ކަޕް ވިނާސް ކަޕްގައި މާޒިޔާ ކުޅުނު ދެވަނަ މެޗުގައި ބުރު ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފި އެވެ. 

އާ ސީޒަންގައި މާޒިޔާއިން ކުޅުނު މެޗުތައް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ ޗެރިޓީ ޝީލްޑްގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކުރުމުގެ އިތުރަށް ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ވެސް ބަލިކޮށްގެންނެވެ.

ކަޕްވިނާސް ކަޕްގައި މާޒިޔާ އަށް ބާކީ އޮތީ ނިއުއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހުގެ ރޭގައެވެ.

އޭގެ ކުރިން މާޒިޔާ އަށް އޮތީ އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ތަޖިކިސްތާނުގެ ރެގާރް ތަޑްއޭޒްއާ ދެކޮޅަށް ކުޅޭ މެޗެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

މިއަދު ހަވީރު އެ ދަނޑުގައި މާޒިޔާ އާއި ބުރުގެ ކުރިމަތިލުމުގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ލީޑް ނެގި އެވެ. އެ ހާފުގެ އިތުރު ވަގުތުގައި އެ ލަނޑު ޖެހީ އަބްދުﷲ އަރީން އިބްރާހިމެވެ. 

އޭނާ ޖެހީ ހިތްގައިމު ލަނޑެކެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަތިން އެ ޓީމުގެ ޑިފެންޑަރު ނިކޮލާ ވުޖިޖިޗް ކައިރިން ބޯޅަ ހޯދައިގެން އޭރިއާ ކައިރިއަށް ގޮސް އަރީން ބޯޅަ ދިނީ އޭރިއާގެ ތެރޭގައި ހުރި އަލީ ހަމްދާން އަށެވެ. އަލުން ހަމްދާން އެ ބޯޅަ އަރީން އަށް ދިނެވެ. އެ ބޯޅަ އޭނާ ފޮނުވާލީ ގޯލްގެ މަތީ ދުރު ކަނަށެވެ. 

މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް، އެ ބޯޅަ އަށް މަސައްކަތް ކުރިނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މާޒިޔާ އަށް ލިބުނެވެ. އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ބެންޖަމިން ކޫކޫ ގޯލް ކުރިމައްޗަށް ތިރިތިރިން ހުރަސްކުރި ބޯޅަ ދިޔައީ ގޯލްގެ ބުޑުންނެވެ. އެ ބޯޅަ ޖަހާ ހިސާބުގައި، އެންމެ ކައިރީގައި ހުރީ މާޒިޔާގެ އަނޫފް އަބްދުﷲ އެވެ. އެކަމަކު އޭނާ ކައިރިއަށް ބޯޅަ އައިއިރު ބޯޅައިގައި ފައިން ނުޖެހި، ގޯލް ކުރިމަތިން ހުރަސްކޮށް ބޯޅަ ދިޔައީ ބޭރަށެވެ.

އެކަމަކު ދެން ޖެހިގެން އައި މިނެޓުގައި އިބްރާހިމް އައިސަމް (ޓޯނީ) ލަނޑުޖަހައި މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ބުރުގެ އޭރިއާގެ ތެރެއިން މާޒިޔާއިން އުފެއްދި ހަމަލާ ބުރުގެ ޑިފެންޑަރު ބޮލުން ދިފާއުކުރުމުން ބޯޅަ ރީބައުންސްވި އެވެ. އެ ބޯޅަ ދެން ލިބުނީ އޭރިއާގެ ތެރޭގައި ހުރި ނައްސާހް އިބްރާހިމް ނާސިރަށެވެ.

އޭނާ ބޯޅަ ފަހަތަށް ކޮށްޕާލީ އައިސަމަށް ފުރުސަތު ދިނުމަށެވެ. އައިސަމް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ބަދަލުކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކޫކޫ އެވެ. މާޒިޔާގެ ޑިފެންޑަރު ނެމަންޏާ ޒްދްރާވްކޮވިޗް، ބުރުގެ އޭރިއާގެ ތެރެއިން ވަރަށް މަސައްކަތުން ބޯޅަ ކޮންޓްރޯލް ހޯދައި ކުރު ޕާހެއް ދިނީ ކޫކޫ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.