ގޫގުލް މެޕްސްގައި މާލެ ސަރަހައްދުގެ ސެޓެލައިޓް ވިއު އަޕްޑޭޓްކޮށް، މި ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތައް ފެންނަ ގޮތް ހަދައިފި އެވެ.
މި އަޕްޑޭޓާ އެކު ސިނަމާލެ ބްރިޖާއި ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިއްކާފައިވާ ސަރަހައްދާއި އެތަނުގެ މަގުތަކާއި އެނބޫދޫ ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ވެސް ފެނެ އެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައިވާ ބޮޑެތި ބަދަލުތައް ވެސް ރީއްޗަށް ފެނެ އެވެ.
ސެޓެލައިޓް ވިއުގެ އިތުރުން ބްރިޖާއި ހައިވޭގެ ސްޓްރީޓް ވިއު ވެސް ހިމަނާފައިވެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އެޅި ބްރިޖްގެ އަޕްޑޭޓް މެޕްގައި ހިމެނުމާ އެކު، އެ ދެމެދުގައި އެއްގަމު ދަތުރުގައި ހޭދަވާ ވަގުތު ބަލައިލެވި، ނެވިގޭޝަނަށް ވެސް ފަސޭހަވާނެ އެވެ.
ގޫގުލް އާތު ބްލޮގްގައި ބުނާ ގޮތުން، ގޫގުލް މެޕްގެ މައުލޫމާތު މަހަކު އެއްފަހަރު އަޕްޑޭޓްކުރެ އެވެ. ނަމަވެސް ސެޓެލައިޓް ވިއުގައި ބެލުމުން، އެ އަޕްޑޭޓް ވަރަށް ލަސްކަން އެނގެ އެވެ. އެގޮތުން ބައެއް ސަރަހައްދުތައް އަޕްޑޭޓް ނުވެ ދެތިން އަހަރުވެފައި ހުންނަކަން ފާހަގަވެ އެވެ.
މިހެން ދިމާވަނީ ގޫގުލް މެޕަށް ވަރަށް ގިނަ ސެޓެލައިޓްތަކުންނާއި އޭރިއަލް ފޮޓޯގްރަފީ ސޯސްތަކުން އެއްކުރާ މައުލޫމާތު އަޅާކިޔައި އެ އިމޭޖްތައް ޕްރޮސެސްކުރުމަށް ހޭދަވާ މުއްދަތުގެ ސަބަބުންނެވެ.
ނަމަވެސް ކުއްލިއަކަށް ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެން، އެ ކަމެއް ހިނގާ ސަރަހައްދަކަށް އެންމެ ފަހުގެ އަޕްޑޭޓް ދިނުމަކީ ގޫގުލް އިން ކުރާ ކަމެކެވެ.