އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މާކޭޒް: ގޯއާ އެފްސީގެ ކޯޗުގެ މަގާމު ވެސް އަދާކުރަމުންދާ މާކޭޒަށް ގައުމީ ޓީމުގެ ވަޒީފާ ގެއްލުނީ އިއްޔެ --- ފައިލް ފޮޓޯ: އެޗްޓީ
03 ޖުލައި 2025 - 11:48
ދެ ޓީމުގައި ކޯޗުކަމުގެ ވަޒީފާ އަދާކުރަމުން ދިޔަ އިންޑިއާގެ ކޯޗު މޮނާލޯ މާކޭޒަށް، ގައުމީ ޓީމުގެ ވަޒީފާ ގެއްލިއްޖެ އެވެ.
އިންޑިއާގެ ގައުމީ ޓީމުގެ އިތުރުން ސްޕެއިންގެ ތަޖުރިބާކާރު ދަނީ ސުޕަ ލީގުގެ ކްލަބް ގޯއާ އެފްސީގައި ވެސް ހެޑް ކޯޗުގެ މަގާމު އަދާކުރަމުންނެވެ.
ސުޕަ ލީގުގެ ކާމިޔާބު ކޯޗަށް އިންޑިއާގެ މަގާމު ދިނީ މިދިޔަ އަހަރު އެވެ. އޭރުގެ ކޯޗު އީގޯ ސްޓިމަޗް މަގާމުން ވަކި ކުރުމަށް ފަހު އިންޑިއާގެ ފެޑެރޭޝަނުން ނިންމީ އެ ގައުމުގެ ފުޓްބޯޅަ "ރަނގަޅަށް އެނގޭ" މާކޭޒަށް މަގާމު ދިނުމަށެވެ. ގޯއާގައި މަސައްކަތް ކުރުމަށް ފަހު އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުގައި މަސައްކަތް ކުރުމަށް އިންޑިއާގެ އެފްއޭއިން އިއުތިރާޒު ނުކޮށް މަގާމު ދިނެވެ.
ހައިދަރްއާބްދު އެފްސީ އަށް ސުޕަ ލީގު ކާމިޔާބުކޮށް ދިން ކޯޗު އިންޑިއާގެ މަގާމުގައި އެއް އަހަރު ވެސް ފުރިހަމަ ނުކުރެވުނެވެ. ޖުމުލަ 11 މަހަށް ފަހު އިންޑިއާގެ ފެޑެރޭޝަނުން ވަނީ، އިއްޔެ އޭނާ ދޫކޮށްލައިފަ އެވެ. އެ އިދާރާއިން ބުނީ މަކޭޒްގެ އެއްބަސްވުން ނިމުމަކަށް ގެނައީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.
އޭނާގެ ކޯޗުކަމުގައި ކުޅުނު އަށް މެޗުން އޭނަ އަށް އިންޑިއާ މޮޅުކޮށް ދެވުނީ އެންމެ މެޗަކުންނެވެ. އެއީ މާޗް މަހު ރާއްޖެއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ. އެކަމަކު އެ މުއްދަތުގައި ގޯއާ އަށް އިންޑިއާގެ ސުޕަ ކަޕް ކާމިޔާބުކޮށް ދިނެވެ.
އިންޑިއާގެ ފެޑްރޭޝަނުން ބުނީ ގައުމީ ޓީމަށް އާ ކޯޗަކު ހަމަޖައްސާނީ އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy