ގައުމީ ފުޓްބޯޅަ ޓީމުތަކާ ގުޅޭ ކަންކަން ނިންމުމުގައި އެހީތެރިވެދޭނެ ޓެކްނިކަލް ކޮމިޓީއެއް އުފެއްދުމަށް ކޯޗު އިސްތަވާން އުރްބާނީ އޮތީ އެފްއޭއެމްގެ ކިބައިން އެދިފަ އެވެ. 

މިހާރު ކުރިމަތިލާފައިވާ އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭން ކުޅޭ ތިން މެޗަށް ތައްޔާރީތައް ފެށުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރާ އުރްބާނީ ބުނީ ގައުމީ ޓީމަށް ހާއްސަ ޓެކްނިކަލް ކޮމިޓީއެއް އުފެއްދުމަށް އޭނާ ހުށަހަޅާފައި ވާނެ ކަމަށެވެ. 

މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުން ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މާދަމާ ރާއްޖޭން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ޗައިނާގަ އެވެ. 

އުރްބާނީ ބުނިގޮތުގަ ޗައިނާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗު ކުޅުމާ މެދު އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އޭނާ ގާތު އެހި އެވެ. ނަމަވެސް އެ ނިންމުމަކީ ހަމައެކަނި އޭނާ އަށް ފެންނަ ގޮތަށް އެކަނި ނިންމަންޖެހޭ ކަމެއް ނޫންކަން ހާމަކޮށް، ގައުމީ ޓީމަށް ޓެކްނިކަލް ކޮމިޓީއެއް އުފެއްދުމުގެ މުހިންމުކަމުގެ ވާހަކަ ފާޙަގަކޮށްފައިވާނެ ކަމަށް އުރްބާނީ ބުންޏެވެ. 

"އަަހަރެން ވާނީ (އެފްއޭއެމްގެ) މެނޭޖްމަންޓަށް ޕްރޮޕޯޒަލް ފޮނުވާފައި. ޓެކްނިކަލް ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ބުނެ.  އޭރުން މަޝްވަރާކުރެވޭނެ (އެކުވެރިކަމުގެ މެޗުތައް ކުޅުމާ ބެހޭގޮތުން ވެސް). ސާފް ޗެމްޕިއަންޝިޕްގެ ކުރިން މަދުވެގެން އިތުރު ދެ މެޗު ކުޅެން އަހަރެމެންނަށް ބޭނުންވޭ،" އުރްބާނީ ބުންޏެވެ. 

އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ އުރްބާނީ ހުށަހެޅި ކޮމިޓީ އުފެއްދުމާ ބެހޭގޮތުން އެ އެސޯސިއޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. 

އޭނާ ވިދާޅުވިގޮތުގައި އެފްއޭއެމްގެ އަސާސީ ގަވާއިދުގެދަށުން،  މިހާރު ވެސް ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އޮތީ އުފައްދާފަ އެވެ.

ޒަރީރު ވިދާޅުވީ އެ ކޮމިޓީން ގައުމީ ޓީމާ ގުޅުން ހުރި މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އެހެންވެ ގައުމީ ޓީމަށް ވަކި ޓެކްނިކަލް ކޮމިޓީއެއް އުފައްދާނީތޯ ނުވަތަ ނޫންތޯ އާ މެދު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ކޮމިޓީން [މިހާރު އޮތް ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީން] ގައުމީ ޓީމުތަކާ ގުޅުން ހުރި މަސައްކަތް ވެސް ކުރާނެ. އެހެންވީމަ އިތުރު ޓެކްނިކަލް ކޮމިޓީއެއް ގައުމީ ޓީމަށް ހާއްސަކޮށް އުފައްދާނީތޯ. އެކަން އޮތީ މަޝްވަރާގެ މަރުހަލާގައި،" ޒަރީރު ވިދާޅުވި އެވެ. 

އެފްއޭއެމްގެ ސްޓޭންޑިން ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ، ޓެކްނިކަލް ޑިވެލޮޕްމެންޓްކޮމިޓީގެ ޗެއާޕާސަނަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހްމަދު އައްބާސް (އައްބު) އެވެ. ކޮމިޓީގެ ނައިބަކީ 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު އަހްމަދު ޝާކިރު (ޝާކިއްޓޭ) އެވެ. 

ހަގީގަތަކީ އެފްއޭއެމްގެ އެތެރޭގައި ސަބް ކޮމިޓީތައް އުފައްދާފައި ވިޔަސް، ގިނަ ކޮމިޓީތައް ހުރީ ނަމަކަށެވެ. ގިނަ ކޮމިޓީތަކުން ހަރަކާތްތެރިކަމެއް ނުފެނެ އެވެ.

އެފްއޭއެމުން މީގެ ކުރިން ވަނީ ގައުމީ ޓީމު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދާފަ އެވެ. އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި، ކުރީގެ ސަރުކާރުގެ ދެ ވަޒީރުން ހިމަނައިގެން ގައުމީ ޓީމު ކޮމިޓީއެއް އެކުލަވާލި އެވެ. އެކަމަކު ފަހުން އެ ކޮމިޓީ ވެސް ފެނުނީ ހަރަކާތެއް ނެތި ހުއްޓިފައި އޮތް ތަނެވެ.