އިޒްރޭލުން މިދިޔަ ހަފްތާގައި ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް ހޮސްޕިޓަލެއްގެ ބޭރުގައި އަތުރާފައި: މިދިޔަ 17 މަސް ދުވަސް ތެރޭ ޣައްޒާއިން ވަނީ ބައި ލައްކަ މީހުން ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
24 މާޗް 2025 - 00:10
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އޮކްޓޫބަރު 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 50،021 އަށް އަރާފައިވާ ކަމަށް ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
"އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50،021 އަށް އަރާފައި ވާއިރު 113،274 މީހުން ވަނީ ޒަހަމްވެފައި،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ވެސް އެ އިދާރާގެ އަމިއްލަ ރެކޯޑްތަކާ ހަވާލާދީ ބުނެފައި ވަނީ ޝަހީދުވި މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
މި އަދަދުތަކާ މެދު އިޒްރޭލުން ސުވާލު އުފެއްދިޔަސް އދ. އިން ވެސް ބުނަމުން އަންނަނީ މިއީ ސައްހަ އަދަދުތަކެއް ކަމަށެވެ.
ޝަހީދުވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާން ފެށީ މިދިޔަ ހަފްތާއިން ފެށިގެން އިޒްރޭލުން ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ދޭން ފެށުމާ އެކުގަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 39 މީހަކު ޣައްޒާއިން ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ފެށި މި ހަމަލާތަކުގައި ޝަހީދުވި އަދަދު ވަނީ 673 އަށް އަރައިފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި ކަމަށް މިހާތަނަށް ބެލެވޭ ފަހުގެ އަދަދުގައި ކުރިން ގެއްލުނު ކަމަށް ބެލެވޭ 233 މީހުން ވެސް ހިމެނޭ ކަމަށެވެ.
އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލް "ދަ ލާންސިޓް" ގައި ޖެނުއަރީ މަހުގެ ކުރީކޮޅު ޝާއިއުކުރި ދިރާސާއެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި މަރުވި މީހުންގެ އަދަދު ޣައްޒާގެ ހެލްތު މިނިސްޓްރީން ރެކޯޑްކޮށްފައިވާ އަދަދަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރުވާނެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި 1،218 މީހުން މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އެކަމަކު ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދަނުބެ
24 March 2025
ކޮބައިތޯ ތިބުނާ އިންސާނީ ހައްގުތަށް މީ ނުވޭތޯ ޓެރަރިޒަމް އަމަލަކަށް ދެން ކޮންއެތްޗަކަށްތޯ ޓެރަރިޒަމް ކިޔަނީ މަށްސަލަޔަކީ މުސްލިމު ގައުމުތަކުންވެސް މި ކިޔާ ޓެރަރިޒަމުގަ ޖެހޭތީ
ލާމަސީލު
24 March 2025
ޔާ ﷲ އިސްރާއީލަށް ހަތިޔާރުދީގެން މުސްލިމުން މަރުމަށް އޯޑަރުދޭ އެމެރިކާގެ ނުބައިކަމުން މުސްލިމް އުއްމަތް ސަލާމަތްކުރައްވާ އެމެރިކާ ނިކަމެތިކުރައްވާ ދުނިޔެއިން އެކަހެރި ކުރައްވާފާނދޭވެ.
ލާމަސީލު
24 March 2025
މުސްލިމް ގައުމުތަކުގެ ވެރިން މުނާފިގުކަމުން އިސްރާއިލް ގަތުލުޢާއްމު ރޯމާދުވާލުގަ އެހިންގަނީ. ހުރިހާ މުސްލިމް ގައުމުތަކުން އެމެރިކާއާއި އިސްރާއީލާއި ގުޅުން ކަނޑާލަނިކޮށް މައިތިރިވާނެ. ދުނިޔޭގެ ހުރިހާ މުސްލިމް ގައުމުތަކާ ކުޅެން ނުކެރޭނެ. ނަމަވެސް ވެރިން މުނާފިގުކަމުން ވާހާގޮތްގޮތް
އަލީ ނަސީމް ސާދިގް
24 March 2025
މިދިޔަ 100 އަހަރު ތެރޭގަ ދުނިޔޭގަ އެކިހިސާބުގަ މިލިއަނުން މީހުން މަރާފަ އެބަތިބި. އިންސާނުންގެ އެއްބަޔަކު އަނެއްބަޔަކު މެރީ! މިހާރުވެސް އެދަނީ އެފަދަ ހަމަ އެޕިސޯޑެއް! ދިވެހިން މިކަމާ ދަތްބާރު ނުވުން ރަގަޅުވާނީ! އަމިއްލަ އިސްތިގްލާލް ދިފާއު ނުކުރެވޭކަމައް ވައްޏާ، ބާރުގަދަ ގައުމު އައިސް ވެރިވެ ގަންނާނެ! އެއީ އިންސާނީ ތަބީއަތް! މާފަތި ޖަހާފަ މާތިއްތި ބަޔަކައް ދެއްކެން އުޅުމުގެ މާނައެއްނެތް! ފެންނަނީ އިންސަނުންނަކީ ވެސް ޖަނަވާރު ގޮތްޕެއްގެ ގޮތުގައި!
ޖައްސާށޭ
24 March 2025
ލާމު އަތޮޅު ހިއްކާ އެތަނުގައި ލިޓިލް ފަލަސްތީނު ހަދާ އެތަނަށް ފަލަސްތީނުގެ 2 މިލިއަން މީހުން އާބާދު ކޮށް ފަލަސްތީނު ކޮންމެ މީހެއްގެ އަތުން ވާރކް ވިސާގެ ގޮތުގައި މަހަކު 25 ޑޮލަރު މާލޭ ސަރުކާރާއި ހަވާލު ކުރާގޮތަށް ހެދުމުން މުސްލިމް އުއްމަތް އެކުވެރި ކުރެވޭނެއޭ އެއިރުން ލާމު އަތޮޅު ބަދަލުވާނީ ރާއްޖޭގެ ޖޮބް މާރކެޓް އަށޭ މަހަކު 50 މިލިއަން ޑޮލަރުވެސް މާލެ ސަރުކާރަށް ލިބޭނެއޭ އެއިރުން ލޯން ވެސް ދެއްކޭނެއޭ އަދި އަރަބި ގައުމު ތަކުން އެހީ ވަރަށް ލިބޭނެއޭ