29 ޖޫން 2022 - 09:44
ހަތާޔަކީ، ތިމާ ނިންމާ ނިންމުންތަކެއްގެ ނަތީޖާއެވެ. ބުނި މީހަކު ބުނެފައި އެ ވަނީ ކިހައި ބޮޑު ތެދެއް ހެއްޔެވެ؟ ދިރިއުޅުމުގެ ކަތިބޮޑު މަގުތަކުން ހިނގައިފައި އައިސް މިއަދު އަހަރެން މި ހިސާބުގައި ހުއްޓެންޖެހުމުން އެ ކަމާ ޒިންމާވާނީ ކާކު ހެއްޔެވެ؟ އަހަންނެވެ. ކޮންމެ ނިންމުމެއް އަހަރެން ނިންމީ އަހަރެން ބޭނުންވާ ގޮތަށެވެ. މައިންބަފައިން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެއެވެ. ޝަކުވާކުރަން އެ މީހުން ގާތަށް އަހަންނަށް ދެވެން ނެތީ އެހެންވެއެވެ.
އަހަރެންގެ ހަޔާތަށް އައި އެންމެ މުހިންމު ދަނޑިވަޅަކީ، ފިރިޔަކު އިހުތިޔާރުކުރި ވަގުތެވެ. ތެދުވެރިކަމާއި، އޯގާވެރިކަން ނިތްކުރީގައި ލިޔެވިފައެއް ނުހުރެއެވެ. ދެ މީހަކު އެއް މަޝްވަރާއެއް ނުދެއެވެ. އިންސާނެއްގެ މާޒީ ނިއުޅުވުމަކީ ބުނަން ފަސޭހަ، ކުރަން އުނދަގޫކަމެކެވެ. ފަސްބައިގައި ޖެހިފައި ހުންނަ ލައްތައް ދައްކާނީ ކާކު ހެއްޔެވެ؟ އަހަރެން ވެސް ނުދައްކާނެއެވެ. އަހަންނަކީ ވަޒީފާއަދާކުރާ، މެދު އުމުރުގެ އަންހެނެކެވެ. މާލޭގައި ގެދޮރު އެބަ ހުއްޓެވެ. މުއްސަނދިކަމަށް ވުރެ އަހަންނަށް މުހިންމީ ހަރުދަނާކަމެވެ. އަހަރެން ހޯދީ، އަހަރެން ހިތުން ވަރަށް ހަރުދަނާ ފިރިހެނެކެވެ. އަހަރެން ދެކެ ލޯބިވާނެ މީހެކެވެ.
ޒަވާޖީހަޔާތުގެ ދަތުރު ފެށުނީ ވަރަށް އޮމާންކޮށެވެ. ފިރިމީހާ ވެސް ވަޒީފާއަދާކުރެއެވެ. މެންދުރުކުރީގެ ވަގުތަކީ އަހަރުމެން ވަޒީފާގައި އުޅޭ ވަގުތެވެ. އަހަރުމެންގެ އޮފީސް ހުންނަނީ ވަރަށް ކައިރީގައެވެ. ފިރިމީހާއަކީ މާލޭ މީހެކެވެ. އޭނަގެ އާއިލާ ވެސް އުޅެނީ މާލޭގައެވެ. އެހެނަސް، އާއިލާއެއް އޮތުމެކޭ ނެތުމެކޭ އޭނައަށް އެއްވަރެވެ. އެހައި ވެސް ގުޅުން ކުޑައެވެ. އޭގެ ސިއްރެއް އަހަންނަކަށް ނޭނގެއެވެ. ނުވެސް އަހަމެވެ. އިނދެގެން އުޅުނަސް ޒާތީކަންކަން ހުންނާނެއެވެ. އެއީ އަހައި އޮޅުންފިލުވަންޖެހޭ ކަންކަމެއް ނޫނެވެ. ނާހަނީސް ކިޔައިދޭންޖެހޭ ކަންކަމެވެ. އަހަރުމެންގެ ދިރިއުޅުމަށް އަސަރުނުކުރާކަންކަން ކޮނެ ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް އަހަރެންގެ ނުހުރެއެވެ.
ރައްޓެހިންނަކީ ވަރަށް އާދަޔާހިލާފު ލޯތްބެއްވާ ބައެކެވެ. ދައްކަން ބޭނުންވާނީ އުފާވާ ކަހަލަ ވާހަކައެވެ. ދެރަވެދާނެ ވާހަކަަތައް އެ މީހުން ފޮރުވާނެއެވެ. އެއީ ކޮންމެހެން ބުނަންޖެހޭ ވާހަކައަކަށް ވިޔަސްވެހެވެ. އޭގެ ނަތީޖާ ވަރަށް ހިތްޗެވެ. އަހަންނާ ކައިވެނިކުރި އިރު ވެސް ފިރިމީހާގެ އެހެން ލޯބިވެރިޔަކު ހުރެއެވެ. ހުރިހައި ރައްޓެހިންނަށް އެ ކަން އެނގެއެވެ. ބުނަން ނުކެރުނީއެވެ. އަހަރެން މާބަނޑުވަންދެން ރައްޓެހިން "ނުކެރިފައި" ތިބީއެވެ. ހަގީގަތް ކިޔައިދިނުމުގެ ހިތްވަރުލިބުނީ އަހަރެންގެ ބަނޑު ފެނުނީމައެވެ. އޭރު ވެސް ފިރިމީހާޔާ ދޭތެރޭ އަހަންނަކަށް އެއްވެސް ޝައްކެއްނުވެއެވެ. އެހެނަސް ޝައްކުނުވުމަކުން، ވަމުންދާ ކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. ޝައްކު ޔަގީނަށް ބަދަލުކުރަން އަހަންނަށް އޮތީ އެންމެ މަގެގެވެ. ފިރިމީހާ ގާތުގައި އެހުމެވެ.
އަހަރެން ތައްޔާރުވީމެވެ. ޖަވާބާ ކުރިމަތިލާނެ ހިތްވަރުހޯދީމެވެ. އެއްބަސްނުވެއްޖެ ނަމަ ހަދާނެގޮތަކާއި، އެއްބަސްވެއްޖެ ނަމަ ދެން ހަދާނެގޮތެއް ނިންމީމެވެ. އެންމެ ގޯސް ހާލަތާ މެދު ވެސް އަހަރެން ވިސްނީމެވެ. ވަރިވެގެން ކުއްޖާ ބަލަމުން ވަޒީފާއަދާކުރަން ވެސް ޖެހޭނެއެވެ. މައިންބަފައިންގެ އެހީ ނުލިބުމަކީ ވެސް ވެދާނެކަމެކެވެ. އެހެނަސް، ކެހިވެރިޔަކާ އިނދެގެން އުޅުމަށް ވުރެ ހިތަށް ފަސޭހަވާނެއެވެ.
ފިރިމީހާޔާ ކުރިމަތިލީމެވެ. ސުވާލުކުރީމެވެ. ދުރުދުރަކުން ނޫނެވެ. ފިރިމީހާ ވަގުތުން އެއްބަސްވިއެވެ. އަހަރެން ވަރިޔަށް އެދުމުގެ ކުރިން އަހަރެން ވަރިކުރިއެވެ. ހީވި ކަހަލައެވެ. އޭނަ ހުރީ އެ ފުރުސަތުގެ އިންތިޒާރުގައެވެ. އެރެއިން އެރެޔަށް ފިރިމީހާ ގެއިން ނުކުމެގެންދިޔައެވެ. ހުރިހައި ކަމެއް ހިނގައިދިޔައީ ބަސްބުނި ހިނދުންނެވެ. އެއްވެސް ކުށަކާ ނުލައި އަހަރެން ބާކީވެ، ހުވަފެންތައް ވިއްސިވިހާލިވީއެވެ. އަހަރެން ދެކެ ފިރިމީހާ އެހައި ފޫހިވެފައި ހުރި އިރު ވެސް، އެ ކަން ނުދައްކާ އޭނަ ހުރީ ކިހިނެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އޭނަ ހާދަހާ މޮޅެވެ. ކުޅަދާނައެވެ. އެ ހިސާބުން ފިރިހެނުންނަށް އޮތް އިތުބާރު ގެއްލުނީއެވެ. ހިތާހިތުން ބުނެލީމެވެ. އަހަރެންގެ ހަޔާތަކަށް ދެނެއް ފިރިހެނަކު ނާންނާނެއެވެ.
ރަސްމީ ގޮތުން ވަރީގެ ލިޔުންތައް ލިބުމުން ކުރީގެ ފިރިމީހާ ގެއްލުނެވެ. އޭނަ ދިޔަ ތަނެއް، އޭނައަށް ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އޭނަގެ އާއިލާ މީހުން ގާތަކު ނާހަމެވެ. ނޭނގޭނެކަން އެނގޭތީއެވެ. އަހަރުމެން ވަރިވިކަން ވެސް އާއިލާއަށް އެނގުނީ އަހަރެން ބުނީމައެވެ. އާއިލީގުޅުން ގޯސްވި ސަބަބު އެ މީހުން ކިޔައިދިނެވެ. ކުރީގެ ފިރިމީހާ އެންމެ ކުރިން ރައްޓެހިވި މީހާއަށް އާއިލާއިން ރުހުންނުދިނީއެވެ. ހިތަށްއެރިއެވެ. އެ ވާހަކަ ވެސް ކުރިން އެނގުނު ނަމައެވެ.
އެތަކެއް ދުވަހަކު އެކުގައި އުޅުނު ފިރިމީހާ، ކުއްލިއަކަށް ވަކިވެގެންދިޔުމަކީ ވަރަށް އެކަނިވެރިވާކަމެކެވެ. ކުށްކުރީ އޭނަކަން އަހަންނަށް އެނގެއެވެ. އަހަރެން ބޭނުންވީ މާފަށްއެދިފައި، އާފެށުމަކުން ފަށާށެވެ. އަހަރެންގެ ފިރިމީހާ އަހަރެން ގާތުގައި ހުންނާށެވެ. އެހެން އަންހެނަކަށް އަހަރެންގެ ފިރިމީހާ ލިބުމަކީ، ދިރުވައިލަން އުނދަގޫ ހަގީގަތަކަށްވިއެވެ. ދިރިހުރުން ނިމުމަކަށް ގެންނަން ވެސް އެއް ފަހަރު ހިތަށްއެރިއެވެ. އެ ކަން ނުކުރީ ދަރިފުޅަށް ޓަކައެވެ.
އަހަންނަށް ލިބުނީ ފިރިހެންކުއްޖެކެވެ. ނަން ދިނީ އަހަރެންގެ ބައްޕައެވެ. ހަސަން ޒާލިފުއެވެ. އަހަރެން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު އެހީތެރިކަމެއް މައިންބަފައިން ދިނެވެ. އަހަރެން ވަޒީފާ ދުލެއްނުކުރަމެވެ. އަހަރެންގެ ނަޒަރުގައި ޒާލިފުގެ ހުރިހައި ކަމެއް ބަލަހައްޓަން ޖެހޭނީ އަހަންނެވެ. އަމިއްލައަށް ފެނިގެން މައިންބަފައިން ކަމެއް ކޮށްދިނަސް، ގެއަށް ވަނުމަށް ފަހު ޒާލިފު ގެންގުޅެނީ އަހަންނެވެ. އެއްވެސް ކަމެއް އެހެން މީހަކަށް ނުޖައްސަމެވެ. ބައެއް ފަހަރު ބައްޕަ ހިތްހަމަނުޖެހިގެން އެ ވާހަކަދައްކައެވެ. އަހަންނަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. ހަގީގަތުގައި ނުވިސްނެނީ ބައްޕައަށެވެ. ޒާލިފުގެ ބައްޕަ ނެތިގެން ޒާލިފު ޝަކުވާކުރާ ދުވަހެއް އަންނާނެއެވެ. އެ ތުހުމަތު އަހަރެންގެ ބޮލުގައިއެޅުމަކީ ވެސް ނުވާނެކަމެއް ނޫނެވެ. އަހަރެންގެ ބޭނުމަކީ، ބައްޕަގެ ލޯބި ވެސް ޒާލިފަށް އުނި ނުވުމެވެ.
ކުރީގެ ފިރިމީހާގެ އެއްވެސް ފޮޓޯއެއް އަހަރެން އަތަކު ނުބަހައްޓަމެވެ. ޒާލިފުގެ ސިކުނޑީގައި ބައްޕަގެ ތަސްވީރެއް ހަރުލައްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޒާލިފަށް އިވޭ ހިސާބުގައި އެ ނަން ކިޔުން ވެސް އަހަރެން އޮންނާނީ މަނާކޮށްފައެވެ. އަހަރެން ހީކުރީ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. މަދަރުސާއަށް ވަނުމުން ޒާލިފަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް އަހަރެން ހުރީ ތައްޔާރުނުވެއެވެ. އެހެން ކުދިން ބަލާ އެ ކުދިންގެ ބައްޕަ ދާނެއެވެ. ބެލެނިވެރިންގެ ދުވަހާއި، އެހެނިހެން ބައްދަލުވުންތައް އޮންނާނެއެވެ. އެއީ ހޮޅިލައި އެނބުރެމުންއައި ރާޅެކެވެ. އަހަރެން ހުރީ، ސަލާމަތްވާނެ މަގެއް ނުހޯދިފައެވެ.
ޒާލިފު ބޮޑުވަމުންއައި އިރު، ބައްޕަ ކޮބައިތޯ ޒާލިފު ސުވާލުކުރެއެވެ. ޒާލިފު ކުޑަކަމުން އެ މައްސަލަ ހައްލުކުރަން އަހަންނަކަށް އުނދަގުލެއް ނޫނެވެ. އެކަމަކު، ޒާލިފަށް ވިސްނެމުންއައި ވަރަކަށް އަހަރެންގެ ދުލުން ޖަވާބު ދިޔައީ ހުސްވަމުންނެވެ. ކޮންމެ ހަފުތާއަކު އެތައް ހާދިސާއެއް ކުރިމަތިވެއެވެ. މައްސަލައަކީ ޒާލިފުގެ ރައްޓެހިކުދިންގެ ލާނެތް ސަމާސާއެވެ. ބަލަބަލައި ހުއްޓައި ޒާލިފުގެ ހަޔާތަށް ބިރުވެރި ހިޔަންޏެއް އަނދިރިއަޅަން ފެށިއެވެ. އިނގެރޭސިން އެއަށް ކިޔަނީ ޑިޕްރެޝަންއެވެ. އުމުރުން އެންމެ ބާރަ އަހަރުގައި ޒާލިފު ހިމޭންވިއެވެ. ބަސްމަދުވިއެވެ. މާކުސްތައް ދަށްވެ، ގަނޑުވާން ފެށިއެވެ. ނުކެވި، ހިކެން ފެށިއެވެ. ނިދި މަދުވެ، ރުއިން ގިނަވާން ފެށިއެވެ. ކަޅުހިޔަނީގެ މުށުތެރޭގައި ދަރިފުޅު ހައްޔަރުވެ، ނޭވާހާސްވަމުންދިޔައީ ލަސްލަހުން، މަޑުމަޑުންނެވެ.
ދަރިފުޅުގެ މުސްތަގުބަލު ހުއްޓުމަކަށް އައެވެ. ނަފުސާނީ ޑަކުޓަރެއްގެ އެހީ ހޯދަން އަހަންނަށް މަޖުބޫރުވިއެވެ. އޮތީ އެންމެ ހައްލެކެވެ. ދަރިފުޅުގެ ބައްޕަ ހޯދުމެވެ. އޭނަ ވީ، ދުނިޔޭގެ ކޮން ހިސާބެއްގައިކަން ދެނަހުރި މީހަކު ވެސް ނެތެވެ. އޭނަ ހުރި ތަން ހޯދުނަސް، ޒާލިފަށް ޓަކައި އޭނަ އަންނާނެ ހެއްޔެވެ؟ އަހަރެން ދޫކޮށްލައިފައި ދިޔަ އިރު، އަހަރެން މާބަނޑުކަން އޭނައަށް އެނގޭނެއެވެ. އެކަމަކު އެންމެ ފަހަރަކު ވެސް އަހަރެންގެ ހާލުބަލައިނުލައެވެ. ނުވެސް ގުޅައެވެ. އެހައި ލޯބިވާ ބަފަޔަކު ހުރި ތަން އަހަރެން ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ހިތަށްއަރައެވެ. އޭނަގެ ހިތަށް ކެތްވާކަމެވެ.
"އަހަރެން މީހަކާ އިނުން އެއީ ހައްލަކަށް ވެދާނެބާ؟" ޑަކުޓަރު ޖީޒާ ކައިރީގައި އަހަރެން އެހީމެވެ.
މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް، ދަރިފުޅަށް ޓަކައި އެ ގުރުބާނީވާން އަހަންނަށް މަޖުބޫރެވެ.
"އޭނަ ވާނީ ސަނާގެ ފިރިމީހާއަށް،" ޑަކުޓަރު ޖީޒާ ލަފާދިނެވެ. "ޒާލިފުގެ ދޮންބައްޕައަށް. ބައްޕައަކަށް ނޫން."
"އޭގެ މާނައަކީ؟" އަހަރެން ސުވާލުކުރީމެވެ.
"ތި އުޅެނީ ފިރިއެއް ހޯދާކަށް ނޫން،" ޖީޒާ ބުންޏެވެ. "ބައްޕައެއް ކަހަލަ ދޮންބައްޕައެއް ހޯދަން. ތީ ވަރަށް އުނދަގޫކަމެއް. ޑޮކްޓަރެއްގެ ހައިސިއްޔަތުން ބުނެވޭނެ ވަރަށް މި ބުނީ."
އަހަރެން ފުންމައިގެން ތެދުވީމެވެ. އެ ކުލިނިކުން ދާން ހިނގައިގަތީމެވެ. ދޮރާ ހަމައަށް ގޮސްފައި ހުއްޓުނީމެވެ.
"ޑޮކްޓަރެއް ބޭނުން ނަމަ މި ނޫން އެހެން ތަންތަން ވެސް ހުންނާނެ ދޯ؟" އަހަރެން ބުނީމެވެ. "އަހަރެން ހީކުރީ ތީ އަހަރެންނާ އެއްކްލާހެއްގަ އުޅުނު ފްރެންޑެއްކަމަށް. ދަރިޔަކު އެބަ ހުއްޓެއްނު! މަންމައަކަށްވެބަލަ! އަންހެނަކަށްވެބަލަ! ތި ޑޮކްޓަރު ކޯޓު ލާބަލަ ޑަސްބިނަށް."
ޑަކުޓަރު ޖީޒާ އަހަންނަށް އިޝާރާތްކޮށްލިއެވެ. އަލުން އިށީނުމަށް އެދުނެވެ. އަހަރެން އިށީނީ، ރުޅިއައިސްގެން އިށީންނަ ކަހަލަ ގޮތަކަށެވެ. ޖީޒާ ހިނިތުންވިއެވެ. ހެދުން މަތިން ލައިގެން ހުރި ޑަކުޓަރު ކޯޓު ބާލައިފައި ގޮނޑީގައި އަޅުވައިލިއެވެ.
"މިހާރު އޯކޭ؟" ޖީޒާ ހެމުންހެމުން ބުންޏެވެ. "ސަނާ އެއްވެސް ވަރަކަށް ޗޭންޖެއް ނުވޭ ދޯ؟ ހަމަ ސްކޫލްގަ އުޅުނު ބްރެޓީ ސަނާ. އަހަރެން ކުރީ ދުވަހު ނޫހަކުން ދުށިން އާޓިކަލެއް. ހިނގާބަލަ އޭތި ޓްރައިކުރަމާ! ރިސްކް އެބަ ހުރި އިނގޭ. އެއްވެސް ކަމެއް ރިސްކް ފްރީއެއް ނުވާނެ. ފަހުން އަހަރެން ޝޫޓްނުކުރާތި!"
ކުލިނިކުން ނުކުމެގެން ގެއަށްއައި އިރު ވެސް އަހަންނަށް ގޮތެއް ނުނިންމެއެވެ. ހިތަށްއެރިއެވެ. ޑަކުޓަރު ޖީޒާ ބުނި ކަންތައް ކުރަންވީ ހެއްޔެވެ؟ އެ ވަގުތު އަހަންނަށް ފޯނެއްއައެވެ. ގުޅީ މަންމައެވެ. ޒާލިފު އަނބުރައިގަތީއެވެ. މަންމަ ގުޅީ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައެވެ. ސައިރަންގެ އަޑު އަހަންނަށް އިވެއެވެ. ހުރެވުނު ތަން ވެސް އަހަންނަކަށް ނޭނގުނެވެ. ޒާލިފަށް ކަމެއް ވެއްޖެއްޔާ އަހަރެންނަކަށް އަހަރެން މާފެއްނުކުރާނަމެވެ. ސައިކަލުގައި ހޮސްޕިޓަލަށް ނައްޓައިލީމެވެ. ހިތަށްއެރިއެވެ. ޖީޒާ ބުނި ގޮތް ހެދުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy