ގަތަރުގެ އުރީދޫ ގްރޫޕުން ހުޅުމާލޭގައި ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފި އެވެ.
އުރީދޫ ގްރޫޕުގެ ރާއްޖޭގެ ކުންފުނި އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީކުރުމާ ގުޅިގެން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގައި ގަތަރުން ދަނޑެއް އަޅައިދޭން ނިންމާފައިވާކަން އިއުލާންކުރީ އުރީދޫ ގްރޫޕުގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން އަލް ސައުދު އަލް ސާނީ އެވެ.
"ރާއްޖޭގައި ފެންވަރު ރަނގަޅު ދަނޑެއް އަޅައިދޭން ގަތަރުން ވަނީ ނިންމާފައި. މިއީ ދުނިޔޭގެ ފެންވަރު ހުރިހާ ވަސީލަތެއް ލިބޭނެ ދަނޑެއް،" އަލްސައުދު އަލް ސާނީ ވިދާޅުވި އެވެ.
މިދިޔަ އަހަރު އޭރު އޮތް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ގަތަރާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ގަތަރުން ހުޅުމާލޭގައި އޮލިމްޕިކް ސްޓޭޑިއަމެއް އަޅައިދޭން ނިންމި އެވެ. ގަތަރުން އޭރު ދަނޑު އަޅައިދޭން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްގެންދަން ދަނޑުގައި އެޅި މެޓެއްގެ ސަބަބުން ވިނަގަނޑު ހަލާކުވެ، ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުމުންނެވެ.
އެކަމަކު އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ސަރުކާރާއި އޭރުގެ އެފްއޭއެމްގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލުޔަފާތުވުން ތަކުގެ ސަބަބުން ދަނޑުގެ މަސައްކަތް ކުރިއަށްނުދިޔަ އެވެ.
ގަތަރުން އަންނަނީ އުރީދޫ ގްރޫޕް މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިިމިއާ ލީގުގެ ސްޕޮންސަރަކީ ވެސް އުރީދޫ އެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ލިއޮނަލް މެސީ އަކީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރެވެ.