ހިއުންޑޭ ކާރެއްގައި ސޯލާ ފުރާޅެއް

ކަރަންޓުން ދުއްވާ ކާރުތަކަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ނުވަގުތުގައި ބެޓެރީ ޗާޖުކުރަން ޖެހުމެވެ. ޕެޓްރޯލް ދޫކޮށްލުމަށް ފަހު، އުޅަނދު ފަހަރު ދުއްވުމަށް، ތިމާވެއްޓަށް ކަމުދާ ވަސީލަތެއް ހޯދަން އެނބުރުތަނުން ޖެހުނީ ކަރަންޓުގަ އެވެ. ބެޓެރީ ނުވަތަ ކަރަންޓުން ދުއްވާ ކާރުތަކަށް މުޅި ދުނިޔެ އަންނަނީ ބަދަލުވަމުންނެވެ.


ހިއުންޑޭ ކާރެއްގެ ފުރާޅުގައި ސޯލާ ޕެނަލެއް ހަރުކުރަން ޖެހުނީ ވެސް، ކަރަންޓުން ދުއްވާ ކާރަކަށް ވާތީ އެވެ. ބެޓެރީ ފުރިހަމަ ބާރުގައި ނުދެވޭހައި ދުރަށް، ހިއުންޑޭގެ މި ކާރަށް ދަތުރުކުރެވޭ ކަމަށް ވެ އެވެ. ކާރު ޑިޒައިންކޮށްފައި ވަނީ ދުއްވާފައި ދާއިރު، ބެޓެރީ ޗާޖްކުރެވޭ ގޮތަށެވެ.

ސޯލާ ޕެނަލް އަކީ ހަކަތަ އުފެއްދުމަށް އަލި ބޭނުންވާ ނިޒާމެކެވެ. އެހެންކަމުން، ހިއުންޑޭގެ މި މޮޑެލް އަށް ވެސް ހައްދު ކަނޑައެޅިފައި ވެ އެވެ. ދިގު ދަތުރުކުރުމުގައި، އިރުގެ އަލިކަން ނުލިބޭ ވަގުތުތަކުގައި ބެޓެރީ ހުސްވުމަށް ފުރުސަތު އޮވެ އެވެ.

ހިއުންޑޭއާ ހަވާލާދީފައި ހުރި ޚަބަރުތަކުގައި ބުނާ ގޮތުން، މި މޮޑެލް މުޅި ދުނޔެއަކު ނުވިއްކާނެ އެވެ. މިއީ އެއްގޮތަކަށް ވެސް ޔޫރަޕަށް ޚާއްސަކުރެވިފައި ވާ މޮޑެލެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، ސޯލާ ޓެކްނޮލޮޖީ ހިމަނައި، ހިއުންޑޭގެ އެހެން މޮޑެލްތައް ޔޫރަޕަށް އަމާޒުކުރާނެ އެވެ. ބެލެވޭ ގޮތުގަައި މި ކާރުތައް ބޮޑަށް ބޭނުންކުރާނީ ތަޖުރިބާކުރުމަށެވެ. އެހެންކަމުން މިއީ ހިއުންޑޭގެ އަމިއްލަ ރަށް، ސައުތު ކޮރެޔާއިން ފެނިދެނިވާނެ ކާރަކަށް ވާނެ އެވެ.