޅަށް އަނބުރާލި އެވެ. އޭނާ އެ ލަނޑު ޖެހީ 78 ވަނަ މިނެޓުގަ އެވެ.

މެޗުގެ ފަހު ވަގުތު އެޓޭކިން ލައިނަށް، ނިއުގެ ކޯޗު ފްރެންޗިސްކޯ ކައިންޒޯސް ގެނައި ބަދަލުތަކުގެ ފައިދާއެއް ނިއުއަކަށް ނުނެގުނެވެ. 

ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތްކުރަނީ: އޭނާ ކުޅެން ނުކުތީ މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި — ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތްކުރަނީ: އޭނާ ކުޅެން ނުކުތީ މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި — ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި މެޗާ ހަމައަށް އައިރު، ލީގުގެ އެއްވެސް މެޗަކުން ނިއު ބަލިވެފައެއް ނެތެވެ. އެކަމަކު ވިކްޓަރީއާ ޖެހުނު ހިސާބުން އެކަން ނިމިގެން ދިޔައީ އެވެ. 

މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވިކްޓަރީ އެވެ. އެކަމަކު އެ ޓީމު ސީޒަން ފެށީ ވާދަވެރި އެހެން ޓީމުތަކަށް ވުރެ ލަހުންނެވެ. މިދިޔަ އަހަރު ގަދަ ހަތަރެއްގައި ނުހިމެނުމުން، މި ސީޒަނުގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕުން އެ ޓީމަށް ފުރުސަތެއް ނުލިބުނެވެ. އެ މުބާރާތުގައި ވާދަކުރީ މިދިޔަ ސީޒަނުގެ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ، މާޒިޔާ، ނިއު ރޭޑިއަންޓް، އޮޑި ސްޕޯޓްސް އަދި ބުރު ސްޕޯޓްސް އެވެ.

މެޗަށް ނުކުތް އިރު ވެސް ވިކްޓަރީ އޮތީ އެއްވަނައިގަ އެވެ. މިހާރު ނިއު ބަލިކޮށް އެ ޓީމުން ވަނީ އެ މަގާމުގައި އިތުރަށް ހަމަޖެހިލާފަ އެވެ. ވިކްޓަރީން ވަނީ ހަތް މެޗުން 19 ޕޮއިންޓް ހޯދާފަ އެވެ. ވިކްޓަރީއަށް ވުރެ އެއް މެޗު މަދުން ކުޅެ ނިއު ތިންވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރުވަނަ އަށް!


އޮޑިއަށް ލަނޑު ޖަހައިދިނުމަށް ފަހު، އިއްބެ އުފާފާޅުކުރަނީ: އޮޑިން ޓީސީ ބަލިކުރީ 3-1 ން — ފޮޓޯ: އެފްއޭއެމް
އޮޑިއަށް ލަނޑު ޖަހައިދިނުމަށް ފަހު، އިއްބެ އުފާފާޅުކުރަނީ: އޮޑިން ޓީސީ ބަލިކުރީ 3-1 ން — ފޮޓޯ: އެފްއޭއެމް

އިއްޔެ ހަވީރު ކުޅުނު މެޗުގައި، ފަހަތުން އަރައި 3-1 އިން ޓީސީ ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފަ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި މުހައްމަދު ދާނިޝް އިބްރާހިމް ޖެހި ލަނޑުން ޓީސީން ލީޑު ނެގި އެވެ. މެޗުގެ 40 ވަނަ މިނެޓުގައި ހަޑްސަން ޑިއާސް ވަނީ އޮޑިއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޮޑިއަށް ލީޑު ނަގައިދިނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖެހީ ވެސް ހަޑްސަން އެވެ.

މި މޮޅާއެކު އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ.