ސެމްސަންގް ގެލަކްސީ ސްމާޓްފޯންތަކަށް "ގްރަފީން" ބެޓެރީ

ޒަމާން ދަންނަހައި ޓެކްނޮލޮޖީއެއް ހިމަނައި ސްމާޓްފޯނުތައް ބާރުގަދަކުރެވެނީ އެވެ. އެކަމަކު ވެސް، ބެޓެރީގެ ކުޅެދުންތެރިކަމަށް އިންގިލާބީ ޓެކްނޮލޮޖީއެއް، އަދި ނެތެވެ. "ގްރާފީން" ބެޓެރީތަކާ މެދު ވެސް އޮތީ ކުރެވޭ އުންމީދެކެވެ.


ގްރަފީން ބެޓެރީ އާ ބެހޭ ގޮތުން ވާހަކަދައްކަމުން ސެމްސަންގް ބުނީ އަދި އޮތީ ޓެސްޓް މަރުހަލާގައި ކަމަށެވެ. އެކަމަކު ވެސް، "ލިދިއަމް-އަޔަން" ބެޓެރީތަކަށް ވުރެ ދެމެހެއްޓެނިވި ޓެކްނޮލޮޖީއަކަށް ގްރަފީން ބެޓެރީތައް ވާނެ ކަމަށެވެ.

ސެމްސަންގް ފޯނުތަކުގައި ގްރަފީން ބެޓެރީ ހިމަނާނެ ދުވަހެއް އަދި ނޭނގެ އެވެ. އިންޓަނެޓަށް ލީކުވެފައި ހުރި މައުލޫމާތަށް ބަލާއިރު، ގެލަކްސީ އެސް10 އަކީ ބާރުގަދަ ފޯނަކަށް ވާނެ އެވެ. ސެމްސަންގްގެ އޮފިޝަލުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ވެސް، އެސް10 ވެގެން ދާނީ އިންގިލާބީ ކުރިއެރުންތަކެއް ތައާރުފުކުރާ ފޯނަކަށެވެ.

ގެލަކްސީ އެސް10 އާ މެދު ކުރެވޭ އުންމީދުތަކަށް ބަލާއިރު، އެއީ 5ޖީ ފޯނަކަށް ވެސް ވާން ޖެހެ އެވެ. ޑިސްޕްލޭ ދަށުގައި "ފިންގާޕްރިންޓް ސްކޭނާ" ވަޅުލައި، ސެމްސަންގުން ނެރޭ ފުރަތަމަ ފޯނަކީ ވެސް އެސް10 ކަމަށް ބުނެވެ އެވެ. އަނެއްކޮޅުން މިހާރު ބުނެވެނީ އެސް10 ގައި ގްރަފީން ބެޓެރީ ބޭނުންކުރެވޭނެ ކަމަށެވެ.

"ލިދިއަމް-އަޔަން" ބެޓެރީތަކުގެ މައްޗަށް "ގްރަފީން" ބެޓެރީތައް ހޯދާ ކާމިޔާބަކީ، ގިނައިރު ޗާޖު ދެމެހެއްޓިފައި ހުރުމެވެ. ގަބޫލުނުކުރެވޭހާ އަވަހަށް ޗާޖުކުރެވުމެވެ.

ސެމްސަންގް ގެލަކްސީ އެސް10 އާ މެދު ފުން އުންމީދުތަކެއް ކުރެވުނު ނަމަވެސް، މި ލިޔުމުގައި ދެކެވިފައި ހުރި އެއްވެސް ވާހަކައެއް އަދި ކަށަވަރެއް ނުވެ އެވެ. މިއިން ކަމަކާ ބެހޭ ގޮތުން ސެމްސަންގުން ރަސްމީ ބަހެއް ނުބުނެ އެވެ. އެކަމަކު ވެސް، ސްމާޓްފޯނުތައް ނެރެން ކައިރިވަމުން އަންނައިރު، އިންޓަނެޓަށް ލީކުވާ މައުލޫމާތުތައް ގިނަ ފަހަރު ސައްހަ ވެ ދެ އެވެ. އެކަން ޔަގީންވަނީ ފޯނުތައް ނެރޭ ފަހުންނެވެ.