ސްމާޓް ވޮޗުތަކުގެ ކުދި ސްކްރީން ތަކުގެ މައްސަލައަށް ސެމްސަންގުން ހައްލު ހޯދައިފި. ފޮޓޯ: ބިޒްނަސް އިންސައިޑާ
18 މެއި 2016 - 09:59
ސްމާޓް ވޮޗުތަކަށް އޮންނަ ޑިމާންޑް ކިތަންމެ ބޮޑަސް، އޭގެ ކުޑަކުޑަ ސްކްރީނާ ހެދި އެ ބޭނުންކުރުން ފަސޭހަ ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ސެމްސަންގުން އެންމެ ފަހުން ހުށަހެޅި ޕޭޓަންޓެއްގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދާފަ އެވެ.
އެ ހުށަހެޅުމުގައިވާ ގޮތުން ނަމަ، އެންޑްރޮއިޑް ސްމާޓް ވޮޗުތަކުގައި ޕްރޮޖެކްޓަރެއް ވަނީ ހިމަނާފަ އެވެ. އެ ޓެކްނޮލޮޖީގެ ސަބަބުން، އެ ޕްރޮޖެކްޓަރު މެދުވެރިކޮށް ގަޑިތަކުގެ ޑަޔަލްޕެޑު، ކީބޯޑު ނުވަތަ މެނޫ، މީހާގެ އަތަށް ނުވަތަ މުލައްދަނޑިއަށް ފުޅާކޮށްލެވޭނެ އެވެ. ސެމްސަންގުން ހުށަހެޅި ކުރެހުންތަކަށް ބަލާއިރު، ސްމާޓް ވޮޗުތަކުގެ ސްކްރީން ފާރުތަކާއި ދޮރު ފަދަ ތަންތަނަށް ވެސް ޕްރޮޖެކްޓް ކުރެވޭނެ އެވެ.
ސްމާޓް ވޮޗުތަކުގެ ކުދި ސްކްރީންތައް ބޭނުންކުރުމުގައި ދިމާވާ އުނދަގޫ ސެމްސަންގުން ހައްލުކޮށްދީފި.
އެ ޕޭޓަންޓުގައިވާ ގޮތުން، އެ ގަޑިތަކުގައި ހިމެނޭ އޮމްނިޑިރެކްޝަނަލް ކެމެރާ އަކުން ސްކްރީން ޕްރޮޖެކްޓު ކުރަން ބޭނުންވާ ތަންތަން ޑިޓެކްޓްކޮށްދޭނެ އެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީ ވާޗުއަލް ރިއަލިޓީ ހެޑްސެޓް ތަކުގައި ބޭނުންކުރެވޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.
އާންމު ގޮތެއްގައި ސްމާޓް ވޮޗުތަކަކީ ޗާޖު ކުރަންނުޖެހި، ދެ ތިން ދުވަސް ބޭނުންކުރެވޭ އެއްޗަކަށް ވުމުން، ޕްރޮޖެކްޓަރު ބޭނުންކުރިއަސް، ގަޑީގެ ބެޓެރި މަދުވެގެން އެއް ދުވަސް ހިފަހައްޓާނެ ކަމަށް ސެމްސަންގުގެ ހުށަހެޅުމުގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy