ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ވިންޑޯގައި ރާއްޖޭގެ ގައުމީ  ޓީމު، އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަން އެފްއޭއެމުން އިއުލާން ކޮށްފި އެވެ.

މި މެޗުތައް ކުޅުމަށް ގައުމީ ޓީމު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކިރިގިސްތާނުގެ ވެރިރަށް ބިޝްކެކަށެވެ.

މި މަހު 28 ގައި ރާއްޖޭން ނުކުންނާނީ ކިރިގިޒިސްތާނާ ދެކޮޅަށެވެ. އަދި އަންނަ މަހު އެކެއްގައި ދިވެހި ޓީމުން ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

މި މެޗުތަކަކީ ނޮވެމްބަރު މަހު ބާއްވާ އޭއެފްސީ އޭޝިއަން ކަޕް ކުއަލިފައިންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލުމަށް ކުޅޭ މުހިންމު މެޗުތަކެކެވެ. ފީފާ ރޭންކިންގައި ރާއްޖެއަށް ވުރެ ކުރީގައި އުޅޭ މި ދެ ޓީމާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ރާއްޖޭގެ ޓީމުގެ ފެންވަރު ޓެސްޓްކޮށްލަން ލިބޭ ފުރުސަތެކެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ޕާކިސްތާނާ އެކު ގުރޫޕް ބީ ގަ އެވެ. 

މި މެޗުތަކަކީ، ރާއްޖޭގެ މިހާރުގެ ކޯޗު އިސްތަވާން އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވި ފަހުން ރަށުން ބޭރުގައި ކުޅޭ ފުރަތަމަ މެޗުތަކެވެ. 

ރާއްޖޭން މީގެ ކުރިން ވަނީ ކިރިގިސްތާނާ ދެކޮޅަށް ހަތަރު ފަހަރު ކުޅެފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނީ 2014 ގައި ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ މެޗު 2-0 ން ރާއްޖޭން ކާމިޔާބު ކުރި އެވެ. 

ލުބުނާނާ ދެކޮޅަށް ރާއްޖޭން ފަސް ފަހަރު ވާދަކުރި އެވެ. އެންމެ ފަހު އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނީ އިންޑިއާގައި 2023 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގަ އެވެ. އެ މެޗު، 1-0 ން ލުބުނާނުން ކާމިޔާބު ކުރި އެވެ. 

އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލުބުނާނުގެ އިތުރުން ކުވައިތަށް ދައުވަތު ދިނެވެ. 

މީގެ ކުރިން ގައުމީ ޓީމުން، އެކުވެރިކަމުގެ މެޗުތަކެއް ގައުމުން ބޭރުގައި ކުޅުނީ ލަންކާއާ ދެކޮޅަށް މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އެ ގައުމާ ދެކޮޅަށް ކުޅުނު ދެ މެޗު ކުޅުނީ ލަންކާގެ ފުޓްބޯޅަ އިދާރާއިން މުބާރާތެއްގެ ސިފައިގައި ބާއްވަން މަސައްކަތް ކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގަ އެވެ. އެ މުބާރާތަށް އެކަށީގެންވާ އަދަދަށް ޓީމުތައް ބައިވެރި ނުވުމުން ލަންކާއިން ނިންމީ ރާއްޖެއާ އެކު ދެ މެޗު ކުޅެ، ދެ މެޗުގެ އެގްރިގޭޓް ނަތިޖާއިން މޮޅުވާ ޓީމަކަށް ތަށި ދިނުމަށެވެ. 

ވިކްޓަރީގެ މިހާރުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގެ ބެލުމުގެ ދަށުން ކުޅުނު އެ ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ރާއްޖޭން ކުރި ހޯދައި ތަށި ކާމިޔާބު ކުރި އެވެ.