ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ސަސް އިން ވެލެންސިއާ ހިފަހައްޓައިފި

ވެލެންސިއާގެ ދަގަނޑޭ (ވ) ސަސްގެ މުހައްމަދު ރަޝީދު (ހޮކޭ) ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ސަސް ވަނީ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ ކުރިން ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ޕޮއިންޓް ހޯދި ނަަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސަސް އަށް މި މެޗާ އެކު ފުރަތަމަ ބުރު ނިމުނުއިރު، ހަތް މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އިން ހަ މެޗުން އަށް ޕޮއިންޓް ހޯދިއިރު، ފުރަތަމަ ބުރުގައި ބާކީ އޮތް މެޗުން އެ ޓީމުގެ ނަތީޖާ ނުކުންނަ ގޮތުން ކުރިއަށް ޖެހިލެވޭނެ އެވެ.

މޯހަން ބުނީ ޓީމާ ހަވާލުވެ ދެ ދުވަހުގެ ޕްރެކްޓިހަށް ފަހު އައިސް ކުޅުނު މެޗަކާ ބަލާއިރު ސަސް އިން މި މެޗުގައި ދެއްކީ އުއްމީދުކުރި ވަރަށް ވުރެން ވެސް ރަނގަޅުކުޅުމެއް ކަމަށާއި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު މެޗުން މޮޅުވެސް ވެވޭނެ ކަމަށެވެ.

"ހީކުރި ވަރަށް ވުރެން ވެސް ރަނގަޅޭ ދެންނެވޭނީ. ފިޓްނަސް ބައި ދަށްކޮށް ދިޔަ ކަމަށް ވިޔަސް ކުޅުންތެރިން ކުރި ހިތްވަރުން އުއްމީދެއް ލިބިއްޖެ. ހީކުރަނީ ކޮންމެވެސް ކަހަލަ ބަދަލެއް ގެނެވުނު ކަމަށް. ފުރަތަމަ ހާފަކީ ތެދަށް ދަންނަވާކަމަށްވަންޏާ ލިބުނު ފުރުސަތުތަކަށް ބަލާއިރު މެޗު ނިންމާލެވޭނެ ވަރުގެ ޗާންސްތަކެއް. ސަަސް އިން ޕާސްކޮށްގެން ކުޅުނުތަން ފެނުނު. ކުޅުންތެރިންނަށް އިތުބާރު ލިބި ކުޅެވިދާނެކަން ވެސް އެނގިގެން ހިނގައްޖެ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ދެން އޮތީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރުން ކަމަށާއި އެ ގޮތަށް ބަލާއިރު ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ވެލެންސިއާ އިން މިއަދުގެ މެޗަށް ނުކުތީ އެންމެ ފަހުން ދަ ގްރާންޑޭ އަތުން ބަލިވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ސީޒަނުގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މިއަދުގެ މެޗުގައި ކުޅެފަ އެވެ. ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ދަގަނޑޭ ފުރަތަމަ އެގާރައިގައި ހިމެނީ އަނިޔާއިން މެޗު ކުޅެވޭ ވަރަށް ރަނގަޅުވެ އޭނާ ވެސް އެ ގޮތަށް ބޭނުންވުމުން ކަމަށެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ސަސް އިންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާތެރެއިން ސަސްގެ އަހުމަދު ހަމީދު (އައްމަޑޭ) ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާގެ ފުރަތަމަ ހަމަލާ މެޗުގެ 24 ވަނަ މިނިޓްގައި ފޮނުވާލީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭނާ ޖެހި ބޯޅަ ސަސްގެ އުޒްބެކިސްތާން ގޯލްކީޕަރު މިރްޒޮހިދް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ސަސްގެ ތިލްމީޒު އަހުމަދު އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށްހުރެފައި އެ ޓީމުގެ ސްޕެއިން ފޯވާޑް ވިކްޓަ ރޮޑްރިގޭޒް ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގައި ގޯލާ ސީދާކޮށް ދަގަނޑޭގެ ފުރަތަމަ ޝޮޓް ފެނުނީ 36 ވަނަ މިނިޓްގަ އެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ފޮނުވާލިއިރު އަމާޒުވީ ކީޕަރު މިރްޒޮހިދު އަތަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމު ވެސް ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ސަސްގެ ވިކްޓަ ބޮލުން ޖެހި ބޯޅަ ކީޕަރު ފައިސަލް މަތަކުރިއިރު، ދަގަނޑޭ ނެގި ހުރަހަކުން ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފްގައި ފުރަތަމަ ފުރުސަތު ލިބުނީ ދަގަނޑޭ އަށެވެ. އޭރިއާތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަށް ފުރުސަތު ގެއްލުނީ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ސެންޓޭ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ހުރަސްދަނޑިއަަށެވެ.

މެޗުގެ ފަހު ކޮޅުގައި ވެސް ދަގަނޑޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ބޯޅަ ލަސްކޮށްލުމުން ގޯލަށް ފޮނުވާނުލެވުނުއިރު، ފަހުން ލިބުނު ފުރުސަތުގައި އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެލެންސިއާ އަށް މި މެޗުން މޮޅުނުވެވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ޓީމަކީ މާޒިޔާ އެވެ. މާދަމާރޭ މާޒިޔާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ވެލެންސިއާ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.

އާތީ ބުނީ ފުރަތަމަ ބުރުގެ ފަހު ތިން މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ކަމުގައި ވިޔަސް އެ ޓީމަށް މި ބުރުގެ ދެ ވަނަ ގެއްލެން އޮތީ ހަނި ފުރުސަތެއްގައި ލަނޑުގެ ތަފާތުން ކަމަށެވެ. އެ ގޮތަށް ބަލާއިރު އަދިވެސް ވެލެންސިއާ އިން އެއް ވަނަ އަށް އަރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފާނެ ކަމަށާއި ލީގުގައި އިދިކޮޅަށް ނުކުންނަ ޓީމުތަކުން ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވަމުން އަންނަކަން ކޮންމެ މެޗެއްގެ ނަތީޖާ އިން ވެސް އެނގޭ ކަމަށް އާތީ ބުންޏެވެ. .

"އަލަށް މި އަހަރު ޓީމެއް ހަދައިގެން މި ހިސާބުގައި އޮތުން އެއީ އެހާ ބޮޑު ގޯހެއް ނޫން ކަންނޭނގެ. ބުނެލަން ބޭނުންވަނީ ވެލެންސިއާ އަށް ސަޕޯޓްކުރާ މީހުންގެ އުއްމީދުތައް ހުންނާނީ އެ އަށް ވުރެން ވެސް މަތިންނޭ. މާޒިޔާ އޭދަ ހިސާބުގައޭ. އެކަމަކު މާޒިޔާ އަކީ ވަރަށް ކުރިއްސުރެން އޮތް ބެޗެއް. އެ ހިސާބަށް ރީޗް ކުރަން ޓައިމްކޮޅެއް ނަގާނެ. އަދިވެސް ބަލާނަން ލީގު ޓޮޕަށްދާން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ބޭނުން ހިފަން،" އާތީ ބުންޏެވެ.

ލީގުގެ ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މިރޭ ކުޅޭ މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ތިން ގޯލުގެ ތަފާތުން މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ. އެއީ ލަނޑުގެ ތަފާތުން ވެލެންސިއާ އަށް ވުރެން ކުރިހޯދައިގެންނެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފުލް ކުމާރު

21 January 2021

މި ސަސްއެވެ ކިޔާމީހުންނަކީ ކޮންތާކުން ނުކުމެގެންއައި ބައެއްބާވަައެވެ؟

The name is already taken The name is available. Register?

މަ

22 January 2021

އެމަންގް އަސް އިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454