އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ދައުވާގައި އޭނާ ކޯޓަށް ހާޒިރުވެ: ކޯޓުތަކާއި އިޒްރޭލު ސަރުކާރާ ދެމެދު މައްސަލަ ބޮޑުވެފައި ވަނިކޮށް މިއަދު ވަނީ ފަނޑިޔާރުން އައްޔަންކުރުމުގައި މަޖިލީހުގެ ދައުރު ފުޅާވާ ގޮތަށް ގާނޫނެއް ފާސްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
27 މާޗް 2025 - 21:30
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގާނޫނީ ގޮތުން އެކި ކަންކަމުގައި ހުރަސްތައް ގިނަވެ ސުޕްރީމް ކޯޓާ ދެމެދު މައްސަލަ ބޮޑުވެފައި ވަނިކޮށް ފަނޑިޔާރުން އައްޔަންކުރުމުގައި ގާނޫނު ހަދާ މަޖިލީހުގެ ބާރު ކުރިއަށްވުރެ ވެސް ބޮޑުވާ ގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.
މިއީ އިޒްރޭލުގެ ޖުޑީޝަރީ މިނިވަންކުރުމަށް، ކޯޓުތަކަށް ސިޔާސީ ނުފޫޒު ކުޑަކުރުމަށް ޒަމާނުންސުރެ ގޮވާލަމުން އަންނަ ގޮވާލުންތަކާ ދިމާ އިދިކޮޅަށް ނިންމި ނިންމުމެކެވެ.
އިޒްރޭލުގެ ތާރީހުގައި ވެސް ކަނާތު ފިޔައިގެ ފިކުރު އެންމެ ބޮޑު ސަރުކާރު ކަމަށްވާ ނަތަންޔާހޫގެ ސަރުކާރާއި ސުޕްރީމް ކޯޓާ ދެމެދު މިހާރު ވެސް ވަނީ ބަންޑާރަ ނައިބު ގަލީ ބަހާރަވް-މިއާރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި އަދި ދާޚިލީ ސަލާމަތީ އިދާރާގެ ވެރިޔާ ރޮނެން ބާ މަގާމުން ވަކިކުރި މައްސަލައިގައި ދެބަސްވުން ބޮޑުވެފަ އެވެ.
އަލަށް ފާސްކުރި ބިލަކީ އިޒްރޭލުގެ ޖުޑީޝަރީގެ މިނިވަންކަން އެއްކޮށް ގެއްލުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ފާސްކުރި ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ނެސެޓުން ބިލް ފާސްކޮށްފައިވަނީ 67 ވޯޓުންނެވެ. ދެކޮޅަށް އެއް ވޯޓު ދީފައި ވާއިރު އިދިކޮޅު މެންބަރުން ވަނީ މިއަދު ހެނދުނު އޮތް މި ބިލް ފާސްކުރުމުގެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
މި ބިލް ހުށަހެޅި ޖަސްޓިސް މިނިސްޓަރު ޔަރީވް ލެވިން ބުނި ގޮތުގައި މިއީ ގާނޫނު ހަދާ މަޖިލީހާއި ޖުޑީޝަރީއާ މެދުގައި "ބާރުތައް ހަމަހަމަ ކުރުމުގެ" ގޮތުން އެޅި ފިޔަވަޅެކެވެ. ނެސެޓުގައި ވާހަކަ ދައްކަމުން އޭނާ ބުނީ ސުޕްރީމް ކޯޓުން ނެސެޓުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
"ގާނޫނުތަކާއި އަސާސީ ގާނޫނުތައް ވެސް ބާތިލް ކުރުމުގެ ބާރު އަމިއްލައަށް ނަގައިފި. މިއީ ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއްގައި އަޑުނާހާ ކަމެއް،" ޖުޑީޝަރީއަށް ބަދަލުތައް ގެނައުމުގައި މަސައްކަތްކުރާ ލެވިން ބުންޏެވެ.
ލިޔެފައިވާ ގާނޫނުއަސާސީއެއް އިޒްރޭލުގައި ނެތް ނަމަވެސް އިންސާނީ ހައްގުތަކާއި ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ކަނޑައަޅާފައިވާ "ބޭސިކް ލޯ" ގެ ގާނޫނުތަކެއް ހުރެ އެވެ.
"އަހަރެމެންގެ ސުޕްރީމް ކޯޓުން ނެސެޓުގެ ބާރުތަކަށް އަރައިގަތުމެއް ނުހުއްޓުނު. ސުޕްރީމް ކޯޓު ސަރުކާރުގެ މައްޗަށް ގަދަވެއްޖެ. އެ ކޯޓަށް ސަރުކާރުގެ ކޮންމެ ނިންމުމެއް އެބަ ބާތިލްކުރެވޭ. ސަރުކާރުން މަގާމުތަކަށް މީހުން އައްޔަންކުރުން ވެސް އެބަ ހުއްޓުވޭ." ޖަސްޓިސް މިނިސްޓަރު ބުންޏެވެ.
އޭނާ ބުނީ މިގޮތަށް ރުހިގެން ހިމޭނުން ތިބުން މި ހިސާބުން ދެން ނިމުނީ ކަމަށެވެ.
ކޯޓުތަކަށް ނުފޫޒު ފޯރުވަން ނަތަންޔާހޫ މި ފިޔަވަޅު އަޅާފައި ވާއިރު އޭނާ ހަނގުރާމައިގެ ސިޔާސަތާ ދެކޮޅަށް ކުރާ މުޒާހަރާތައް ވެސް އިޒްރޭލުގައި ދަނީ ކުރިއަށެވެ. އޭނާގެ އެ ފިކުރާ ދެކޮޅަށް ސަރުކާރުން ވާހަކަ ދައްކާ އެންމެން ވަޒީފާތަކުން ވަކިކުރުން ފަދަ ކަންކަން ކުރަމުން ދާއިރު އެ ކަމަށް އެންމެ ބޮޑަށް ހުރަހަކަށް ވެފައިވަނީ ކޯޓުތަކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނާތު ފިޔާ
28 March 2025
ކަނާތު ފިޔާގަ ތިބެނީ ގިނައިން ދީން ދައްކައިގެން ވައްކަމާއި ކޮރަޕްޝަން ހިންގަން އުޅޭ މީހުން! އެމީހުންނަށް މުހިއްމީ ދީނެއް ނޫން، ފައިސާއާއި އާރާއި ބާރު، މިގައުމަށް ބެލިޔަސް އެކަން ފެންނާނެ!!!
ރިޔާޒު ރަށީ
28 March 2025
“ނެސެޓް އެއް ނޫން” އެއީ ކްނެސެތު. އަރަބިން ނަމަ ކަނީސަތު.
ޢާދަނުބެ
28 March 2025
މީ މި ޒަމާނުގެ ފިރުއައުނު ހާމާނަކީ ޓުރަންޕު