12 މާޗް 2020 - 07:22
ޓްވީޓްކުރާ ޕޯސްޓްތައް 24 ގަޑިއިރު ފަހުން ނުފެންނަ ފީޗާއެއް ޓްވިޓާ އިން ޓެސްޓްކުރަން ފަށައިފި އެވެ.
"ފްލީޓް" ގެ ނަން ދީފައިވާ މި ފީޗާ މި ވަގުތު ލިބެނީ ހަމައެކަނި ބްރެޒިލަށެވެ. އާދައިގެ އެހެން ޓްވީޓްތަކާ ހިލާފަށް "ފްލީޓް" އަށް ލައިކްކުރުމާއި ރިޓްވީޓްކުރުމާއި ކޮމެންޓްކުރުމުގު ފުރުސަތެއް ނޯންނާނެ އެވެ. އެހެންވެ މި ފީޗާ އަކީ އިންސްޓަގްރާމް ސްޓޯރީޒް ފީޗާ އާއި ސްނެޕްޗެޓްގައި ޕޯސްޓްތަކަށް ޑައިރެކްޓްކޮށް މެސެޖްކުރެވޭ ކަހަލަ ފީޗާއެކެވެ. އޭގެ މާނަ އަކީ 24 ގަޑިއިރު ފަހުން އެ ޕޯސްޓްތައް ނުފެނުމެވެ.
"ފްލީޓް" ގެ އަނެއް ތަފާތަކީ ފޮލޯކުރާ މީހުން އާދައިގެ މަތިންކުރާ ޓްވީޓްތައް އެ މީހެއްގެ އެކައުންޓްގެ ޓައިމްލައިނަށް ސީދާ ނައުމެވެ. އޭގެ ބަދަލުގައި ފްލީޓްތައް ފެންނާނީ ފޮލޯކުރާ މީހެއްގެ އެކައުންޓަކަށް އިޝާރާތެއް ކޮށްލުމުންނެވެ.
Fleets are a way to share fleeting thoughts. Unlike Tweets, Fleets disappear after 24 hours and don’t get Retweets, Likes, or public replies-- people can only react to your Fleets with DMs. Instead of showing up in people’s timelines, Fleets are viewed by tapping on your avatar. pic.twitter.com/sWwsExRLcJ
— Kayvon Beykpour (@kayvz) March 4, 2020
އާ ފީޗާއާ ބެހޭ ގޮތުން ޓްވިޓާގެ ޕްރޮޑަކްޓް ލީޑް ކެވޮން ބޭކްޕޯ ވިދާޅުވީ މީގެ މައިގަނޑު ބޭނުމަކީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ޓްވީޓްކުރުމުގައި މިހާރު ހުރި ހާސްކަން ފިލުވައި ދިނުން ކަމަށެވެ.
"ބައެއް މީހުން އެހާ އާންމުކޮށް ޓްވީޓްކުރަން ބޭނުން ނުވަނީ ކުރާ ކޮންމެ ޓްވީޓެއް އެތައް ބަޔަކަށް ފެނި، އެއަށް ރިޕްލައިކުރެވޭ ގޮތަށް އިނީމަ އެކަން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާތީ،" އޭނާ ވިދާޅުވި އެވެ.
ޓްވިޓާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި "ފްލީޓް" އާ ދޭތެރޭ ވެސް އަމަލުކުރަމުުން ދާނީ ޓްވިޓާގެ އާންމު އުސޫލުތަކުން ކަމަށްވާތީ އުސޫލުތަކާ ހިލާފުވާ ނަމަ އެ ކުންފުނިން ފިޔަވަޅު ވެސް އަޅާނެ އެވެ. އަދި ޓްވިޓާ އަކީ ބޭނުންކުރާ މީހުން ހިތްހަމަޖެހޭ ރައްކާތެރި، ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމަކަށް ހެދުމަކީ މައިގަނޑު އަމާޒު ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެންމެންނަށް "ފްލީޓް" ދޫކޮށްލާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ. ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy