ޔޫޓިއުބުގެ އެއް ބިލިއަން ޑޮލަރުގެ ރޯޔަލްޓީއަކުން ނުފުދޭ

ރޯޔަލްޓީގެ ގޮތުގައި މިއުޒިކް އިންޑަސްޓްރީ އަށް މި އަހަރު އެއް ބިލިއަން ޑޮލަރު ދީފައިވާ ކަމަށް ޔޫޓިއުބުން ބުނެފި އެވެ. އެކަމަކު މިއުޒިކް ކުންފުނިތަކުން ބުނެފައި ވަނީ އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

މިއުޒިކް އިންޑަސްޓްރީ އާއި ޔޫޓިއުބާ ދެމެދު ހިތްހަމަނުޖެހުންތައް އުފެދިފައި މި ވަނީ ޔޫޓިއުބުން މިއުޒިކަށް ދިން އެހީތަކާ ބެހޭ ގޮތުން ޗީފް ބިޒްނަސް އޮފިސަރު ރޮބަޓް ކީންކްލް ލިޔުނު ބްލޮގަކާ ގުޅިގެންނެވެ. އޭނާ ބުނީ ސަބްސްކްރިޕްޝަން ސައިޓްތަކަށް ވުރެ ހިލޭ ސްޓްރީމް ކުރެވޭ ސައިޓްތައް މުހިންމު ކަމަށެވެ. އަދި އިޝްތިހާރުގެ ރޯޔަލްޓީގެ ގޮތުގައި މިއުޒިކް އިންޑަސްޓްރީ އަށް އެއް ބިލިއަން ޑޮލަރު ދީފައިވާ ކަމަށް ލިޔެފައިވެ އެވެ.

ރެކޯޑިން އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވާ ގޮތުގައި 800 މިލިއަން މިއުޒިކް ޔޫޒަރުން ތިބި އިރު ކޮންމެ މީހަކަށް އަހަރަކު ގާތްގަނޑަކަށް ޑޮލަރެއްގެ މިންވަރު ދިނުމަކީ ފާހަގަ ކުރެވޭ ވަރުގެ ބޮޑު ކަމެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން ސްޕޮޓިފައި އިން އެކަނިވެސް މިދިޔަ އަހަރު ދެ ބިލިއަން ޑޮލަރު ދީފައިވާކަން މިއުޒިކް އިންޑަސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ސްޕޮޓިފައި ބޭނުންކުރާ ކޮންމެ މީހަކަށް 18 ޑޮލަރުގެ މިންވަރެކެވެ.

މިއުޒިކީ ފަންނާނުން ފަރުދީ ގޮތުން ވެސް ޔޫޓިއުބަށް ވަނީ ފާޑު ކިޔައިފަ އެވެ. ލޭޑީ ގާގާގެ ވީޑިއޯތައް ޔޫޓިއުބުން ވަނީ ދެ ބިލިއަން ފަހަރު ސްޓްރީމް ކޮށްފަ އެވެ. ޔޫޓިއުބުން އެންމެ ގިނައިން ބެލި ވީޑިއޯތަކުގެ ތެރޭގައި ދެކުނު ކޮރެއާގެ ސައި ގެ ގަންނަމް ސްޓައިލް ހިމެނެ އެވެ.