ރޮށި ފިހާ މެޝިނެއްގެ ވާހަކަ ދެކެވުނުތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ މަތިން ހަނދާން ނެތޭހާ ދުވަސް ވެފައި ވަނިކޮށް އަލުން އެ ވާހަކަ ފަށަން މި ޖެހެނީ އަތުޖެހޭ ހިސާބަށް މި އަންނާތީ އެވެ.
ރޮށި ޕްރިންޓްކުރާ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އެހެން މި އެހީ ރޮށި ޕްރިންޓްކުރުމަކީ އަަހަރެމެން އަޑުއަހާ ވާހަކައަކަށް ނުވީމަ އެވެ. މުޅިން ވެސް އިވެނީ ފިހުނު ރޮށި، މުރަނަ ރޮށި، ހުނި ރޮށި އަދި ތެލުލި ރޮށީގެ ވާހަކަ އެވެ. ދެން އޮތް ސުވާލަކީ، ރޮއްޓެއް ޕްރިންޓްކޮށްފި ނަމަ ކާނަން ހެއްޔެވެ؟
ޓެކްނޮލޮޖީ އެ ހިސާބަށް މިހާރު ތަރައްގީވެއްޖެ އެވެ. ފުއްގަނޑު މޮޑެ، ގުޅަޖަހައި، ރޮށި ދެމުމަކީ މާޒީ އެވެ. މި ހުރިހާ މަސައްކަތެއް ކޮށްދެނީ މޭޒުމަތީ އަވަނެއް ކަހަލަ ކުޑަ މެޝިނެކެވެ. އެއީ ކޮމްޕިއުޓަރު ޕްރިންޓަރެއް ސިފަކުރެވޭ ގޮތަށް ހުރި ރޮބޮޓެކެވެ. ކިޔަނީ "ރޮޓިމެޓިކް" އެވެ. ހޫނު ރޮއްޓެއް ޕްރިންޓްކޮށްލަން ގިނައިރުތަކެއް ނުނަގަ އެވެ. އެންމެ މިނެޓެކެވެ. މެޝިނުގެ މޮޅު ވާހަކަ ދައްކާ މީހަކު ބުނާނީ މިހެންނެވެ.
ދޮންނަ މެޝިން އަދި އައިސްއަލަމާރީގައި ހުރުމަށް އެދޭ ފަދަ ފަސޭހަތައް ރޮޓިމެޓިކްގައި ވެސް ހުރެ އެވެ. ރޮށިފިހާ މެޝިން އުފައްދާފައި ވަނީ "ވައިފައި" ބޭނުންކުރެވޭ ގޮތަށެވެ. މާނަ އަކީ ސްމާޓްފޯނަކުން ވެސް އެ މެޝިން ކޮންޓްރޯލްކުރެވޭނެ ކަމެވެ. ބަދިގެއަށް ކޮޮންމެ ފަހަރަކު ނުގޮސް، ކޮޓަރީގައި އޮވެގެން ވެސް ރޮށިފިހަން ބޭނުންވާ ގޮތް މެޝިނަށް ބުނެދެވެ އެވެ. އެހެން ނަމަވެސް އަދި މިއީ މެޝިނަށް އަންނާނެ ފީޗާއަކަށް ވާތީ އާންމުކޮށް ބޭނުމެއް ނުކުރެވެ އެވެ. މެޝިނަށް ބޭނުންވާ ސޮފްޓްވެއާ އަޕްޑޭޓްތައް އަދި "މެއިންޓަނަންސް" ޚިދުމަތްތައް ލިބިގަތުމަށް ވައިފައި ވަރަށް ބޭނުންތެރި އެވެ.
ރޮޓިމެޓިކުން ފިހާ ރޮށިގައި ލާ ރަހަ ބުނެދޭކަށް ނޭނގެ އެވެ. އަދި ނުކަމެވެ. އެހެން ނަމަވެސް މެޝިނުން ޕްރިންޓްކުރި ރޮށި ކޭ މީހުން ބުނަނީ މީރު ކަމަށެވެ. ވަރަށް މީރު ކަމަށެވެ. ތަޖުރިބާކުރި މީހުން ބުނާ ގޮތުގައި ރޮށި ހުންނަނީ ރަނގަޅަށް ރޯފިލާފަ އެވެ. ތުނި މިން އަދި ވަށް މިނުގައި އެއްވެސް މައްސަލައެއް ނެތެވެ.
ރޮށި ފިހާ މެޝިންގައި "އާޓިފިޝަލް އިންޓެލިޖެންސް" ބޭނުންހިފެ އެވެ. އެ ގޮތުގައި ބޭނުން ވަރަކަށް ރޮށި ތުނިކުރެވެ އެވެ. އަތުން ރޮށި ދަމާއިރު ބައެއް މީހުންނަށް އެންމެ އުނދަގޫވަކީ ރޮށި ވައްކުރުމަށެވެ. އެއީ ރޮޓިމެޓިކަށް ހިނދުކޮޅެއްގެ ކަމެކެވެ. އަހަރެމެން އާންމުކޮށް ބޭނުންކުރާ ރޮށީގައި ހުންނަ ހުރިހާ ސިފައެއް، ޕްރިންޓްކުރި ރޮށީގައި ހުރެ އެވެ.
މި މެޝިން މިހާރު ގަންނަން ލިބެ އެވެ. އެކަމަކު ހާހެއްހާ ޑޮލަރަށެވެ.