އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
06 ޖެނުއަރީ 2017 - 21:33
ތެލް އަވީވް (ޖެނުއަރީ 6) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި ދެ ވަނަ ފަހަރަށް ފުލުހުން އޭނާއާ ސުވާލުކޮށްފި އެވެ.
ޖެރޫސަލްގައި ހުންނަ ނަތަންޔާހޫގެ ގޭގައި ވަނީ ފަސް ގަޑިއިރުވަން ދެން އޭނާއާ ސުވާލުކޮށްފަ އެވެ. މި މައްސަލާގައި ފުލުހުން ހޯމަ ދުވަހު ވެސް ވަނީ ނަތަންޔާހޫއާ ސުވާލުކޮށްފަ އެވެ. ނަތަންޔާހޫއާ ސުވާލުކޮށްފައި ވަނީ "ވިޔަފާރިވެރިންގެ އަތުން ހަދިޔާ ހޯދާފައިވާ" މައްސަލައަކާ ގުޅޭ ގޮތުން ކަމަށެވެ. އެންމެ ފަހުން ސުވާލުކުރި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފުލުހުން ސުވާލު ކުރުމުގެ ކުރިން ވެސް ނަތަންޔާހޫ ވިދާޅުވަމުން ގެންދިޔައީ އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށެވެ. އަދި މީޑިއާ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންޒާރު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ "އެއްކަމެއް ވެސް ނުވާނެ ކަމަށާއި ސަބަބަކީ އެއްކަމެއް ވެސް ހިނގާފައި ނުވާތީ" ކަމަށެވެ.
ނަތަންޔާހޫ ކުރިން ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް އޭނާ ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ހެއްކެއް ނުދެއްކޭނެ ކަމަށެވެ. މި ކަން ވެސް ނިމިގެން ދާނީ އޭނާގެ މައްޗަށް ކުރިން ކުރި އަސްލެއް ނެތް ތުހުމަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
* ޖަރުމަނުން އާ ސަބްމެރިންއެއް ގަތް މައްސަލާގައި ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން އެކަމުގެ ތަހުގީގެއް މިދިޔަ މަހު ފަށައިފަ އެވެ. އެއީ ސަބްމެރީން ގަތުމަށް މަޝްވަރާ ކުރި ބައްދަލުވުންތަކުގައި ނަތަންޔާހޫގެ ވަކީލް ބައިވެރިވެފައިވާތީ އެވެ. * ނަތަންޔާހޫގެ ކެމްޕޭނަށް 2009 ވަނަ އަހަރު އެތައް ހާސް ޔޫރޯއެއް ދިން ކަމަށް ފްރާންސްގެ ވަގު ވިޔަފާރި ކުރާ މީހަކު ވަނީ ބުނެފަ އެވެ. އެކަމަކު ނަތަންޔާހޫ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
* ސަރުކާރުގެ ފައިސާ އިސްރާފު ކުރާ ކަމަށް ވެސް ނަތަންޔާހޫގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުން އިނގިރޭސި ވިލާތަށް ކުރި އެންމެ ދަތުރަކަށް މަތިންދާ ބޯޓުގެ ބެޑްރޫމް ބަދަލު ކުރަން 127،000 ޑޮލަރު ހޭދަކުރި މައްސަލައެއް ވެސް ހިމެނެ އެވެ. * ބޮޑު ވަޒީރު ކަމުގެ މަގާމުގެ ފުރަތަމަ ދައުރު ހަމަވުމުން ވެސް ސަރުކާރަށް ހަވާލު ކުރަން ޖެހޭ ހަދިޔާތަކެއް ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ އަތުގައި ބެހެއްޓި މައްސަލައެއްގެ ތަހުގީގު، އަށް މަސް ދުވަހަށް 2000 ވަނަ އަހަރު ހިންގުމަށް ފަހު ފުލުހުން ވަނީ ނަތަންޔާހޫ ކުށްވެރިވާ ކަމަށް ބުނެފަ އެވެ.
* އަދި ހަމަ އެދުވަސްވަރު ވަނީ ސަރުކާރުގެ ފައިސާ އިން އަމިއްލަ ގޭ ހެދި މައްސަލައެއް ވެސް ނަތަންޔާހޫގެ ދެކަނބަލުންގެ މައްޗަށް ފެންމަތިކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މި ދެ މައްސަލަ ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއް
06 January 2017
ކަލޯ މިދިވެހިންގެ ތެރޭގަ އޮތްވަރަށްވުރެ މާރަގަޅަށް ޔަހޫދީންތެރޭގަވެސް އިންސާފަށް މަސައްކަތްކުރުން އެބައޮތްތޯއްޗެއް
ލަބީދް އެންޑް ކަބީރް
06 January 2017
އަހަރެމެންނަން ހެޔޮ އެގޮލާ ކިތަންމެ ކަރަޕްޓްވިޔަސް.
ކޯޓު
06 January 2017
ތީ އެއްވެސް މައްސަލައެއް ނޫން. އަހަރެނެންނަށް ތިކަހަލަ ކަންތައްތައް ވަރަށް ކައިރިން އެބަ ފެނޭ.