ދިރާގު ދިވެހި ޕްރީމިއާ ލީގުގައި ހއ. ދިއްދޫން ވަރުގަދަ ނިއު ރޭޑިއަންޓް 2-2 އިން ހިފަހައްޓައިފި އެވެ. 

ދިއްދޫގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ އުތުރުގެ ސަރަހައްދެއްގައި ކުޅުނު ޕްރީމިއާ ލީގުގެ ފުރަތަމަ މެޗެވެ. އެ މެޗަށް 1،300 އަށް ވުރެ ގިނަ މީހުން މެޗު ބަލަން ޖަމާވި އެވެ. 

މެޗުގެ ފުރަތަމަ 15 މިނެޓްތެރޭގައި ދިއްދޫން ވަނީ ފުރަތަމަ 15 މިނެޓު ތެރޭގައި 0-2 އިން ލީޑު ނަގާފަ އެވެ. މި ލަނޑުތައް ޖަހައިދިނީ 10 ވަނަ މިނެޓުގައި އުފާލް އަބްދުﷲ އާއި 13 ވަނަ މިނެޓުގައި ގިޑިއަން ޓެޓާ އެވެ.

ދިއްދޫ އާއި ނިއު ކުޅުނު މެޗު --- ފޮޓޯ: އެފްއޭއެމް
ދިއްދޫ އާއި ނިއު ކުޅުނު މެޗު --- ފޮޓޯ: އެފްއޭއެމް

ނިއުއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، 35 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ލަނޑުން ފަރަގު ކުޑަކޮށްފަ އެވެ.

މެޗުގެ ބޮޑުބައެއްގައި ދިއްދޫ އޮތީ ލީޑްގަ އެވެ. ދެވަނަ ހާފުގައި ނިއުއިން ކުރި މަސައްކަތް ކާމިޔާބުވީ 82 ވަނަ މިނެޓުގައެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޑޮރިއަލްޓަން ގޯމޭސް (ޑޯރީ) އެވެ.

އިތުރު ވަގުތުގެ 10 މިނެޓުގައި ދެޓީމުން މޮޅުވާން ވަރަށް މަސައްކަތް ކުރި ނަމަވެސް، ދިއްދޫން ވަނީ ހިތްވަރާއެކު ކުޅެ ނިއުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފަ އެވެ.

ދިއްދޫއާ ދެކޮޅަށް ކުޅެން، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމުތަކަށް ވަނީ ގޮންޖެހުމަކަށް ވެފަ އެވެ. ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ވިކްޓަރީއަށް ވެސް ދިއްދޫ ކައިރިން ސަލާމަތް ވެވުނީ ކިރީޔާ އެވެ. 

މާލޭގެ ގަލޮލޫ ދަނޑުގައި  މާޒިޔާ އާއި ވިކްޓަރީ ކުޅުނު މެޗު ވެސް ނިމުނީ ހަމަހަމަވެގްނެނެވެ.  

މެޗުގެ 28 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރުގަތުޖޯން ހަސަންބޯއެވް ޖެހި ލަނޑުން ވިކްޓަރީން ލިޑް ނެގި އެވެ. އެ ލަނޑާ އެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފުގައި އަބްދުﷲ ލޫތު އިބްރާހީމް، މެޗުގެ 56 ވަނަ މިނެޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ 83 ވަނަ މިނެޓުގައި އަހުމަދު އައިހަމް ވަނީ މާޒިޔާއަށް ލީޑު ނަގައިދީފަ އެވެ.

ނަމަވެސް މެޗުން ތިން ޕޮއިންޓް ހޯދުމުގެ ފުރުސަތެއް ވިކްޓަރީން މާޒިޔާއަކަށް ނުދިނެވެ. މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމު ޖެރޯ އަލްހާޖީ ޖެހި ލަނޑާ އެކު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު ވިކްޓަރީން ވެސް ވަނީ ލީގުގައި ބަލިނުވުމުގެ ޓްރެކް ދަމަހައްޓާފަ އެވެ.