ސެމްސަންގުގެ ފަތްޖަހައިލެވޭ ފޯނު އަންނަ އަހަރު ނެރެނީ

ފަތްޖަހައިލެވޭ ގޮތަށް ފަރުމާކުރާ ސްމާޓްފޯން އަންނަ އަހަރު ނެރޭނެ ކަމުގެ ޔަގީންކަން ސެމްސަންގުން ދީފި އެވެ.


އެމެރިކާގެ ސެން ފްރެންސިސްކޯގައި ބުދަ ދުވަހު ބޭއްވި "ސެމްސަންގް ޑިވެލޮޕާ ކޮންފަރެންސް" ގައި ސެމްސަންސަންގު މޮބައިލް މާކެޓިންގެ ނައިބު ރައީސް ޖަސްޓިން ޑެނިސަން ވިދާޅުވީ ފަތްޖަހައިލެވޭ ފޯނު އަންނަ އަހަރު ނެރެވޭނެކަމާ ދޭތެރޭ މިހާރު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

ނަމަވެސް ފޯނު ނެރޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

"އަހަރެމެން މި އުޅެނީ މި މަސައްކަތުގެ ތެރޭގައި. އެހެންވީމާ ކުރިއަށް މިއޮތް މަސްތަކުގެ ތެރޭގައި ފޯނު ނެރޭނެ ތާރީހެއް ރަސްމީކޮށް އިއުލާން ކުރޭވޭނެ ކަމުގެ އުންމީދު ވެސް ބޮޑު،" ކޮންފަރެންސް ތެރޭގައި ފަތްޖައިލެވޭ ފޯނުގެ ޑިސްޕްލްޕޭ ވެސް ދައްކައިލަމުން ޖަސްޓިން ވިދާޅުވި އެވެ.

ފަތްޖަހައިލެވޭ ފޯނުގެ ޑިސްޕްލޭ ވަނީ ދައްކާލައިފައި.

އޭނާ ވިދާޅުވި ގޮތުގައި އިންފިނިޓީ ފްލެކްސް ޑިިސްޕްލޭ ބޭނުން ކުރާ ފަތްޖަހައިލެވޭ ފޯނުވެގެން ދާނީ އޭގެ އަސްލު ސައިޒަށް ރުޖޫއަ ކުރުމުން ޓެބްލެޓެއްގެ އިހުސާސް ކުރެވޭ ފޯނަކަށެވެ. އެގޮތުން އޭގެ ސްކްރީނުގައި 7.3 އިންޗި ހުންނާނެ އެވެ.

"ފޯނު އަންފޮލްޑްކޮށްލުމުން ސްކްރީން ބޮޑުވެ، ޓެބްލެޓެއް ބޭނުންކޮށްލެވޭ ކަމުގެ އިހުސާސް ކުރެވޭނެ،" މާ ބޮޑު ތަފުސީލަކަށް ނުގޮސް ޖަސްޓިން ވިދާޅުވި އެވެ.

ފަތްޖަހައިލެވޭ ފޯނު ވުޖޫދަށް ގެންނަން ފޯނު އުފެއްދުމުގެ ވިޔަފާރީގެ ތެރޭގައި އުޅޭ ވަރުގަދަ ބޮޑެތި ކުންފުނިތަކުން ފޫގަޅައިފައިވާ އިރު، ސެމްސަންގްއާ ވާދައަށް މިކަމުގައި ދެން އެންމެ ކުރީގައި އުޅެނީ ވާވޭ އެވެ.

އެކަމަކު ވާވޭ އަށް ވުރެ ކުރިން ސެމްސަންގް ހުވެފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދު މިހާރު ބޮޑެވެ.