ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އެއް ގުރޫޕެއްގައި އިންޑިއާ އާއި ޕާކިސްތާން ލައްވާލައިފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ނޮވެމްބަރު 4-17 އަށް ކުރިއަށްގެންދާ މުބާރާތުގައި، ސާފްގެ ހަތް ގައުމުގެ ތެރެއިން މުބާރާތުގައި ވާދަކުރާނެކަމުގެ ކަށަވަރުކަން ނެތީ ނޭޕާލަށެވެ. އެ ގައުމުގެ ސަރުކާރުން އޯލް ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ގެ ސަސްޕެންޑްކުރުމުން، ފީފާއިން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ގައުމު ސަސްޕެންޑް ކޮށްފަ އެވެ.
ސަރުކާރުން ގޮތް ދޫކޮށްލައި، އަންފާގެ އިންތިހާބު ކުރިއަށްގެންދިއުމުގެ ހުއްދަ ލިބެންދެން ނޭޕާލްގެ އޮންނާނީ ފީފާގެ ސަސްޕެންޝަނުގަ އެވެ. ބޫޓާންގެ ވެރިރަށް ތިމްޕޫގައި މިއަދު ބޭއްވި ސާފްގެ ކޮންގްރެސްގައި ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ރަސްމިއްޔަތުގައި ނޭޕާލަށް ވަނީ މުހުލަތެއް ދީފަ އެވެ.
އަންނަ މަހު އެކެއްގެ ގެ ނިޔަލަށް ނޭޕާލް، ސަސްޕެންޝަނުން ނުނަގައިފިނަމަ، ސާފްގެ މުބާރާތުން އެ ގައުމަށް ފުރުސަތު ނުލިބޭނެކަމަށް، ސާފުން ނިންމާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ. އެ ތރީހުގެ ކުރިން ނޭޕާލުގެ ސަސަޕެންޝަން ފިލައިފިނަމަ، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެ ގައުމަށް ދޭނެ އެވެ.
މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ލިބޭނަމަ، އެ ގައުމު ވާދަކުރާނީ ގުރޫޕް އޭ ގަ އެވެ. އެ ގުރޫޕްގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އާއި ބޫޓާން އަދި ޝްރީލަންކާ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި، ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށެވެ.
ރާއްޖެ އަށް މި ލައްވާލީ ނިސްބަތުން އުނދަގޫ ގުރޫޕެކެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އަށް ބަލިކުރަން އުނދަގޫ ޓީމެކެވެ. ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް، އިންޑިއާގެ 23 އަހަރުންދަށުގެ ޓީމު ބަލިކޮށް ރާއްޖޭން ކާމިޔާބު ކުރި ފަހުން، އިންޑިއާގެ އެއްވެސް ޓީމަކާ ދެކޮޅަށް ރާއްޖެއަށް މެޗަކުން ވެސް މޮޅުވެވިފައެއް ނުވެ އެވެ.
ޕާކިސްތާން ވެސް މިހާރު ފާހަގަ ކުރެވިފައި ވަނީ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ. ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅޭ ޕާކިސްތާނު ދަރިކޮޅުގެ ކުޅުންތެރިން ގައުމީ ޓީމުގައި ހިމަނައި، ޕާކިސްތާނުން ވެސް ވަނީ ވަރުގަދަ ގައުމީ ޓީމެއް އެކުލަވާލާފަ އެވެ.
ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދީ ފައިނަލުގައި އަފްޣާނިސްތާނު ބަލިކުރުމަށް ފަހު އެވެ.
އެ މުބާރާތުގެ ރައުްންޑް ރޮބިން ބުރުގައި ރާއްޖޭގެ މައްޗަށް ވެސް ޕާކިސްތާނުން ކުރި ހޯދި އެވެ. އެއީ 35 އަހަރަށް ފަހު ޕާކިސްތާނުން ރާއްޖޭގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.
އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް މުޅިން އަލަށް ބާއްވާ ފީފާ އާސިއާން ކަޕްގައި ވެސް ޕާކިސްތާނާއި އިންޑިއާއިން ވާދަކުރެ އެވެ. އެ މުބާރާތް ކުރިއަށްގެންދާނީ އަންނަ މަހު އެވެ. ކުރިން އަންނަ މަހު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕް، ނޮވެމްބަރަށް ފަސް ކުރީ އިންޑިއާއިން އެ މުބާރާތުގައި ވާދަކުރަން ހަމަޖެހިފައި އޮތުމުންނެވެ. ފަހުން ޕާކިސްތާނުން ވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ޑާކާގެ ނެޝަނަލް ސްޓޭޑިއަމް، ކުރީގެ ބަންގްބަންދު ސްޓޭޑިއަމްގަ އެވެ.