ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބަލާއިރު ލިބިފައިހުރި ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަހަރުން އަހަރަށް އިތުރުވަނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ފަދަ ހާލަތްތައް އެކި ފަހަރު މަތިން ކުރިމަތިވާއިރު ވެސް ހައްލެއް ނުލިބޭތީ އެވެ. އޭގެ ސަބަބުން ކުޅުންތެރިންނާއި ކުޅިވަރުގައި ޝާމިލުވެ އުޅޭ ފަރާތްތަކަށް ލިބޭ ގެއްލުން ވެސް އިތުރުވާއިރު، އަލިމަގެއް ފެންނަން ވެސް ނެތުމުންނެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ޖުލައި 26 ކުޅިވަރުތަކަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ބޭނުންކުރަނިކޮށް ދަނޑުގެ ވިނަގަނޑަށް މިވަނީ ތިން ވަނަ ފަހަރަށް ގެއްލުން ލިބިފަ އެވެ. އަނެއްކާ ވެސް ފުޓްބޯޅަ އަށް މި ލިބުނީ ދެރަ އެކެވެ.

ގަލޮޅު ދަނޑު ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީ އަށެވެ. މީގެ ކުރިން ވެސް ގަލޮޅު ދަނޑުގައި އެކި ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މައްސަލައަކީ އެފަދަ ކަންކަމަށް ދަނޑު ބޭނުންކުރުމެއް ނޫނެވެ. ބޭނުންކުރާއިރު ފަރުވާކުޑަވުން ނުވަތަ ބަލަން ވާ ވަރަށް ނުބެލިގެން ދަނޑުތައް ހަލާކުވުމެވެ. އަދި ދަނޑަށް ގެއްލުން ލިބޭއިރު، މެޗުތައް ކުޅޭނެ އިތުރު ދަނޑެއް ވެސް ނެތުމެވެ.

މީގެ ކުރިން ދެ ފަހަރު ޖުލައި 26 ގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރި ގޮތުން ގަލޮޅު ދަނޑުގެ ވިނަގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އެއީ 2015 އާއި 2016 ވަނަ އަހަރު އެވެ. އެ ދެ ފަހަރު ކުރެވުނު ހިތި ތަޖުރިބާތައް ގިނަ ބަޔެއްގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.

ވިނަގަނޑަށް ގެއްލުން ލިބިގެން ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނީ 2015 ވަނަ އަަހަރު އެވެ. އެ ފަހަރު މިނިވަން 50 ހަރަކާތްތަކަށް ގަލޮޅު ދަނޑުގައި ހަރަކާތްތައް ހިންގަން އެޅި މެޓް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު މަރުވި އެވެ. ބޭނުން ނުކުރެވޭ ވަރަށް ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ދެން ޖެހުނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕް ނުބާއްވައި، ޕްރެޒިޑެންޓްސް ކަޕް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އަށް ބަދަލުކުރާށެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު ވެސް ޖެހުނީ ޗައިނާގައި ކުޅޭށެވެ.

އެ ފަހަރު ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން މާލީ ގޮތުން ބެލިޔަސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އެފްއޭއެމްއާ ކުރިމަތިލާން ޖެހުނެވެ. ކްލަބްތަކަށް ވެސް މިލިއަނުން ގެއްލުން ލިބުނެވެ. އެ ފަހަރު އެހެން ދިމާވެފައި ވަނިކޮށް 2016 ވަނަ އަހަރު އަނެއްކާ ވެސް ދަނޑުގައި މެޓް އަޅައިގެން ހަރަކާތް ކުރިއަށް ގެންދަނިކޮށް ވިނަގަނޑަށް ގެއްލުން ލިބުނެވެ.

މި ފަހަރުގެ ގެއްލުމާ އެކު ދެ މަހަށް ވުރެން ގިނަ ދުވަހުގެ ބޮޑު މެދުކެނޑުމެއް

މި ފަހަރު ދަނޑަށް މި ލިބުނު ގެއްލުމާ އެކު މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ ދެ މަހަށް ވުރެން ގިނަ ދުވަހަށް މެދުކަނޑާލަން ޖެހިފަ އެވެ. އެންމެ ފަހުން ލީގުގެ މެޗެއް ކުޅުނީ މި މަހު 18 ވަނަ ދުވަހު އެވެ. ދެން އެންމެ އަވަހަށް ވެސް އެ ޓީމުތަކުން ރަސްމީ ވާދަވެރި މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ފަހު އެ މަހުގެ 26 ވަނަ ދުވަހު އެވެ.

މިމެދުކެނޑުމާ އެކު ޓީމުތަކަށް ޖެހޭނީ ދެ މަސް ދުވަހު ހަމައެކަނި ޕްރެކްޓިސް ކޮށްލަކޮށްލާ ތިބެ ކުޅުންތެރިންނަށް މުސާރަ ދޭށެވެ. އަދި އަތޮޅުތަކުން އައިސް ކުޅޭ ޓީމުތަކަށް ޖެހިފައިވަނީ ކުޅުންތެރިން އަދާކުރަމުންދާ ވަޒީފާތަކުން ވީއްލުމުގެ ކަންތައްތައް އަލުން ހަމަޖައްސާށެވެ. އެކި ޓީމުތަކަށް އެކި ވަރުގެ ގެއްލުން ލިބުނު ނަމަވެސް ނިސްބަތުން ބަލާއިރު މީގެ ގެއްލުން ކޮންމެ ބަޔަކަށް ވެސް ބޮޑެވެ. ފުޓްބޯޅަ އަށް ވެސް ލިބޭ ގެއްލުން ހީނުކުރާހާ ބޮޑުވާނެ އެވެ.

"ހަގީގަތުގައި މި ވަރުގެ ބްރޭކެއް ހިއެއް ނުވޭ އެއްވެސް ގައުމަކު ލީގެއްގެ މެދުތެރެއިން ލިބޭނެ ހެނެއް. އެހެން ނަމަވެސް މި ޖެހެނީ މި ކަން ޝެޑިއުލުގައި އޮންނަ ގޮތަށް ކުރިއަށްގެންދާން. މިއީ ހަގީގަތުގައި ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ދެ ފަހަރަކު ކުރިން ވެސް ދަނޑު ހަލާކުވެފައި އޮއްވައި އަނެއްކާ ވެސް މި ވަރުގެ ކަމެއް ކުރަން އުޅުނީމަ ދެރައީ،" ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމެއްގެ އޮފިޝަލަކު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ކުރަން ގައުމީ ޓީމުން ތައްޔާރުވަމުން އަންނައިރު ދަނޑަށް ގެއްލުން ލިބުމަކީ ދަނޑުގައި ޕްރެކްޓިސް ކުރަން ބަލާއިރު ގައުމީ ޓީމަށް ވެސް ލިބޭނެ ގެއްލުމެކެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް މަދުވުމުގެ މައްސަލަ އަށް ހައްލެއް ނެތް؟

ރާއްޖޭގެ އެއް ވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެންމެ ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރަކީ ވެސް ފުޓްބޯޅަ އެވެ. އެކަމަކު މިހާތަނަށް ވެސް ރަސްމީކޮށް އެންމެ މަތީ ފަންތީގެ މެޗުތައް ކުޅެން ރާއްޖޭގައި އޮތީ އެންމެ ދަނޑެކެވެ. މި ކަމަށް ހައްލެއް އަންނާނެ ކަމުގެ ކޮޅުމަތި އެކި ފަހަރު ވަނީ ފެނިފަ އެވެ. އެހެން ނަމަވެސް ފެންވަރު ރަނގަޅު އެހެން ދަނޑެއް ލިބޭނެ ކަމަށް ދެކެމުން އަންނަ ހުވަފެނުގައި އަދި އޮތީ ކުލަ ނުޖެހި އެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އިތުރު ދަނޑެއް އެޅުމަށް ވާހަކަ ދެެކެވުނެވެ. ގަތަރުގެ އެހީގެ ދަށުން ހުޅުމާލޭގައި އަޅަން ވާހަކަ ދެކެވުނު ސްޓޭޑިއަމްގެ ވާހަކަތައް ހުއްޓުނީ ސަރުކާރުން ގަތަރާއެކު އޮންނަ ސިޔާސީ ގުޅުންތައް ކަނޑާލި ހިސާބުންނެވެ. އޭގެ ފަހުން ވެސް އެހެން ދަނޑެއް އަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެކަމަކު އަދިވެސް އެކަމަށް އަމަލީ ސިފައެއް އައި ކަމެއް ރަސްމީ ފަރާތަކުން ހާމަކޮށްފަ އެއް ނުވެ އެވެ.

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ފުޓްސަލް ދަނޑު އަޅާފައި ނެތް އަތޮޅެއް ނެތެވެ. ކުޅިވަރާ ބެހޭ މިނިސްޓަރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރު އައި ފަހުން މިހާތަނަށް 80 ފުޓްސަލް ދަނޑެއް ވަނީ އަޅާ ނިމިފަ އެވެ. އަދި މިހާރު ވެސް 101 ދަނޑެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ވަނީ އެ މިނިސްޓްރީން ބުނެފަ އެވެ. މީގެ ކޮންމެ ދަނޑަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ސުވާލަކީ ފުޓްސަލް ދަނޑުތަކުގެ މަންފާ ގައުމުގެ ކުޅިވަރުގެ އެންމެ މަތީ ފަންތި އަށް ކުރޭތޯ އެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް ބައިވެރިވެފައިވަނީ އެންމެ މުބާރާތެއްގަ އެވެ.

"ރާއްޖޭގައި އެބައޮތް ބަލާލި ކޮންމެ ދިމާލަކުން ވެސް ފުޓްސަލް ދަނޑުތައް. މި ދަނޑުތައް އޮތަސް ރަސްމީ ސިފައެއްގައި ފުޓްސަލްގައި ކުރެވުނީ ކޮން ކަމެއްތޯ. މިދިޔަ ހަތަރު އަހަރަށް ބެލިޔަސް (ފުޓްސަލްގައި) ބައިވެރިވީ ބައިނަލްއަގްވާމީ އެންމެ މުބާރާތެއްގައި. ރަސްމީކޮށް ފުޓްބޯޅަ ކުޅެން މި އޮތީ އަބަދުވެސް އޮންނަ ގަލޮޅު ދަނޑު. ސުވާލަކީ އިތުރު ދަނޑަކަށް ބޮޑު އިންވެސްޓްމަންޓެއް ކުރުން މާ ރަނގަޅެއް ނޫންތޯ އެ ހުރިހާ ފުޓްސަލް ދަނޑުތަކެއް ނާޅާ." ރާއްޖޭގެ ފުޓްބޯޅައިގައި ސީނިއާ މީހަކު ބުންޏެވެ.

ފުޓްބޯޅައާ އިންވެފައި އޮތް ފުޓްސަލް އަށް އެންމެ ރަނގަޅު އިންފްރާސްޓްރަކްޗާ ބިނާކުރަމުންދާއިރު، ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މެޗުތައް ކުޅޭނެ ރަނގަޅު ދެ ވަނަ ދަނޑެއް ނެތެވެ. އޮތީ ހަމައެކަނި ގަލޮޅު ދަނޑެވެ. މިއީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އަތޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރަން ބޮޑު ހޭދައެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްގެންދާން އެފްއޭއެމްގެ އެހީއާ އެކު އެކި ރަށްރަށުގެ ދަނޑުތައް ވަނީ ކޮންމެވެސް ވަރަކަށް ތަރައްގީކޮށްފަ އެވެ. އަދި ދަނޑުތަކަށް ބޮޑެތި ތަރައްގީ ގެންނަން ޕްލޭނެއް އެކުލަވާލައި އެފްއޭއެމުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެ އެވެ. މިއީ ވެސް އުއްމީދީ ވާހަކަތަކެކެވެ. މިކަން ހަގީގަތަކަށް ހެދިއްޖެނަމަ މިއީ ފުޓްބޯޅައިން ކުރިއަށްދާން އުއްމީދުކޮށްގެން ތިބި ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ހުޅުވިގެންދާނެ ދޮރުތަކެކެވެ.

ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ ވާހަކަތައް ވެސް ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ގިނަ ބަޔަކު ވަނީ ދައްކައިފަ އެވެ. އަދި އެފްއޭއެމުން ވެސް ވަނީ ފުޓްސަލްގެ ހަރަކާތްތައް ވަރުގަދަކުރާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ނަމުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ އިތުރުން އެހެން ހަރަކާތެއް އަދި ނުފެނެ އެވެ. ރިސޯޓް ފުޓްސަލް ލީގެއް ތައާރަފް ކުރި އެވެ. އެކަމަކު ފަހުން އޭގެ އެއްވެސް ކަމެއް ނުފެނެ އެވެ. ކޮންމެވެސް ހިސާބަކުން ހުއްޓުނީ އެވެ.

ރާއްޖޭގެ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ފުޓްބޯޅަ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓްރަކްޗާ އެވެ. ބޭނުންވާ ފެންވަރުގެ ރަނގަޅު ދަނޑުތަކެއް ނެތެވެ. އެފްއޭއެމުން ވަނީ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތުގެ ދެ ވަނަ ފޭހުގައި ހުޅުމާލޭގައި ޓާފް ދަނޑުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޓާފް ދަނޑުތަކެއް އެޅުނު ނަމަވެސް ބޭނުންވަނީ މިހާރު މި ޖެހޭ މައްސަލަތަކަށް ދެމެހެއްޓެނިވި ރަނގަޅު ހައްލެކެވެ. ފެންވަރު ރަނގަޅު ސްޓޭޑިއަމެއް ރާއްޖެ އަށް ބޭނުންވެ އެވެ. މިހާރު ހަމައެކަނި ގަލޮޅު ދަނޑު އޮތުމުން އޭގެން ފުއްދާލައިގެން ތިބެވެން ނެތްކަން ދަނޑުގެ ވިނަގަނޑަށް ލިބެމުންދާ ގެއްލުމުން ސާފުކޮށް އެނގެން އެބައޮތެވެ. ފުޓްބޯޅައިގެ ހުރިހާ ކަމެއް ގަލޮޅު ދަނޑަށް ބަރޯސާވެފައި އޮންނަ އޮތުމަށް ހައްލެއް ހޯދަން ޖެހެ އެވެ.