މާލޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން އޮންނަނީ އެންމެ ދަނޑެކެވެ. ކްރިކެޓާއި އެނޫން ވެސް ކުޅިވަރުތަކަށް އޮންނަނީ އެންމެ ދަނޑެކެވެ ނުވަތަ ކޯޓެކެވެ. މީގެ ތެރެއިން ފުޓްބޯޅަ ދަނޑާއި ކްރިކެޓް ދަނޑަކީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން އެކިއެކި ހަރަކާތް ހިންގުމަށް ވެސް ބޭނުންކުރާ ތަންތަނެވެ. މައްސަލައަކީ އެފަދަ ކަންކަމަށް ދަނޑުތައް ބޭނުންކުރުމެއް ނޫނެވެ. ބޭނުންކުރާއިރު ފަރުވާކުޑަވުން ނުވަތަ ބަލަން ވާ ވަރަށް ނުބެލިގެން ދަނޑުތައް ހަލާކުވުމެވެ.
ގަލޮޅު ދަނޑު ޖެހިޖެހިގެން ދެ އަހަރު ހަލާކުވުން
މިދިޔަ އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު އަހަރެކެވެ. ސަބަބަކީ މިނިވަން 50 ހަރަކާތްތަކަށް ގަލޮޅު ދަނޑުގައި ހަރަކާތްތައް ހިންގަން އެޅި މެޓް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު ހަލާކުވުމެވެ. ބޭނުން ނުކުރެވޭ ވަރަށް ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ދެން ޖެހުނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕް ނުބާއްވައި، ޕްރެޒިޑެންޓްސް ކަޕް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އަށް ބަދަލު ކުރުމަށެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު ވެސް ޖެހުނީ ޗައިނާގައި ކުޅޭށެވެ.
ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން މާލީގޮތުން ބެލިޔަސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އެފްއޭއެމްއާ ކުރިމަތިލާން ޖެހުނެވެ. ކްލަބްތަކަށް ވެސް މިލިއަނުން ގެއްލުން ލިބުނެވެ. މިިދިޔަ އަހަރު އެހެން ދިމާވެފައި އޮއްވައި މި އަހަރު ފެނިގެންދިޔައީ އަނެއްކާ ވެސް މިދިޔަ އަހަރު ދަނޑުގައި އެޅި މެޓް، މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން އެޅިތަނެވެ.
މިދިޔަ އަހަރު ދަނޑުގައި މެޓް އަޅާފައި ދެ ހަފްތާ އަށް ވުރެން ގިނަ ދުވަހު އޮތެވެ. އެހެނވެ ދަނޑަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. މި ފަހަރު ދަނޑުގައި މެޓް އަޅާފައިވަނީ ފަސް ވަރަކަށް ދުވަހެވެ. މިދިޔަ އަހަަށް ވުރެ މި ފަހަރު ގެއްލުން ކުޑަ އެވެ. ކުޅިވަރާ ބެހޭ މިނިސްޓްރީން ވެސް ބުނީ މެޗުތައް ކުރިއަށް ނުގެންދެވޭ ވަރަށް ގެއްލުން ނުލިބޭ ކަމަށެވެ.
ނަމަވެސް ދަނޑުގައި މިހާރު ލީގުގެ މެޗުތައް ކުރިއަށްގެންދަން އަލުން ފަށާފައިވާއިރު، ކުޅުންތެރިންނަށް ދަނީ އޭގެ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.
"އަސްލު ވަރަށް އުނދަގޫ މެޗުތައް ކުޅެން. ބަލަން ތިބޭ މީހުންނަށް ދަނޑުގައި ވިނަ ހުރިތަން ފެނުނަސް ދަނޑަށް ކުޅެން އަރާލީމަ މި އިނގެނީ ވާ އުނދަގޫ. ބޯޅައެއް ކޮންޓްރޯލް ކޮށްލަން ވެސް އެހާ އުނދަގޫ. ދަނޑު އެކި ބޭނުންތަކަށް ނަގާއިރު އެބަޖެހޭ މިއަށް ވުރެ ރަނގަޅަށް ކުރަން،" ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިއަކު ބުންޏެވެ.
ދަނޑުގައި މިހާރު ލީގުގެ މެޗުތައް ކުރިއަށްދާއިރު ސިޑިބަރީގެ އެކި ދިމަދިމާލުގައި ހުރީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބޭނުންކުރި ތަކެތި ބަހައްޓައިފަ އެވެ. ދަނޑުގައި ޖެހި މެޓްތައް އެއް ފަރާތުގައި ހުރިއިރު، އަނެއް ފަރާތުގައި ހުރީ ކުޅިވަރުތަައް ކުރިއަށް ގެންދަން ބޭނުންކުރި ސާމާނެވެ.
"އަސްލު ވަރަށް އުނދަގޫ މެޗުތައް ކުޅެން. ބަލަން ތިބޭ މީހުންނަށް ދަނޑުގައި ވިނަ ހުރިތަން ފެނުނަސް ދަނޑަށް ކުޅެން އަރާލީމަ މި އިނގެނީ ވާ އުނދަގޫ. ބޯޅައެއް ކޮންޓްރޯލް ކޮށްލަން ވެސް އެހާ އުނދަގޫ. ދަނޑު އެކި ބޭނުންތަކަށް ނަގާއިރު އެބަޖެހޭ މިއަށް ވުރެން ރަނގަޅަށް ކުރަން."
ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދު ނަމަވެސް ވަދެ ތިބޭ ސަޕޯޓަރުންނަށް ދަނޑުގެ ހާލަތު ދަށަށްދާ މަންޒަރު ދެއްކުމަކީ އެމީހުންނަށް ވެސް ކުރިމަތިވާނެ ބޮލު ރިހުމެކެވެ.
ކުޅިވަރު އެކުވެނި ދަނޑަށް ވެސް ގެއްލުން
ކުޅިވަރު އެކުވެނި ދަނޑަކީ އެތުލެޓިކްސް އާއި ކްރިކެޓްގެ އިތުރުން ކަސްރަތު ކުރުމަށްދާ އާންމުންނާއި އެ ނޫން ވެސް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ދަނޑެކެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު މި ދަނޑުތައް ބޭނުންކުރާއިރު، ސަރުކާރުން ވެސް ބައެއް ހަރަކާތްތައް ކުރިއަށްގެންދަން އެ ދަނޑުގެ ބޭނުން ކުރެ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަދި ގައުމީ ކްރިކެޓް ޓީމަށް ކުރިން ކުޅުނު މުހައްމަދު އަފްލާހް (އަފޫ) "މިހާރު" އަށް ވާހަކަ ދައްކަމުން ވިދާޅުވީ އެކުވެނި ދަނޑަށް ވެސް އެކި ގޮތްގޮތުން ގެއްލުން ލިބޭ ކަމަށެވެ.
"ކްރިކެޓް ދަނޑުގައި ވެސް ތަފާތު ހަރަކާތްތައް، މިއުޒިކް ޝޯ ތަކާ އެއްޗެހި ބޭއްވުމުން ދަނޑަށް ގެއްލުންވޭ. އެކަމަކު މިނިސްޓްރީގެ އެއްބާރުލުމާ އެކު މިނިސްޓްރީގެ މުވައްޒަފުންނާއި އަޅުގަނޑުމެންގެ މުވައްޒަފުން އަންނަނީ ވީހާވެސް ރަނގަޅަކަށް ތަން ބެލެހެއްޓޭތޯ މަސައްކަތްކުރަމުން،" އަފޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވާ ކަމަކީ ކްރިކެޓް ދަނޑު އާންމުން ބޭނުން ކުރާތީ، ކްރިކެޓް ކުޅެން ދަތިވުން ކަމަށެވެ.
"އެންމެ ބޮޑު ކޮންސާނަކީ ކްރިކެޓް ދަނޑު އާއްމުން ބޭނުންކުރުން. ހަގީގަތުގައި އެތުލެޓިކްސް އަށް އޮންނަނީ ވަށައިގެން އޮންނަ ޓްރެކް. އެކަމަކާ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އަދި އެތުލެޓިކްސް އެސޯސިއޭޝަނާ އެއްވެސް މައްސަލައެއް ދިމާވެފައި ނެތް. އެކަމަކު މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ކޮންމެ ދުވަހަކު ކަސްރަތަށް ޓްރެކް ބޭނުންކުރާތީ، އަޅުގަނޑުމެންނަށް ކުޅެން އުނދަގޫވޭ. ބޯޅަ ބާރަށް ޖަހާކަށް ނުކެރޭ މީހެއްގެ ގައިގައި ޖެހިދާނެތީ." އަފޫ ވިދާޅުވި އެވެ.
މީގެ އިތުރުން އަމިއްލަ ކަސްރަތު އެކަޑަމީތަކުން ދަނޑުގެ ވިނަގަނޑު ބޭނުންކުރާތީ އެކަމުގެ ސަބަބުން ވެސް ގެއްލުން ލިބޭ ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އަފޫ ވިދާޅުވި އެވެ. ސަބަބަކީ މާލެ އަކީ މާ ގިނަ ވަސީލަތްތަކެއް ހުރި ތަނަކަށް ނުވުމުން އެކަޑަމީތަކަށް ވެސް އެމީހުން ބޭނުންވާ ފެންވަރަށް އެކަންތައް ކުރިއަށް ގެންދަން އެ ނޫން ތަނެއް ނުލިބޭތީ އެވެ.
"މާލޭގައި ވެސް މާގިނަ ވަސީލަތްތަކެއް ނެތް އާއްމުންނަށް، އެހެންވެ ބޭނުންވޭ ފުރުސަތު ވެސް ދޭން. އެހެންވެ ވިސްނުން ހުރީ އެ ފަރާތްތަކާއި ވާހަކަދައްކައިގެން އެވެއާ ކޮށްދިނުން. ކްރިކެޓް ކުޅެން އޮތް ހަމައެކަނި ތަނަކީ އެއީ. އެހެންވެ އެތަން ހަލާކުވެއްޖެއްޔާ އެއީ ކުޅިވަރަށް ލިބޭނެ ބޮޑު ގެއްލުމެއް. އެކަން ވިސްނައިދޭންވީ،" އަފޫ ވިދާޅުވި އެވެ.
"ކްރިކެޓް ދަނޑުގައި ވެސް ތަފާތު ހަރަކާތްތައް. މިއުޒިކް ޝޯ ތަކާ އެއްޗެހި ބޭއްވުމުން ހަލާކުވޭ. އެކަމަކު މިނިސްޓްރީގެ އެއްބާރުލުމާ އެކު މިނިސްޓްރީގެ މުއައްޒަފުންނާއި އަޅުގަނޑުމެންގެ މުއައްޒަފުން އަންނަނީ ވީހާވެސް ރަނގަޅަކަށް ތަން ބެލެހެއްޓޭތޯ މަސައްކަތްކުރަމުން،" ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް
ހައްލެއް ލިބޭނީ ވަސީލަތްތައް އިތުރުކޮށްގެން
ސަރުކާރުން ކޮންމެ އަހަރަކު އެންމެ ބޮޑު އެއް ބަޖެޓެއް އެކުވާލާ އެއް ދާއިރާ އަކީ ކުޅިވަރުގެ ދާއިރާ އެވެ. ސަރުކާރުން ވަނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑުތައް އަޅައިފަ އެވެ. ނަމަވެސް އެ ދަނޑުތައް ބެލެހެއްޓުމުގައި ވެސް އެންމެ ރަނގަޅަށް ކަންތައްތައް ކުރެވޭތަން ނުފެނެ އެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށޭނެ މިންވަރަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ރަނގަޅުވެފައިނެތުމެވެ. ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދިވެސް ކުޅެމުން އަންނަނީ އެއް ތަނެއްގަ އެވެ. އެ ތަނަށް ގެއްލުމެއް ލިބިއްޖެނަމަ އެއީ އެ ދެ ކުޅިވަރަށް އަންނަ ހުއްޓުމެކެވެ. ގަލޮޅު ރަސްމީ ދަނޑަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ދެރަ މިދިޔަ އަހަރު ތަޖުރިބާ ކުރެވިއްޖެ އެވެ. ކްރިކެޓް ދަނޑަށް ގެއްލުމެއް ލިބިއްޖެނަމަ ދެން އެ ކުޅިވަރު ކުޅެވޭނެ ތަނެއް ނެތް ކަމަށް އެ އެސޯސިއޭޝަނުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މި ހުރިހާ ކަމަކަށް ވެސް އޮތީ އެއް ހައްލެކެވެ. އެއީ ވަސީލަތްތައް އިތުރު ކުރުމެވެ. އަދި ވަސީލަތްތައް އިތުރު ކުރެވެންދެން މިހާރު ބޭނުންކުރަމުން އަންނަ ތަންތަނާ މެދު ފަރުވާތެރިވުމެވެ.