ބެރޯމީޓަރު ރީޑިން ނަގައިގެން ހިންގާ ގޮތަށް ޑިވެލޮޕްކޮށްފައި އިން އެޕްލިކޭޝަނެއް އައިފޯނަކަށް އަޅައިގެން މީހަކު މައުލޫމާތު ބަލަނީ. އެޕްސްޓޯރުގައި މި ކަހަލަ ގިނަ އެޕްލިކޭޝަން އެބަ ހުރި
21 ސެޕްޓެމްބަރ 2016 - 06:31
އެޕަލް އިން އައިފޯނަށް ބެރޯމީޓަރު ތައާރުފުކުރީ އައިފޯން 6 އާ ހިސާބުންނެވެ. އޭގެ ކުރިން އެއްވެސް އައިފޯނެއްގައި ބެރޯމީޓަރު ހިމަނާފައެއް ނުވެ އެވެ. ވާދަވެރި ފޯނުތަކުގައި ބެރޯމީޓަރަކީ އާ އެއްޗެއް ނޫނެވެ. ޒަމާން ފެށުނީއްސުރެ އެ ފޯނުތަކުގައި ބެރޯމީޓަރު އިނދެ އެވެ. އެހެން ނަމަވެސް، އައިފޯނުގައި ބެރޯމީޓަރު ހިމެނުމުން އެ ވަނީ ސިނާއަތަށް ގެނައި އިނގިލާބަކަށް ވެފަ އެވެ. ބެރޯމީޓަރު ބޭނުންހިފޭ ދާއިރާ އަލުން ކަނޑައަޅަން ޖެހިފަ އެވެ.
ބެރޯމީޓަރު ހިމަނާފައި ހުރި ވާދަވެރި ފޯނުތައް ބައިވަރެވެ.
ބެރޯމީޓަރަކީ މޫސުން ބަލަން ބޭނުންކުރާ އާލާތެކެވެ. ބެރޯމީޓަރުގެ އެހީގައި އުސް މިން ވެސް ބެލެވެ އެވެ. ބެރޯމީޓަރު އާންމުކޮށް ބޭނުންކުރަނީ މޫސުން ލަފާކުރާ މަރުކަޒުތަކުގަ އާއި މަތިންދާބޯޓްތަކުގަ އެވެ. ބެރޯމީޓަރުން ކުރާ ކަމަކީ ވައިގެ ޕްރެޝަރު (އެޓްމޮސްފެރިކް ޕްރެޝާ) ބެލުމެވެ.
ދުނިޔޭގެ އެކި ދިމަ ދިމާއިން ވައިގެ ޕްރެޝަރު ބަލަން ޖެހެނީ، ވައި ޖެހޭ މިންގަނޑަކީ ކޮންމެވެސް އެހެން ކަންތައް ތަކެއް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވެދާނެތީ އެވެ. މިސާލަކަށް ވާރޭ ވެހުން، އަވިދިނުން އަދި ވައިގެ ތެތްކަމަށް އަންނަ ބަދަލު ހިމެނެ އެވެ. އެ ކަންތައްތައް މިހެން ހުރިއިރު ސްމާޓްފޯންތަކުގައި ބެރޯމީޓަރެއް އިނުމުން ހިފޭނެ ބޭނުމަކާ މެދު ކަންބޮޑުވެވިދާނެ އެވެ.
އައިފޯނުގައި ބެރޯމީޓަރެއް ހިމެނުމުން އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށް އުންމީދުކުރެވެ އެވެ. އެއީ ފޯނަށް ހަމަ ސެންސަރެއް އިތުރުކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ގަބޫލުކުރަން ދައްޗެވެ. އެޕަލް އިން އައިފޯނު ދީއްލަމުން އެ ދަނީ ސިއްހީ ބޭނުންތަކާ ދިމާއަށެވެ. މި ބުނީ އައިފޯނުން "ބްލަޑް ޕްރެޝާ" ބަލާ ވާހަކައެއް ނޫނެވެ. ހިނގުން، ޖޮގިން އަދި އާންމުކޮށް ކަޝްރަތުގެ ވާހަކަ އެވެ. އެ ހާލަތްތަކުގައި ބެރޯމީޓަރު ރީޑިން އަކީ ގިނަ ކަންތައްތަކެއް ފަސޭހަވުމަށް މަގެކެވެ. އެ އިރަކު އެ މީހަކު ހުރި އުސްމިން، ކަތިމިން، އަދީ އޭނާ އެ ހުރީ މޫސުމީ ގޮތުން ކޮން ކަހަލަ މާހައުލެއްގައި ކަން ވެސް ބުނެދެ ވެ އެވެ.
ބެރޯމެޓްރިކް ސެންސަރެއް: ސްމާޓްފޯނުތަކުގައި އެޅުވޭ ވަރަށް ސައިޒު ކުޑަކޮށް އިންޖިނިއާކޮށްފައި އިން ބެރޯމީޓަރެއް
އައިފޯނުގައި ބެރޯމީޓަރު ހިމެނުމުން ޖީޕީއެސް އަށް އިތުބާރުކޮށްގެން ޑިވެލޮޕަރުން މީގެ ކުރިން ކުރުވި ބައެއް މަސައްކަތްތައް ބެރޯމީޓަރު ރީޑިން އަށް ބަދަލުކުރާނެ އެވެ. އެ ބަދަލުގެ ސަބަބުން ފޯނުގެ ބެޓެރީ ގިނައިރު ދެމެހެއްޓެވުމާއި، "އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން" އަށް، ބޭނުންކުރާ މީހުން ހުށަހެޅޭ މިންވަރު ވެސް ދަށްކުރެވޭނެ އެވެ. ބެރޯމީޓަރަށް ބަރޯސާކޮށް އިތުރު އެޕްލިކޭޝަން އުފެއްދުމަށް ޑިވެލޮޕަރުންނަށް އެ އޮތީ މަގުފަހިވެފަ އެވެ.
އައިފޯނު 6 އާއި 7 ގައި ވެސް ބެރޯމީޓަރު އިނދެ އެވެ. މާނަ އަކީ އައިފޯނެއް ބޭނުންކުރާ ކޮންމެ މީހަކީ މޫސުން ބަލާ މީހަކަށް ވުމެވެ. މޫސުން ބެލުމަށް ބޭނުންވާ މައުލުމާތު ކޮންމެ މީހަކު ގެންގުޅޭ އައިފޯނަކުން ވެސް ރެކޯޑްކުރާނެ އެވެ. ދުނިޔޭގެ އެތައް މިނތާގައި އައިފޯން ބޭނުންކުރާ މީހުން އުޅޭއިރު، މޫސުމާ ބެހޭ ގޮތުން ކިހާ މައުލޫމާތެއް އެއްކުރެވޭނެ ހެއްޔެވެ؟ އެ ހުރިހާ މައުލޫމާތެއް ބޭނުންކޮށްގެން މޫސުން ބަލާ އެޕްލިކޭޝަންތައް އުފެއްދުމަކީ ޑިވެލޮޕަރުންނަށް ދާދި ފަސޭހަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދެ
21 September 2016
ލިޔުމުގައި ސެމްސަނގް ފޯނުގަ މާކުރިންސުރެ ބެރޯމީޓަރު ހުންނަކަމަށް އިޝާރާތް ކޮށްފައި އެބައޮތް. އެހެންވީމަ އައިފޯނާ އެންޑްރޮއިޑް ފޯނުތަކުގެ ބެރޯމީޓަރ ރީޑް ކޮށްގެން ރާއްޖޭގެ މޫސުން އެކިޔުރޭޓް ކޮށް ފޯކާސްޓް ކުރަން ސަރުކާރުން ބަޖެޓެއް ފާސް ކުރަން ފެނޭ.