ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ވޭލްސް

ވޭލްސް ޓީމުގެ ބައެއް ކުޅުންތެރިން. --ފޮޓޯ:އޭއެފްޕީ

އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 2016 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: ސެމީ ފައިނަލް 2016

ޔޫރޯގައި ވާދަކުރާ ދެ ވަނަ ފަހަރު

ބޮޑު މުބާރާތަކުން ފުރުސަތު ހޯދަން 57 އަހަރު ވޭލްސް ކުރި އިންތިޒާރަށް ނިމުން އައީ ފްރާންސްގައި 2016 ގައި ބޭއްވި ޔޫރޯއިންނެވެ. މި ފަހަރުގެ ޔޫރޯ އަކީ ހަތަރު އަހަރު ތެރޭ އެ ޓީމުން ކުރިމަތިލާ ދެ ވަނަ ބޮޑު މުބާރާތެވެ. އެންމެ ފަހު ޔޫރޯގައި ވެސް ސެމީ ފައިނަލާ ހަމައަށް ވޭލްސް ދަތުރު ކުރި އެވެ. ވޭލްސްގެ ފުޓްބޯޅައިގެ އާ ޖީލާ އެކު ބުރަ މަސައްކަތެއް ކުރި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރަޔާން ގިގްސް އާ އެކު ވޭލްސް ފެށި ދަތުރުގެ ފުރަތަމަ ދިޔައީ ހީކުރި ވަރަށް ވުރެ މަޑު ދުވެލީގަ އެވެ.

ކޮލިފައިވި ގޮތް

ކޮލިފައިންގެ ގުރޫޕް އީގައި ވޭލްސް އަށް ކުރިމަތިވީ ފަސޭހަ ޗެލެންޖެއް ނޫނެވެ. ނަމަވެސް ކޮލިފައިންގައި ހެންގޭރީ ބަލިކޮށް ލިބުނު ހިތްވަރާ އެކު ކްރޮއޭޝިއާގެ ފަހަތުން ގުރޫޕްގެ ދެ ވަނަ ހޯދި އެވެ. މިދިޔަ އަހަރު ކުޅުނު ހަ މެޗުގައި ވެސް ބައްޔެއް ނުވެ އެވެ. ގުރޫޕްގެ ދެ ވަނަ ވޭލްސް ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްގެންނެވެ. ދެ މެޗުން ބަލިވެ ދެ މެޗުން އެއްވަރުވީ އެވެ.

މުހިންމު ކުޅުންތެރިން

ވޭލްސްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ގެރެތު ބޭލް އެވެ. ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ ސީޒަން ޓޮޓެންހަމް ހޮޓްސްޕާސްގައި ހޭދަ ކުރި ބޭލްއަކީ މެޑްރިޑްގައި ލެޖެންޑެކެވެ. އެ ޓީމުގެ ކޯޗްކަމާ ކަލޯ އަންޗެލޯޓީ އަލުން ހަވާލުމުން، ބޭލް ރެއާލްގެ ޓީމަށް މުހިންމު ވާނެ ކަމަށް ބެލެވެ އެވެ. ޗެމްޕިއަންސް ލީގު ހަތަރު ފަހަރު މެޑްރިޑްގެ ޓީމަށް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. ޔޫރޯ 2016 ގައި ވެސް ވޭލްސްގެ ޓީމު ސެމީ ފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަކީ ބޭލް އާއި ޔުވެންޓަސްގެ އާރޮން ރަމްސީ އެވެ.

ގެރެތު ބޭލް. --ފޮޓޯ:އޭއެފްޕީ

ޒުވާން ކުޅުންތެރިންގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ ޑެނިއަލް ޖޭމްސްގެ ނަން މިފަހަރު ޔޫރޯގައި ފާހަގަ ވެގެންދާނެ އެވެ. ޖޫން 2019 ގައި ޔުނައިޓެޑަށް ބަދަލުވެ ސީނިއާ ލެވަލްގައި ވަރުގަދަ މެޗުތަކެއް ކުޅުނެވެ. ގައުމީ ޓީމަށް އޭނާ ކުޅުނު ވާދަވަރި ފުރަތަމަ މެޗަކީ ކޮލިފައިންގެ ފުރަތަމަ މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ވޭލްސް މޮޅުވީ އޭނާ ކާމިޔާބު ކުރި ލަނޑުންނެވެ.

ކޯޗު

ގެވެށި އަނިޔާގެ ތުހުމަތު ކުރެވި، ރަޔާން ގިގްސް އަށް ވޭލްސްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ޓީމުގެ ވަގުތީ ކޯޗަކީ، ގިގްސްގެ އެސިސްޓެންޓަކަށް ހުރި ރޮބަޓް ޕޭޖް އެވެ. ކުރީގެ ޑިފެންޑަރު ވަނީ ވޭލްސްގެ ޓީމަށް 41 މެޗު ކުޅެފަ އެވެ. ވަޓްފޯޑްގެ ކުރީގެ ކެޕްޓަން، ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބު ޕޯޓް ވޭލްގަ އެވެ. އޭގެ ފަހުން ތިން ވަނަ ޑިވިޝަންގެ ކްލަބު ނޯތުހެމްޓަން ޓައުންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އިންޓަނޭޝަލް ކޯޗިން މަރުހަލާ އާ އޭނާ ގުޅުނީ، ވޭލްސް 21 އަހަރުން ދަށުގެ ޓީމުންނެވެ.

ވޭލްސްގެ ކޯޗު ޕޭޖް. --ފޮޓޯ:އޭއެފްޕީ

ދެ އަހަރު އެ ޓީމުގައި މަސައްކަތް ކުރުމަށް ފަހު ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ޕްރަމޯޓްކުރީ 2019 ގަ އެވެ. ނޮވެމްބަރު މަހުން ފެށިގެން އޭނާ ދަނީ ގައުމީ ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު އުފުލަމުންނެވެ. މިފަހަރު ޔޫރޯގައި ވޭލްސްގެ ޓީމަށް އޭނާ ކޯޗް ކޮށްދޭނީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކުރިން ދެ ވަނަ އެސިސްޓެންޓެއްގެ ގޮތުގައި ހުރި އަލްބަޓް ސްޓެއިވަންބާގް އެވެ. އޭނާ އަކީ އާސެނަލްގެ ވެސް އެސިސްޓެންޓް ކޯޗެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454