އެޕަލް ވޮޗް ސީރީޒް 6
15 ސެޕްޓެމްބަރ 2020 - 22:11
މިރޭ އައިފޯން 12 ދައްކާލާނެ ކަމަށް ހީވެފައި އޮތަސް، ހަމައެކަނި އެޕަލް ގަޑި އާއި އައިޕެޑްގެ އާ ވާޝަންތައް ތައާރަފްކޮށްފި އެވެ.
މިރޭގެ "ޓައިމް ފްލައިސް" އިވެންޓުގައި އެންމެ ފުރަތަމަ ދައްކާލީ "އެޕަލް ވޮޗް ސީރީޒް 6" އެވެ. މި ގަޑިން ލޭގައި އޮކްސިޖަން ހުންނަ ވަރު 15 ސިކުންތު ތެރޭ ބަލައިލެވޭނެ އެވެ. މިއީ ގަދަ އަލީގައި ވެސް ފަސޭހައިން ސްކްރީން ފެންނަ އަދި އުސް ތަންތަނަށް އަރާއިރު ވެސް އެ ހުރި އުސްމިނެއް ވަގުތުން އަންގައިދޭ ގަޑިއެއެކެވެ.
އެޕަލް ވޮޗް ސީރީޒް 6
ވޮޗް ފޭސް ނުވަތަ ގަޑީގެ މޫނުމަތި ވެސް އިތުރު ގޮތްގޮތަށް ބަދަލުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. އެގޮތުން އެނިމޯޖީ ލެވޭ ގޮތަށާއި ކުރަން ހުރި ކަންކަމުގެ ލިސްޓު ފެންނަ ގޮތަށް ހެދުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން މިހާރު ހުންނަ ބޭންޑާ މުޅިން ހިލާފަށް އަތުގައި އަޅައިލެވޭ ބޭންޑެއް ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި ހުންނަ ރީތި ކުލަތަކުގެ އަދި ޑިޒައިންތަކުގެ ބޭންޑުތައް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ "ސޯލޯ ލޫޕް" އެވެ.
އެޕަލް ވޮޗް ސީރީޒް 6ގެ ފެމިލީ ސެޓަޕް
އާއިލާތަކަށް ހާއްސަކޮށް ތައާރަފްކުރި ފެމިލީ ސެޓަޕް ފީޗާގައި ކުޑަކުދިންނަށް، އެ ކުދިންގެ އަތުގައި ފޯނެއް ނެތް ނަމަވެސް އަތުގައިި އޮންނަ ގަޑިން، ކުއްޖާ ހުންނަ ތަން ބަލައިލެވޭނެ އެވެ. ސްކޫލްގައި އިންނަ އިރު ބެލެނިވެރިޔާ ބޭނުން ނަމަ ގަޑިއަށް ނޮޓިފިކޭޝަންތައް ނާންނަ ގޮތް ވެސް ހެދޭނެ އެވެ. އެކަމަކު މި ފީޗާ ފުރަތަމަ ލިބޭނީ ވަކި ކެރިއާތަކަކަށެވެ.
އެޕަލް ވޮޗް ސީރީޒް 6
އާ ގަޑީގައި ފިޓްނަސް ފީޗާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ފިޓްނަސް ޕްލަސްގެ ނަމުގައި ވާޗުއަލް ވާކްއައުޓް ފީޗާ ވަނީ ހިމަނައިފަ އެވެ. އެކަމަކު މިއީ ފީއެއް ދައްކައިގެން ބައިވެރިވެވޭ ފީޗާއެކެވެ. މި ފީޗާ އަދި ލިބޭނީ ވެސް ވަކި ގައުމުތަކެއްގަ އެވެ.
Apple unveils the Watch Series 6 pic.twitter.com/agtRe86zYx
— The Verge (@verge) September 15, 2020
މިފަހަރު އެޕަލް ވޮޗް ސީރީޒް 6 ގެ އިތުރުން އެޕަލް ވޮޗް އެސްއީ ވެސް ވަނީ އާދައިގެ ފީޗާތަކާ އެކު ތައާރަފްކޮށްފަ އެވެ. މީގެ އަގު ފެށެނީ 279 ޑޮލަރުންނެވެ. ސީރީޒް 6 ގެ ފެށޭ އަގަކީ 399 ޑޮލަރެވެ. މި ގަޑިތަކަށް ހުކުރު ދުވަހުން ފެށިގެން އޯޑަރު ދެވޭނެ އެވެ.
މިރޭގެ އިވެންޓްގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އައިޕެޑް ނެރުނުތާ 10 އަހަރު ވެފައި ވާއިރު މިއީ ކަސްޓަމަރުންގެ އެންމެ މަގުބޫލު އެއް އުފެއްދުން ކަމަށެވެ. މިރޭ ތައާރަފްކުރީ އައިޕެޑް ޖެނެރޭޝް 8 އެވެ. މިއީ ކުރީގެ އައިޕެޑްތަކަށް ވުރެ އެތައް ގޮތަކުން ރަނގަޅު އަދި ބާޒާރުގައި މިހާރު ހުރި މަޝްހޫރު އެހެން ކުންފުނިތަކުގެ ޓެބްލެޓްތަކަށް ވުރެ ސްޕީޑުގެ ގޮތުން އެތައް ގުނައެއް ހަލުވި އުފެއްދުމެއް ކަމަށް އެޕަލް އިން ބުންޏެވެ.
އެޕަލްގެ އައިޕެޑް 8
އަލަށް ނެރުނު 10.2 އިންޗީގެ އައިޕެޑަކީ 2018 ގައި ނެރުނު އައިޕެޑް ޕްރޯ ލައިންއަޕްގެ އަޕްގްރޭޑެކެވެ. މީގައި ޕްރޮސެސާ ވަނީ A12X ޗިޕްސެޓަށް އިތުރުކޮށް، ސްޕީޑް ހަލުވިކޮށްފަ އެވެ.
އައިޕެޑް 8
މީގެ އިތުރުން އައިޕެޑް އެއާގެ އާ ވާޝަނެއް ވެސް ވަނީ ދައްކާލައިފަ އެވެ. މީގައި ހިތްގައިމު އެކި ކުލަތައް ލިބެން ހުންނާނެ އެވެ. އައިޕެޑް އެއާގައި ޔޫއެސްބީ ސީ ޕޯޓެއް ހިމަނައި ޑޭޓާ ޓްރާންސްފާ ވަނީ 10 ގުނަ ހަލުވިކޮށްފަ އެވެ.
އައިޕެޑް އެއާގެ އާ ކުލަތައް
އައިޕެޑް 8ގެ އަގު 329 ޑޮލަރުން ފެށޭއިރު ދަރިވަރުންނަށް ހުކުރު ދުވަހުން ފެށިގެން 299 ޑޮލަރަށް ލިބޭނެ އެވެ. އައިޕެޑް އެއާ ލިބޭނީ 599 ޑޮލަރަށެވެ. އައިޕެޑް އެއާ ލިބޭނީ އަންނަ މަހު އެވެ.
އިވެންޓް ނިންމާލީ މާދަމާއިން ފެށިގެން އައިއޯއެސް 14 އާއި އާ އައިއޯއެސް ލިބޭނެކަން އިއުލާނުކުރަމުންނެވެ. އަލަށް ތައާރަފްކުރި ހުރިހާ އުފެއްދުމެއް ވެސް ލިބޭނީ އާ އައިއޯއެސްއާ އެކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިތީބް
16 September 2020
ހުރި އުސްމިން އަންގައިދޭ ބައިވަރު ސްމާޓް ވޮޗް މިހާރު ހުރޭ. އެޕަލް އަދިތިއުޅެނީ މާފަހަތުގަ
ރަށުމީހާ
16 September 2020
މީގަ މުހިއްމު މިވީ ފޯނު ނެތްކަން އަނގާލުންދޯ މިހާރުވެސް ސެމްސަންގ ގަޑީގަ ހުންނަ ފީޗާސްތައް މީގަ ހުރިހެން ހީވަނީ ހަމަ އެކަނި އަހަރެން އޮޅުންފިލުވާލަން ބޭނުންވަނީ ޓެބްލެޓް ނޫނީ އައި ފޯނެއް ފުލައިޓް މޯޑައްލީމަ މި ގަޑި ގަޑިއާ ޑިވައިސްއާ ގުލހުން ނުކެނޑި ހުރެދާނެ ދޯ ގައިމު ކުރީގެ އައި ފޯނުތަކާ ގަޑިތަކުން ކަނެކްޝަން ކެޑޭ
ފާރަގެމަ
15 September 2020
ތިރަނގަޅު ގަޑިއެއް ލާރިލިބޭނަ މަ ހަ މަ އަޅަންވީ.ސިއްހީގޮތުން މީހާގެ ހާލަތު އިނގޭނެ އެތަކެއްފީޗާރ އެބަހުރި
އަބޫބަކުރުބެ
15 September 2020
އައިފޯނާ އައިގަޑި އެޅޭކަށްނެތް. އެއަށްވުރެ މާ ޑައުންވެފާ މިހުރީ.
ނަޖުމުއްދީން
15 September 2020
މިކަން ކީއްވެގެންބާ ބުރޭކިން ނިއުސްއަކަށް މިވީ؟
ރަދީފްއޮފިޝިއަލް
16 September 2020
ނިޔާޒް ބޭބެ އެއީ ޓެކް މީހެއް ވީމަ. ލޮލް
ގަމްރީނާ
16 September 2020
އެއީ ރޭގަ މި ދުނިޔޭގެ އެންމެ ގިނަ މީހުން ބެލި އިވެންޓަށް ވާތީ. ސާފު؟