އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ފަލަސްތީނުގެ ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް މިފަހަރު ވެސް ރާއްޖޭން ބާއްވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރު ވެސް ފަލަސްތީނުގެ 17 އަހަރުންދަށުގެ ޓީމުގެ ޓްރޭނިން ކޭމްޕް ބާއްވައި ދިނީ ރާއްޖޭންނެވެ. އެ ޓީމުގެ ކޭމްޕް ކުރިއަށްގެންދިޔައީ ބ. އޭދަފުށީގަ އެވެ.
އެފްއޭއެމުން މިއަދު ބުނިގޮތުގައި މި އަހަރު ވެސް ފަލަސްތީނުގެ ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ބާއްވައިދޭނީ ރާއްޖޭންނެވެ. އެ ޓީމުގެ ޓްރޭނިންތައް މި ފަހަރު ބާއްވާނީ ކ. ގުރައީދޫގައި އެ އެސޯސިއޭޝަނުން ބުންޏެވެ.
މިފަހަރު ވެސް ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. އެ ދެ މެޗު ކުޅޭނީ ގުރައިދޫގެ ފުޓްބޯޅަ ދަނޑުގަ އެވެ.
އެފްއޭއެމުން ބުނިގޮތުގައި ގާތްގަނޑަކަށް ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕަށް ފަލަސްތީނުގެ ޓީމު ރާއްޖެ އަންނާނީ އަންނަ އަންގާރަ ދުވަހު ކައެވެ. އަދި ކޭމްޕް ނިންމައި އެ ޓީމު ރާއްޖޭން ފުރާނީ އަންަނަ މަހުގެ ފަސްވަނަ ދުވަހު އެވެ.
ފަލަސްތީނު ހިމެނޭ ގުރޫޕްގެ ކޮލިފައިން މެޗުތައް އަންނަ މަހު އަށްވަނަ ދުވަހުން ފެށިގެން، 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނީ އިންޑިއާގަ އެވެ. އެ ގައުމަށް ފަލަސްތީނުގެ ޓީމު ދާނީ ރާއްޖެ މަގުންނެވެ.
އެ ގުރޫޕްގައި ފަލަސްތީނާއި އިންޑިއާގެ އިތުރުން ދެން ހިމެނެނީ މެލޭޝިއާ އާއި ސިނަގަޕޫރު އަދި ގުއާމެވެ.
މިދިޔަ އަހަރު ފަލަސްތީނުގެ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް ސަރުކާރުން ގާތްގަނޑަކަށް 546،000ރ. ހޭދަކުރި އެވެ.
"މި (ފަހަރުގެ) ކޭމްޕް އިންތިޒާމު ކުރުމުގައި ދިވެހި ސަރުކާރުންނާއި ކ. ގުރައިދޫ ކައުންސިލުން ވެދެއްވި ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށް އެފްއޭއެމްގެ ފަރާތުން ހާއްސަ ޝުކުރެއް ދަންނަވަމެވެ.،" އެފްއޭއެމުގެ މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
އެ އިދާރާއިން ބުނީ މި ކޭމްޕާއި ރާއްޖެއާ އެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗާ އެކު ދިވެހި ޓީމަށް ވެސް ތަޖުރިބާތަކެއް ލިބި ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެ އައި ފަލަސްތީނުގެ ޓީމު ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ ފަރިކޮޅެއް ވެސް ބާއްވަވާފަ އެވެ.
ރާއްޖޭން ވެސް ތައްޔާރުވަމުން އަންނަނީ އޭޝިއާގެ 17 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންއަށެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ ތައިލެންޑްގަ އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ އިރާގާއި ހޮންކޮން އަދި ޗައިނީޒް ޓައިޕޭ އެވެ.