އެމްއެޗް 370 ހޯދުން ހުއްޓާނުލުމަށް އާއިލާތަކުން އެދެނީ

ޕާތު (ޖެނުއަރީ 22) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު ހުއްޓާލާފައިވާތީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން އެދިއްޖެ އެވެ.


އެމްއެޗް370 ހޯދުމަށް ބާރު އެޅުމަށް އާއިލާތަކުން އުފައްދާފައިވާ ވޮއިސް370 ކެމްޕޭން ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ޕާތުގައި އޮސްޓްރޭލިއާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރުން މިއަދު ބާއްވާ ބައްދަލުވުމުގައި ވަނީ ބޯޓު ހޯދުން ހުއްޓާލި މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދިފައި ކަމަށެވެ.

ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރުކުރި ބޯޓު ގެއްލުނީ މާޗު 8، 2014 ގަ އެވެ. އޭގެ ތިން އަހަރު ފަހުން ބޯޓު ހޯދުން ހުއްޓާލަން އޮސްޓްރޭލިއާ އާއި މެލޭޝިއާ އަދި ޗައިނާ އިން ނިންމީ 120،000 އަކަ ކިލޯމީޓަރު (46،000 މޭލު)ގެ ސަރަހައްދެއް ބެލުމަށް ފަހު ވެސް އުންމީދީ ނަތީޖާއެއް ނުލިބުމުންނެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑަރެން ޗެސްޓާ ވިދާޅުވީ އެމްއެޗް370 ހޯދުން ހުއްޓާލުމަކީ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު މާޔޫސްކަމެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ބޯޓު ހޯދުން މި ވަގުތަށް ހުއްޓާލި ނަމަވެސް ބޯޓު ފެނިދާނެ ކަމުގެ އުއްމީދެއް ލިބިއްޖެ ނަމަ އެ މަސައްކަތް އަލުން ފަށާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ.

ބޯޓު ހޯދަން ކުރި މަސައްކަތުން އޭގެ އެއްވެސް ނިޝާނެއް ނުފެނުނު ނަމަވެސް އިންޑިއާ ކަނޑުގެ ހުޅަނގުގެ ގައުމުތަކުން ވަނީ ބޯޓާ ގުޅުން ހުރި ކަމަށް ބެލެވޭ 20 އެއްޗެއް ފެނިފަ އެވެ. އޭގެ ތެރެއިން ހަތް އެއްޗަކީ ގެއްލުނު ބޯޓުން ވަކިވެފައިވާ ބައިތައްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.