ގެމްބިއާގެ ރައީސް ވެރިކަމުން ބާލަން ސެނެގާލް ސިފައިން ތައްޔާރު

ޑަކާރް (ޑިސެމްބަރު 24) - ރިޔާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެކޮޅު ހައްދަވަފާއިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖައްމާހު މަގާމުން ދުރު ކުރުމަށް ސެނަގާލްގެ ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށް ސަރަހައްދީ ޖަމާއަތުން ބުނެފި އެވެ.


ގެމްބިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރުމަށް ފަހު ވަނީ އިދިކޮޅު ކެނޑިޑޭޓް އަދަމާ ބަރޯ މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ވަނީ ޔަހުޔާގެ ހިޔާލު ބަދަލުވެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހައްދައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ.

ސަރަހައްދީ ޖަމާއަތުން ބުނީ އަންނަ މަހު އާ ރައީސް ހުވާ ކުރުމާ ހަމައަށް ޔަހުޔާ މަގާމު ދޫކޮށް ނުލައްވައިފި ނަމަ އެކަން ހައްލު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް ސެނެގާލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމަކު ޔަހުޔާ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ އެއްވެސް ބާރަކުން އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށެވެ.

"އަޅުގަނޑަކީ ސުލްހަ އަށް ލޯބިކުރާ މީހެއް. އަޅުގަނޑަކީ ފިނޑި މީހެއް ނޫން. އޭގެ މާނައަކީ އަޅުގަނޑުގެ އަމިއްލަ ނަފްސާއި ގައުމު ދިފާއު ނުކުރުމެއް ނޫން. އެކަން ޖޯޝާ އެކު ކުރުމަށް ފަހު ކާމިޔާބު ހޯދާނަން،" ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ޔަހުޔާ ވިދާޅުވި އެވެ.

ގެމްބިއާގެ އިދިކޮޅު ކޯލީޝަނުގެ ތަރުޖަމާނަކު ވިދާޅުވީ ޔަހުޔާ ބަލި ގަބޫލް ކުރުމަށް ފަހު މަގާމު ދޫކޮށްލައިފި ނަމަ އޭނާއާ ދެކޮޅަށް ދައުވާ ނުކުރާނެ ކަމަށެވެ.

އިންތިހާބު އުވާލުމަށް ޔަހުޔާ ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު 10 ވަނަ ދުވަހު ބާއްވާނެ ކަަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ. ގެމްބިއާ އަށް 1965 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން އޮމާންކަމާ އެކު އެއްވެސް ފަހަރަކު ވެރިކަން ބަދަލުވެފައެއް ނުވެ އެވެ.