ފުރަތަމަ ފަހަރަށް ބާއްވާ ފީފާ އާސިއާން ކަޕްގައި ބައިވެރިވުމަށް ފަހު، އިންޑިއާއިން އެ މުބާރާތުގެ ފުރުސަތު ދޫކޮށްލައިފި އެވެ. 

އިންޑިއާއިން އެ ފުރުސަތު ދޫކޮށްލީ، އޮކްޓޯބަރު ތިނެއްގައި ބްރެޒިލާ ދެކޮޅަށް ކަލްކަތާގައި ކުޅޭ މެޗު އިހްތިޔާރު ކުރުމުގެ ގޮތުންނެވެ. 

އިންޑޮނޭޝިއާ އާއި ހޮންކޮންގައި ބާއްވާ މުބާރާތް އޮންނާނީ ސެޕްޓެމްބަރު 24 ން އޮކްޓޯބަރު ތިނަކަށެވެ.

މީގެ ކުރިން ސެޕްޓެމްބަރުގެ އެ ތާރީހުގައި ފަށަން އޮތް ސާފް ޗެމްޕިއަންޝިޕް، ނޮވެމްބަރަށް ފަސްކުރީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިންޑިއާ އަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ. އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު، ޕާކިސްތާނުން ވެސް ފަހުން ވަނީ ހޯދާފަ އެވެ. 

އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ނަން، ފުޓްބޯޅަ ފެޑެރޭޝަން އޮފް ބަހަރަތުގެ ނަމަށް ބަދަލުކުރަން ނިންމާފައިވާ އިދާރާގެ ރައީސް ކަލްޔާން ޗައުބޭ ވިދާޅުވީ އާސިއާންގެ މުބާރާތުން ވަކިވާން ނިންމީ ބްރެޒިލްގެ މެޗު އިސްކުރުމުގެ ގޮތުން ކަމަށެވެ. 

މުބާރާތުން ވަކިވާން ނިންމިކަން ފީފާ އާއި އިންތިޒާމުކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޗައުބޭ ވިދާޅުވިގޮތުގައި ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލާ ދެކޮޅަށް ކުޅުމަކީ ހަޔާތުން އެއް ފަހަރު ނޫނީ ނުލިބޭނެ ފަދަ ރަނުގެ ފުރުސަތެކެވެ. 

"ބްރެޒިލްއާ ދެކޮޅަށް ކުޅުމަކީ އިންޑިއާގެ ކުޅުންތެރިންނަށް ފަހަރެއްގައި ހަޔާތުގައި އެންމެ ފަހަރަކު ލިބޭނެ ފުރުސަތެއް،" ޓާއިމްސް އޮފް އިންޑިއާ އަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އާސިއާން ކަޕުން ވަކިވިޔަސް، ފީފާގެ އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ހިފަން ބްރެޒިލްގެ މެޗުގެ އިތުރުން އެހެން މެޗެއް ވެސް ކުޅެން މަސައްކަތް ކުރާ ކަމަށެވެ. 

އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް، ފީފާ މިންގަނޑަށް ފެތޭ މުބާރާތެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބާއްވާ އާސިއަން ކަޕުން އިންޑިއާ ވަކިވުމުން، އެ ޖާގަ ދެކުނު އޭޝިއާގެ އެހެން ޓީމަކަށް ދީފާނެކަމަށް، ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. 

މިދިޔަ މަހު ޗައިނާއިން ވެސް ވަނީ އެ މުބާރާތުން ވަކިވެފަ އެވެ. އެ ގައުމުން ވަކިވީ އަންނަ އަހަރު ކުރީކޮޅު ބާއްވާ އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން ވޯމް އަޕް މުބާރާތެއްގައި އުޒްބެކިސްތާނާއި ފަލަސްތީން، ތަޖިކިސްތާން އަދި އުތުރު ކޮެރެއާ އެކު ކުޅުމަށެވެ.