ކުޅިވަރު / ރިއަލް މެޑްރިޑް

އެސްޕަންޔޯލް އަތުން ބަލިވެ ރެއާލް މެޑްރިޑަށް ނުރައްކަލުގެ ރަނގަބީލު

ރެއާލް މެޑްރިޑުގެ ކެޕްޓަން ބެންޒެމާ. އޭނާ ވަނީ ލީގުގައު ކުޅުނު އަށް މެޗުން ނުވަ ގޯލު ޖަހާފައި. -- ފޮޓޯ: ދި ކެނޭޑިއަން ޕްރެސް

ބާސެލޯނާ (އޮކްޓޯބަރު 4) - ސްޕެނިޝް ލަ ލީގާގައި ރޭ އެސްޕަންޔޯލް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ވާދަކޮށް 2-1 އިން މޮޅު ވެއްޖެ އެވެ.

ރެއާލް މެޑްރިޑުން ލީގުގައި 6-1 އިން މަޔޯކާ ބަލިކުރި މެޗަށް ފަހު އެ ޓީމުން ވަނީ ސީޒަނުގައި އަށް ދުވަސްތެރޭ ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ލީގުގައި ވިޔަރެއާލާ ވާދަކޮށް ގޯލެއް ނުޖެހި އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިވީ ނިސްބަތްވާނެ ގައުމެއް ނެތް ކްލަބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝެރިފް ޓިރާސްޕޯލް އަތުންނެވެ. ރޭގެ ބައްޔާ އެކު އަދިވެސް ތާވަލުގެ އެއްވަނައިގައި ރެއާލް އޮތް ނަމަވެސް މިއީ ލީގުގައި އެ ޓީމުން މި ސީޒަނުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެހެންވެ އާދައިގެ ޓީމުތަކުގެ އަތުން ބަލިވުމަކީ ރެއާލަށް އޮތް އިންޒާރެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ރެއާލްގެ ފަހަތަށް ކުޅޭ ފުލް ބެކުންގެ އިންޖަރީ މައްސަލަ ޓީމަށް ކުރިމަތިވެފައި ވާއިރު، ޗެމްޕިއަންސް ލީގުގައި ލެފްޓް ބެކަށް ކުޅުވި މިގޭލް ގުޓިއެރޭޒްގެ ޕާފޯމަންސް ދަށް ވުމުން މި މެޗުގައި އެ މަގާމަށް ބޭނުންކުރަން ޖެހުނީ ޑޭވިޑް އަލަބާ އެވެ.

އެސްޕަންޔޯލުގެ އެޑްރިއަން އެމްބާބާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ފުރަތަމަ ލަަނޑު 17 ވަނަ މިނިޓުގައި ޖެހީ ރިއާލް މެޑްރިޑްގެ އެކަޑަމީ ގްރެޖުއޭޓް ރައުލް ޑި ޓޯމަސް އެވެ. ދެވަނަ ލަނޑު 60 ވަނަ މިނިޓުގައި ޖެހީ މީގެ ކުރިން ބާސެލޯނާއަށް ވެސް ކުޅުނު އަލޭޝް ވީދާލް އެވެ. އޭނާ މި ލަނޑު ޖެހީ ދަނޑުގެ މެދަކާ ހަމައިން އެކަނި މާއެކަނި ބޯޅަ ހިފައިގެން ގޮސް ރެއާލްގެ ނާޗޯ އާއި ލޫކާ މޮޑްރިޗް ކައިރިން ދެމިގަނެ، އޭރިއާތެރެއަށް ވަދެ ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ވީދާލް އަކީ އޭނާގެ ޅަ އުމުރުގައި އެސްޕަންޔޯލާއި ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑުގެ އެކަޑަމީގައި ވެސް ތަމްރީނު ހެދި ކުޅުންތެރިއެކެވެ.

އޭގެ ދެ މިނިޓު ފަހުން ވެސް އެސްޕަންޔޯލަށް ވަނީ ލީޑު އިތުރަށް ފުޅާކުރާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ރެއާލްގެ ހުރިހާ ކުޅުންތެރިން ކުރިޔަށް އަރާ ތިބި ވަގުތެއްގައި ކައުންޓާ އެޓޭކެއްގައި ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް ސާޖީ ޑާޑާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އޭގެ ތިން މިނިޓު ފަހުން ކަރީމް ބެންޒެމާ ރެއާލަށް ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޭނާ ބޯޅަ ހޯދީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށެވެ.

ރެއާލުން ޖެހި ހަމައެކަނި ލަނޑު 71 ވަނަ މިނިޓުގައި ޖެހީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރޭގައި ހުރި އެސްޕަންޔޯލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލައިފަ އެވެ.

މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެޑެން ހަޒާޑް ލަނޑެއް ޖެހި ނަމަވެސް، އެޓޭކުގެ ބިލްޑްއަޕްގައި ބެންޒެމާއަށް ބޯޅަ ލިބުނީ އޭނާ އޮފްސައިޑުގައި ހުއްޓަ އެވެ.

މިހާތަނަށް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު އަށް މެޗުން އެޓީމަށް ހަތް ޕޮއިންޓް ގެއްލިފައި ވާއިރު، ޗެމްޕިއަންސް ލީގުގައި ވެސް އެޓީމަށް ވަނީ ގުރޫޕުގެ އެއްވަނަ ގެއްލިފަ އެވެ. ރެއާލް ލީގު އެއްވަނައިގައި އޮތް ނަމަވެސް ޕޮއިންޓުގެ ގޮތުން ވަނީ ދެވަނަ އަދި ތިންވަނައިގައި އޮތް އެތްލެޓިކޯޯ މެޑްރިޑާއި ރެއާލް ސޮސީޑާޑް އާ އެއްވަރުވެފަ އެވެ. މި ތިން ޓީމަށް ވެސް 17 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454