ބްރެޒިލާ ދެކޮޅަށް އިންޑިއާއިން ކުޅޭ އެކުވެރިކަމުގެ މެޗަކީ، އެ ގައުމުގެ ކުޅުންޔެރިން ގިނަ ކަންތައްތަކެއް ދަސްކޮށް ބޮޑެތި ހުވަފެންތަކެއް ދެކެން ލިބޭ ފުރުސަތެއްކަމަށް އިންޑިއާގެ ފުޓްބޯޅަ އިދާރާއިން ބުނެފި އެވެ. 

އިންޑިއާ ދެކޮޅަށް ބްރެޒިލުން ކުޅޭ މެޗު އޮންނާނީ ކަލްކަތާގައި އޮކްޓޯބަރު ތިނެއްގަ އެވެ. 

އެ މެޗު ވެގެންދާނީ އިންޑިއާގެ ފުޓްބޯޅަ ތާރީހުގައި އެ ގައުމުން ކުޅޭ އެންމެ ހާއްސަ ކުރިމަތިލުމަށެވެ. 

"ފުޓްބޯޅަ ފެޑެރޭޝަން އޮފް ބަހަރަތު"ގެ ނަމަށް ބަދަލު ކުރަން ނިންމާފައިވާ، އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސިފަ ކުރި ގޮތުގައި އެއީ އާންމު މެޗަކަށް ވުރެ ހާއްސަ މެޗެކެވެ. އެ ގައުމުގެ ފުޓްބޯޅަ އަށް ވެސް އެ މެޗުން ބޮޑު ފުރުސަތެއްގެ ހުޅުވޭނެކަމަށް އޭއައިއެފްއެފްގެ ޑައިރެކްޓާ ސުބްރަތާ ޕޯލް ބުންޏެވެ. 

"ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިއީ ހަމައެކަނި އިތުރު މެޗަކަށްވުރެ މާ ބޮޑު ފުރުސަތެއް. މިއީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ގައުމާ ދެކޮޅަށް ކުޅެ، އަމިއްލަ ގާބިލުކަން ވަޒަންކުރަން ލިބޭ ވަރަށް ނާދިރު ފުރުސަތެއް،" ސުބްރަތާ ޕޯލް ބުންޏެވެ.

"މިފަދަ ތަޖުރިބާތަކުގެ ސަބަބުން ކުޅުންތެރިންނަށް ކުރިއެރުން ލިބި މާ ބޮޑެތި ކަންކަމަށް ހުވަފެންދެކެން ހިތްވަރު ލިބޭނެ. އަދި މުޅި ކެރިއަރުގައި ވެސް ހަނދާނުން ނުފިލާނެ ފަދަ ހަނދާންތަކެއް އާވެގެންދާނެ (މެޗަކަށް މި ކުރިމަތިލުން ވާނެ)."

އިންޑިއާއާ ދެކޮޅަށް ކުޅުމުގެ ކުރިން، އަންނަ މަހު ފަހުކޮޅު އޮސްޓްރޭލިއާއާ ދެކޮޅަށް އެ ގައުމުގެ ކްއީންސްލޭންޑްގައި ވެސް ބްރެޒިލުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 25 ގައި ކްއީސްލޭންޑްގެ ޓައުންސްވިލްގަ އެވެ. ދެވަނަ މެޗު އަންނަ މަހު 29 ގައި ކުޅޭނީ އެ ސްޓޭޓްގެ ވެރިރަށް ބްރިސްބޭންގަ އެވެ. 

އޮސްޓްރޭލިއާ އަދި އިންޑިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މި ތިން މެޗާ ގުޅޭގޮތުން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އެ ތިން މެޗު އޭނާ ބޭނުން ކުރާނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.