އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ޓްރަމްޕްގެ ބައެއް ނިންމެވުންތަކާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހެޅުމާ އެކު ފަނޑިޔާރުންނަށް ބަހުގެ ހަމަލާތައް ވަނީ ގިނަވެފައި. -- ފޮޓޯ: އޭއެފްޕީ
12 ފެބުރުއަރީ 2025 - 06:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު ސަރުކާރަށް ކުއްލި ބޮޑެތި ބަދަލުތަކެއް ގެންނަ ފަށާފައިވާ މަސައްކަތްތަކަށް ގާނޫނީ ގޮތުން ހުރަސްތައް ކުރިމަތިވާން ފެށުމާ އެކު އެއީ "ސިޔާސީ ފަނޑިޔާރުން" ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވައިފި އެވެ.
ޓްރަމްޕްގެ ޓްރޫތު ސޯޝަލް ނެޓްވޯކްގައި ޓްރަމްޕް މިހެން ވިދާޅުވީ ސްޕޭސް އެކްސް އާއި ޓެސްލާގެ ސީއީއޯ އީލޮން މަސްކް އިސްވެ ހުންނަވައިގެން ހަރަދު ކުޑަކުރުމަށް އެޅި ބައެއް ފިޔަވަޅުތަކުގެ ސައްހަކަމާ މެދު ފެޑެރަލް ފަނޑިޔާރުން ސުވާލު އުފައްދަވާފައި ވަނިކޮށެވެ.
ޓްރަމްޕް ލިޔުއްވާފައިވާ ގޮތުގައި މިހާތަނަށް ކުރި މަސައްކަތުން ވެސް ސަރުކާރުގެ ތެރެއިން ވަނީ ނާގާބިލް ސަރުކާރުތަކުގެ "އެތައް ބިލިއަން ޑޮލަރެއްގެ ހިޔާނާތާއި އިސްރާފާއި ނާޖާއިޒު މަންފާ" ފެނިފަ އެވެ.
"މިހާރު ބައެއް އެކްޓިވިސްޓުންނާއި އިންތިހާއަށް ސިޔާސީ ވެފައިވާ ފަނޑިޔާރުން ބޭނުންވަނީ މި މަސައްކަތް ލަސްކުރުވަން ނުވަތަ ހުއްޓުވަން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
"މިކަން ފަށައިގަތް ވަގުތު އެކަން ހުއްޓުމަކީ ހަގީގަތް ހޯދުމުގައި ވަރަށް ގެއްލުންވާނެ ކަމެއް. މިއީ އަޅުގަނޑުމެންގެ ސަރުކާރު ހިންގަން ތިބި މީހުންނަށް ކާރިސާއަކަށް ވެދާނެ. އަދިވެސް ހޯދަންޖެހޭ އެތައް ކަމެއް އެބަހުރި. އެއްވެސް ބަހަނާއެއް ދެއްކޭކަށް ނެތް!!"
ވެރިކަމުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ ފެޑެރަލް ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެގްޒެކެޓިވް އަމުރުތަކެއް ނެރުއްވައި، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް އެ މަސައްކަތަށް އައްޔަންކުރައްވައިފަ އެވެ.
ނަމަވެސް ފެޑެރަލް ބައެއް އިދާރާތައް އެއްކޮށް ބަންދުކޮށް މުވައްޒަފުން ގެއަށް ފޮނުވާލުން ފަދަ ކަންކަމާ އެކު އޭނާގެ ޕްލޭނާ ދެކޮޅަށް މުޅި ގައުމުގައި ވަނީ ގާނޫނީ ހަނގުރާމަތައް ފެށިގަ އެވެ. ގެންނަ ބަދަލުތަކަކީ ޣައިރު ގާނޫނީ ގޮތުން ބާރުތައް އަތުލުން ކަމަށް ބުނެ އެ ކަންކަން ހުއްޓުވަން އެތައް ބަޔަކު ވަނީ ދައުވާތައް ކޮށްފަ އެވެ.
އެންމެ ފަހުން ބޭއްވި މިފަދަ މައްސަލައިގެ އަޑުއެހުމުގައި، ރޯޑް އައިލެންޑްގެ ފެޑެރަލް ފަނޑިޔާރަކު ވަނީ ޓްރަމްޕްގެ ސަރުކާރުން ފެޑެރަލް ފަންޑިން ފްރީޒް ކުރުން ހުއްޓާލަން މީގެ ކުރިން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މި ކަންތައްތަކާ އެކު ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ޖުޑީޝަރީއަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
"ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރަކު މުޅި އެގްޒެކެޓިވް ބްރާންޗުގެ ކޮންޓްރޯލް ބޭނުންނަމަ... އެ ބޭފުޅަކު ކުރިމަތިލައްވަންވީ ރައީސް ކަމުގެ މަގާމަށް،" ޓްރަމްޕްގެ، ހަރުކަށި ސިޔާސަތުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ފޯ ޕޮލިސީ އަދި ހޯމްލޭންޑް ސެކިއުރިޓީ އެޑްވައިޒަރު ސްޓެފަން މިލާ އަންގާރަ ދުވަހު އެކްސްގައި ވިދާޅުވި އެވެ.
ވައިޓް ހައުސްގެ ބާރުތައް ކަނޑުވާލަން ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް އަމަލު ނުކުރުމަށް މީގެ ކުރިން ގޮވާލެއްވި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ފަނޑިޔާރުން މި ކަންކަމުގެ ތެރެއަށް ނުވަދެ ދުރުގައި ތިބުމަށް އިންޒާރު ދެއްވައިފަ އެވެ.
އޭނާ ވަނީ ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް ޖުޑީޝަރީން ވަނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ވެރިކަމުގެ ބާރުން ކުރާ ކަންކަމަށް ޖުޑީޝަރީން ބަސް ބުނުމަކީ އަސްކަރީ ޖެނެރަލަކު ވެރިކަމަށް ނުފޫޒު ފޯރުވުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މަސްކް ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޭ ހަމަލާތަކަށް ތާއީދުކުރައްވައި އެކްސްގައި ވާހަކަ ދައްކަވައިފަ އެވެ. --- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްބިލުހެލި
12 February 2025
ކުށްވެރިޔަކަށް ވެރިކަން ހަވާލުކުރީމާ ވާނީ މިހެން...