10 ނޮވެމްބަރ 2025 - 16:55
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕެއް ކުރިއަށްގެންދަން މިއަދު ރާއްޖެ އައި ފަލަސްތީނުގެ ޓީމުގެ ކަންކަން ބަލަހައްޓަން ހަތަރު އިދާރާއެއްގެ މަންދޫބުން ހިމެނޭ ޓްސްކްފޯހެއް އެކުލަވާލައިފި އެވެ.
މިއަދުން ފެށިގެން މި މަހު 19 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕް ކުރާނެ އެވެ.
ރާއްޖެ އައުމާހަމައިން އަދި ރާއްޖެއިން ފުރުމުގެ ނިޔަލަށް އެ ޑެލިގޭޝަނާ ގުޅޭ ކަންކަން ބަލަހައްޓައި އިންތިޒާމުކުރަން 16 މެންބަރުންގެ ޓްސްކުފޯހެއް އެކުލަވާލާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި އެވެ.
އެ ޓާސްކްފޯސް އެކުލާވާލާފައި ވަނީ ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުން ހިމެނޭ ގޮތަށެވެ.
- ސްޕޯޓްސް މިނިސްޓްރީގެ ހަ އޮފިޝަލުން
- އެފްއޭއެމްގެ ހަތަރު އޮފިޝަލުން
- ފުލުހުންގެ ފަސް އޮފިޝަލުން
- އެމްއެންޑީއެފްގެ އެއް އޮފިޝަލަކު
ކޭމްޕްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނުގެ ޓީމުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާދިރާ / ފޭދޫ
10 November 2025
މިމަހު 14 ވަނަ ދުވަހު ސަރުކާރުގެ 2 އަހަރުގެ ކާމިޔާބު ފާހަގަކުރުމަށް ބާއްވާ ޖަލްސާ އަށް ވެސް ފަލަސްތީނު ޓީމް ގެންނައްޗޭ ޕްލީސް. މުއްސަދި އަރަބި ގައުމުތައް ތިއްބާ ރާޢްޖެއިން ތި ޓީމަށް އެހީވުމަކީ ރައީސް މުއިއްޒު އިސްލާމް ދީނަށާއި މުސްލިމުންނަށް އޮތް ލޯބި ހާމަކޮށްދޭ ކަމެއް.އަމަލުން ކަންކުރަމުންދަނީ ކުރީގެ ވެރިން ގޮތަށް ހުސްވާހަކައެއް ނޫން ދައްކަނީ.
ބޮކި
10 November 2025
އަދި ތިޔަ ޓާސްފޯހުގެ ކަންތައްތަކަށް ކަޅިއަޅާން ކޮމެޓީއެއް އުފެއްދުން ވަރަށް މުހިއްމު.
ދޮންދީނާ
10 November 2025
ތިޔަ ކުދިންނައް ދިވެހިޕާސްޕޯރޓް ދޭންވީ. ޢޭރުން މުސްތަގުބަލުގަ ގައުމީ ޓީމައް ކުޅޭނެ
އިހްސ
10 November 2025
ކަލޯ ދިވެހި ޕާސްޕޯޓު ދިނަކަސް އެމީހުނަކަށް ދިވެހި ގައުމީ ޓީމަކަށް ދެނެއް ނުކުޅެވޭނެ.
ސީނިއަރ
13 November 2025
ކަލޯ އިހްސ ކާކު ކަލޯއަށް އުސޫލު ކިޔައިދިނީ؟؟ ބަލަ ސީނިއަރ ޓީމަށް މެޗެއް ނުކުޅެންޏާ ޤައުމީޓީމު ބަދަލު ކުރެވޭނެ ރައްވެހިކަން ބަދަލުކޮށްފަ.. ސީނިއަރ ޓީމަށް ފީފާ އެޕްރޫވްޑް މެޗެއް ކުޅެފިއްޔާ އެކަނި އެހެން ޤައުމީ ޓީމަކަށް ނުކުޅެވޭނީ..
ނަހުންބަ
13 November 2025
ތިޔަހެން ޕާސްޕޯޓު ދީގެން ކުޅުވަން ގެންނަން މާ ރަނގަޅު ގައުމުތަކުގައި މާ މޮޅު ކުޅުންތެރިން އެބަ އުޅޭ. އެކަމަކު ފަލަސްތީނު ވީމައި ސިޔާސީ ޕޮއިންޓު ލިބޭނެ.
މިހާލި
10 November 2025
ތިކަމުންވެސް ބަޔަކު ނާޖައިޒް ފައިދާތަކެއް ނަގާނެ