ގައިދީން ފިލި ފިލިޕީންސްގެ ޖަލު ފުލުހުން ބަލަހައްޓަނީ: ޖަލު ފަޅާލައިގެން ވަނީ 150 މީހުން ފިލާފައި. --ފޮޓޯ:އޭއެފްޕީ
04 ޖެނުއަރީ 2017 - 15:55
މެނީލާ (ޖެނުއަރީ 4) - ފިލިޕީންސްގެ ދެކުނުގެ ޖަލަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ހަމަލާ ދިނުމުން އެ ޖަލުން 150 އަށް ވުރެ ގިނަ ގައިދީން ފިލައިފި އެވެ.
ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރަނީ ޖަލަށް ހަމަލާދިނީ އެ ގައުމުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށެވެ. ހަތިޔާރު އަޅައިގެން ތިބި ބަޔަކު ޖަލުގެ ގާޑުންނަށް ހަމަލާ ދިން ވަގުތު އެތައް ބަޔަކު ވަނީ ޖަލުން ފިލައިފަ އެވެ. ބަޑީގެ ހަމަލާތަކުގައި ވަނީ ޖަލުގެ ގާޑަކު މަރުވެފަ އެވެ. ޖަލުގައި ބަދަލުކުރި ހަމަލާތައް ދެ ގަޑިއިރަށް ކުރިއަށް ދިޔަ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.
ފިލިޕީންސް އިން ގައިދީން ފިލި ޖަލުގެ ސަރަހައްދު ފުލުހުން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
ހަނގުރާމަވެރިން ހަމަލާ ދިން ޖަލުގައި 1،500 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށްވެ އެވެ. ޖަލުން ފިލި މީހުން ހޯދުމަށް ފިލިޕީންސް ސިފައިންނާއި ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. މިހާތަނަށް ވަނީ ހަ ގައިދީއަކު އަތުލައިފަ އެވެ.
ފިލިޕީންސްގެ ސްޓާ ނޫހުން ބުނީ މިއީ އެ ގައުމުގެ އުތުރުގެ ކޮޓަބަޓޯ ޑިސްޓްރިކްޓް ޖަލު ފަޅާލި ތިން ވަނަ ފަހަރު ކަމަށެވެ. އެ ޖަލު ފަޅާލައިގެން 2007 ވަނަ އަހަރު ވެސް ވަނީ 40 ގައިދީން ފިލައިފަ އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން ވަނީ ހަމަ އެ ޖަލުން ބަޔަކު ފިލައިފަ އެވެ.
ފިލިޕީންސްގެ ދެކުނުގެ ހިސާބުތަކުގެ ޖަލުތައް ފަޅާލައިގެން ކުށްވެރިން ފިލުމަކީ ވެސް އާއްމު ކަމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މިންޑަނާއޯގެ ޖަލަކަށް ހަމަލާދީ 23 ގައިދީން ވަނީ ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy