ގޫގުލް މެޕްސްގައި ފިލައިގެން އުޅެން އިކަގްނީޓޯ މޯޑް

ގޫގުލް މެޕްސް އަށް "އިންކަގްނީޓޯ މޯޑް" ގެނައުމަށް ގޫގުލް އިން ކުރި މަސައްކަތް ކާމިޔާބުކޮށް، އެންޑްރޮއިޑް ފޯނުތަކަށް އެ ފީޗާ ދޫކުރަން ފަށައިފި އެވެ. މިއީ ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި، ގޫގުލްގެ އެޕްލިކޭޝަންތަކުގައި ހިމަނަމުން އަންނަ ފަށަލައެކެވެ. އެ ގޮތުގައި، ކްރޯމް އަދި ޔޫޓިއުބް ބޭނުންކުރާ މީހުންނަށް ވެސް މިއީ ހިމާޔަތްވުމަށް ފަރުދާއެކެވެ.


"އިންކަގްނީޓޯ މޯޑް" ނުވަތަ "ޕްރައިވެޓް ބްރައުޒިން" އަކީ ފަރުދީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގޫގުލް ކްރޯމް، ޔޫޓިއުބް އަދި މެޕްސް ގައި ހިމަނާފައިވާ ފީޗާއެކެވެ. މި ފީޗާ ކްރޯމް ބްރައުޒާގައި "އޮން" ކުރުމުން، އެ މީހަކު އިންޓަނެޓްގައި އުޅޭ ގޮތް، "ބްރައުޒިން ހިސްޓްރީ" ގައި ރެކޯޑެއް ނުކުރާނެ އެވެ. އަދި ބޭނުންކުރާ ޑިވައިސްގައި ވެސް އެ ފަދަ މައުލޫމާތު ރައްކައެއް ނުކުރާނެ އެވެ.

ގޫގުލް މެޕްސް ގައި ވެސް "އިންކަގްނީޓޯ މޯޑް" އަދާކުރަނީ ދާދި އެއް ވަޒީފާއެކެވެ. ގޫގުލް މެޕްސް "އިންކަގްނީޓޯ މޯޑް" އަށް ބަދަލުކޮށްލުމުން، މެޕްސް ބޭނުންކުރާ މީހުން އުޅޭ ނޫޅޭ ތަން، ގޫގުލް އެކައުންޓްގައި ވެސް ރައްކައެއް ނުކުރާނެ އެވެ. އެހެންކަމުން، ވަކި މީހަކަށް އަމާޒުކޮށް ވިޔަފާރި މުދާ އިސްތިހާރުކުރުމަށް ގޫގުލް އަށް އޮންނަ ފުރުސަތު ހަނިވެގެން ދެ އެވެ. ގޫގުލް އިން ބުނާ ގޮތުގައި "އިންކަގްނީޓޯ މޯޑް" އިތުރަށް ބާރުގަދަކޮށް ލަސްތަކެއް ނުވެ އާންމުކުރާނެ އެވެ. އަދި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށް ވެސް "އިންކަގްނީޓޯ މޯޑް" ވަރަށް އަވަހަށް ގެންނާނެ އެވެ.