ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގައި މިދިޔަ މަހު ބްރެޒިލާއި އުރުގުއޭއަށް ފައިސާ ނުދެވި، އިންޑިއާގެ ފުޓްބޯޅަ އިދާރާ (އޭއައިއެފްއެފް) މާލީ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލާއި އުރުގުއޭއިން އިންޑިއާގެ ފަސްގަނޑުގައި މެޗު ކުޅެން އެއްބަސްވީ، ފައިސާ ދޭ ގޮތަށެވެ. އިންޑިއާގެ މީޑީއާތަކުން ރިޕޯޓްކުރިގޮތުގައި ބްރެޒިލާއި އުރުގުއޭގެ އެސޯސިއޭޝަންތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވިއޮތުމުގެ ސަބަބުން އޭއައިއެފްއެފްގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ސެޕްޓެމްބަރު މަހު އިންޑިއާއިން ވަނީ ބެންގަލޫރުގައި، ޕެނަމާއާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
އެ މެޗުތައް އިންތިޒާމުކުރީ ސްޕޮންސަރުންނާއި އެހެނިހެން ޕާޓްނަރުންގެ އަތުން ހަރަދުތައް ހަމަޖެހޭނެކަމަށް ފެޑަރޭޝަންގެ ވެރިން ކުރިން ވިދާޅުވެފައިވާކަމަށް މިޑީއާތަކުން ބުންޏެވެ. އެކަމަކު ޓިކެޓު ވިކުނު އަދަދު މަދުވުމާއި މެޗުތައް ބޭއްވުމަށް ހިނގި ހަރަދު އިންތިހާއަށް ބޮޑުވުމުން، ލިބޭނެކަމަށް އަންދާޒާކުރި މިންވަރާ ގާތްކުރާ އަދަދަކަށް ވެސް ފައިސާ ލިބިފައިނުވާކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ބްރެޒިލަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 50 ޕަސަންޓް ފައިސާ ވަނީ ދައްކާފަ އެވެ. އުރުގުއޭއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ވެސް ބައެއް ވަނީ ދައްކާފަ އެވެ. ޕެނަމާއަށް ހުރިހާ ފައިސާއެއް ވަނީ ދީފަ އެވެ.
ބްރެޒިލާއި އުރްގުއޭއަށް އިންޑިއާއިން ދޭން ޖެހޭ ފައިސާގެތެރެއިން ނުދެވި ހުރި ތަފްސީލު
- ބްރެޒިލަށް ގާތްގަނޑަކަށް 2.2 މިލިއަން ޑޮލަރު
- އުރުގުއޭއަށް ގާތްގަނޑަކަށް 1.3 މިލިއަން ޑޮލަރު
އިންޑިއާގެ ފުޓްބޯޅައިގެ ރައީސް ކަލްޔާން ޗޯބޭ ވަނީ ފެޑަރޭޝަންގެ ރިޒާވްގައި ހުރި 200 މިލިއަން ރުޕީސް (2.1 މިލިއަން ޑޮލަރު) ފިކްސްޑް ޑިޕޮސިޓުން ފައިސާ ނަގައި ދަރަނިތައް ދެއްކުމަށް ހުށަހަޅާފަ އެވެ. ޗޯބޭ ވިދާޅުވީ ސްޕޮންސަރުންގެ ފައިސާ ލިބުމުން އެ ރިޒާވަށް އަލުން އެ ފައިސާ ޖަމާކުރާނެ ކަމަށެވެ.
އޭނާ އެ ހިޔާލު ހުށަހެޅީ ފެޑެރޭޝަންގެ ހާއްސަ ޖަލްސާއެއްގަ އެވެ. ނަމަވެސް ކުރީގެ ރައީސް ޕްރަފުލް ޕަޓޭލާއި މިހާރުގެ ނައިބު ރައީސް އެންއޭ ހާރިސް އިސްކޮށް ތިއްބަވައިގެން ޖެނެރަލް ބޮޑީގެ މެންބަރުން ވަނީ މި ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
ފިކްސްޑް ޑިޕޮސިޓަކީ ފެޑަރޭޝަންގެ މާލީ ރައްކާތެރިކަމަށް އޮތް އެންމެ ފަހު ހަތިޔާރު ކަމަށް ހާއްސަ ޖަލްސާގެ މެންބަރުން ފާހަގަކޮށްފައިވާ ކަމަށް އިންޑިއާގެ މީޑީއާތަކުން ބުންޏެވެ. އަދި ހިންގުމުގައި ހެދި ގޯސްތަކެއްގެ ބަދަލުގައި އެ ފައިސާ ނަގައިގެން ބޭނުމެއް ނުކުރެވޭނެކަމަށް، ޖަލްސާގެ މެންބަރުން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ކަމަށް ވެސް އިންޑިއާގެ މީޑީއާތަކުން ބުންޏެވެ.