މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ކޯޗުކަން ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް، އިސްތަވާން އުރްބާނީ ދީފި އެވެ. 

އިއްޔެ ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކޯޗުގެ ގޮތުގައި އޭނާ ކުރިމަތިލާ ހަތަރުވަނަ ސާފް ޗެމްޕިއަންޝިޕްވެ. މީގެ ކުރިން އޭނާ ވަނީ 2009، 2012 އަދި 2013 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދީފަ އެވެ. ބަންގްލަދޭޝްގައި 2009 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އޭނާގެ ކޯޗުކަމުގެދަށުން ރާއްޖެ ގެންގޮސްދިނެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ ހަންގޭރީގެ ތަޖުރިބާކާރު ބުނީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ ފަހު މުބާރާތް ކަމަށް ވެދާނެ ކަމަށެވެ.

"އަހަރެން ވެސް މި މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި އުޅޭތާ ވަރަށް ދުވަސްވެއްޖެ. ކުރިން ވެސް ބުނިހެން މިއީ އަހަރެންގެ ހަތަރުވަނަ ފަހަރު. އަދި ވެދާނެ މިއީ އަހަރެންގެ އެންމެ ފަހު ފަހަރުކަމަށް ވެސް،" އުރްބާނީ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔެއްގެ ގޮތުގައ އެ ދާއިރާއިން ވެސް އޭނާ ކުރަން ޖެހޭ މަސައްކަތްތަކެއް އެބަ ހުއްޓެވެ. 

އޭނާ ވާހަކަ ދެއްކީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވުރެ، ޓެކްނިކަލް އެހެން މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި ބައިވެރިވުމާ ބެހޭގޮތުންނެވެ. 

"އަހަރެން މިހާރު ކޯޗިން އާމެދު އެހާ ބޮޑަކަށް ނުވިސްނަން. ސަބަބަކީ ކުރަންޖެހޭ އެހެން ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ކޯޗެއްގެ ގޮތުގައި ހުންނައިރު ސިކުނޑި އަބަދުވެސް އޮންނާނީ އެ ޓީމަކާއި މުބާރާތަކަށް ހުސްވެފައި. އަހަރެންގެ އެގްރިމެންޓް އޮތީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި،" ސާފް ޗެމްޕިއަންޝިޕްގެ ހަވާސާގައި ބަންގްލަދޭޝްގައި ތިބި ދިވެހި ނޫސްވެރިންނަށް ދިން އިންޓަވިއުގައި އުރްބާނީ ބުންޏެވެ. 
އޭނާ ބުނީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި އޭނާއާ އެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ގައުމީ ޓީމަށް ކޯޗަކު ހޯދުމުގައި އިރުޝާދާއި ލަފާ ދިނުން ހިމެނޭ ކަމަށެވެ. 

އޭނާ ބުނީ އެއްކޮށް މަސައްކަތް ދޫކޮށްލާފައި ދާ ވާހަކަ އޭނާ ނުބުނާ ކަމަށެވެ. 

"(ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި) އަހަރެންގެ ކޮންޓްރެކްޓްގައި ވެސް އޮންނާނެ ގައުމީ ޓީމަށް އާ ކޯޗަކު ހޯދުމުގައި ހިޔާލާއި ލަފާ ދިނުން. އެ ދެ މަގާމު [ގައުމީ ކޯޗުކަމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު] ވަކިން އޮތުމު ފުރުސަތު (ދިނުމަށް)،" އުރްބާނީ ތަފްސީލުކޮށް ދިނެވެ. 

"އެހެންވެގެން އެ ވާހަކަ މި ބުނީ. އެކަމަކު އަހަރެން ބޮޑަށް އެ ވާހަކަ މި ދެއްކީ މިއީ އަހަރެންގެ ހަތަރުވަނަ ސާފް މުބާރާތޭ ބުނާ އުސޫލުން ބައެއް ފަހަރު ކަންކަން ނިމުމަކަށް އަންނާނެ ނޫންހޭ. އެހެންވީމާ މިއީ މުޅިން ވަދާއު ކިޔުން ނުވަތަ އެކޮށް ދޫކޮށްލާފައި ދިޔުން ކަހަލަ ކަމެއް ނޫން."

އޭނާ ބުނީ ޒުވާން ކޯޗުންނަށް ފުރުސަތު ތަނަވަސްކޮށް ދީ، އެ ކޯޗުން އިތުރަށް ތަމްރީނުކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. 

"އެހެންވެ ސޮބާ [ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް]  ވެސް މިތާ މިހުރީ އަހަރެންނާ އެކު. އަދި ހާއްސަކޮށް ދިވެހި ކޯޗުންނާއި، މިފަދަ ބައިނަލްއަގުވާމީ މުބާރާތްތަކަށް މި އަންނަ ޒުވާން ޖީލުގެ ކޯޗުން ކުރިއަށް ނުކުތުމަކީ އަހަރެން ވަރަށް ދެކޭހިތްވާ ކަމެއް،" އުރްބާނީ ބުންޏެވެ. 

ރާއްޖޭގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އުރްބާނީ ބުނީ މެޗަށް ތައްޔާރު ވަނީ ވަކި ޓީމަކަށް ބަލައިގެން ނޫން ކަމަށެވެ. އިދިކޮޅުން ކޮންމެ ޓީމެއް ކުޅުނަސް އެންމެ ވަރުގަދައަށް ރާއްޖޭން ތައްޔާރުވާނެ ކަމަށް އޭނާ ބުންޏެވެ.  ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އާދިއްތަ ދުވަހު، ރާއްޖޭ ގަޑިން މެންދުރު ފަހު 2:30 ގަ އެވެ.