އޮޑި ސްޕޯޓްސްގެ ޑިފެންޑަރު އަހްމަދު އައިހަމް (އައިހު) ދެވަނަ ދަރިޔަކު ލިބޭތީ، މާލޭގައި މަޑުކުރުމަށް ފަހު، އަންހެނުން ވިހެއުމުން، އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދާ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރޭނިންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން ދަނީ އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށެވެ.

އެ މުބާރަތަށް ކޯޗު އިސްތުވާން އުރުބާނީ އެކުލަވާލި 24 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑް، ހޯމަ ދުވަހު ޖަކާޓާއަށް ފުރިއިރު، މާލޭގައި މަޑުކުރުމުގެ ހުއްދަ ދިން ހަމައެކަނި ކުޅުންތެރިއަކީ އައިހަމް އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ފުރުން ލަސްކުރީ ދެވަނަ ދަރިފުޅު ލިބޭތީ، އަންހެނުން ސަމާ މުޖްތޮބާ އާއި އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަންހެނުންނާއި އަލަށް އުފަންވި ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަން، "މިހާރު" އަށް ވަނީ އެނގިފަ އެވެ. 

އައިހަމް ޓީމާ ގުޅުނީ ބުރާސްފަތި ދުވަހު އެވެ. 

އައިހަމް (ވ) އާއި އޭނާގެ އަންހެނުން ސަމާ (ކ) އަދި އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅާ އެކު: އެ ދެމަފިރިންނަށް މިހާރު ވަނީ ދެވަނަ ދަރިޔަކު ލިބިފައި --- ފޮޓޯ: ހުސައިން ޝައްމާހް | އައިހަމް ފޭސްބްކް ޕްރޮފައިލް
އައިހަމް (ވ) އާއި އޭނާގެ އަންހެނުން ސަމާ (ކ) އަދި އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅާ އެކު: އެ ދެމަފިރިންނަށް މިހާރު ވަނީ ދެވަނަ ދަރިޔަކު ލިބިފައި --- ފޮޓޯ: ހުސައިން ޝައްމާހް | އައިހަމް ފޭސްބްކް ޕްރޮފައިލް

އިންޑޮނޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެހީތެރިކަމާ އެކު އެފްއޭއެމުންއިންތިޒާމު ކުރި ޓްރޭނިން ކޭމްޕަށް މިހާރު ވަނީ ފުލު ސްކޮޑް ހަމަވެފަ އެވެ. 

އެ ކޭމްޕް ނިންމައި ޓީމު މާލެ އަންނާނީ މާދަމާ އެވެ. 

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ގައުމީ ޓީމުން ވަނީ ޗައިނާ، ކިރްގިސްތާން އަދި ލުބުނާނާ ދެކޮޅަށް، ސެޕްތެމްބަރު، އޮކްޓޯބަރުގެ އިންޓަނޭޝަނަލް ބްރޭކްގައި މެޗުތަކެއް ކުޅެފަ އެވެ.  

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން އިންޑިއާ އާއި ޕާކިސްތާނާ އެކު ގުރޫޕް ބީ ގަ އެވެ. 

ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ގުރޫޕްގެ ފަހު މެޗުގައި އިންޑިއާ ދެކޮޅަށް ކުޅޭނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.