އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއްގައި އިޒްރޭލުގެ ސަފީރު ވާހަކަ ދައްކަވަނީ: ލީގަލް އެފެއާޒް ކޮމިޓީގެ ޗެއާކަން އިޒްރޭލަށް ވަނީ ލިބިފައި.
14 ޖޫން 2016 - 12:21
ނިއު ޔޯކް (ޖޫން 14) - އދ.ގެ 71 އަހަރުގެ ތާރީޚުގައި އެ ޖަމާއަތުގެ ކޮމިޓީއެއްގެ ޗެއާގެ މަގާމު ފުރަތަމަ ފަހަރަށް އިޒްރޭލަށް ލިބިއްޖެ އެވެ.
ޖެނެރަލް އެސެމްބްލީގެ ލީގަލް އެފެއާޒް ކޮމިޓީގެ ޗެއާގެ މަގާމު އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ކާމިޔާބު ކުރުމާ އެކު ފަލަސްތީނާއި އަރަބި ގައުމުތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ މެމްބަރު 193 ގައުމުގެ ތެރޭން 109 ވޯޓު ހޯއްދަވައިގެންނެވެ. އަރަބި ގައުމުތަކުގެ އެެދުމުގެ މަތިން މި ވޯޓު ނަގާފައި ވަނީ ސިއްރު ވޯޓެއްގެ ގޮތުގަ އެވެ. އެހެން ކޮމިޓީތަކަށް ޗެއާ އިން ހަމަޖައްސާފައި ވަނީ އެންމެން އެއްބަސްވާ އުސޫލަކުންނެވެ.
ފަލަސްތީނުގެ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވީ ޑެނޮން އަކީ މަގާމަށް އެކަށީގެންވާ މީހެއް ވެސް ނޫން ކަމަށެވެ. އަދި އޭނާގެ ނަން ހުށަހެޅުމުން ވެސް މަންސޫރު ވަނީ ފާޑު ވިދާޅުވެފަ އެވެ.
"މި މަގާމަށް ހޮވަން ޖެހޭނީ މިއަށް ވުރެ ގާބިލް ކެންޑިޑޭޓެއް. މިހާރު ހޮވާފައި އެ ހުރީ ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާ ގައުމެއްގެ މީހެއް،" ފަލަސްތީނުގެ މަންދޫބު
"މި މަގާމަށް ހޮވަން ޖެހޭނީ މިއަށް ވުރެ ގާބިލް ކެންޑިޑޭޓެއް. މިހާރު ހޮވާފައި އެ ހުރީ ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާ ގައުމެއްގެ މީހެއް،" ފަލަސްތީނުގެ މަންދޫބު ވިދާޅުވި އެވެ.
ޔަމަނުގެ ސަފީރު ޚާލިދު އަލީމާނީ ވިދާޅުވީ އިޒްރޭލުގެ މަންދޫބު ލީގަލް ކޮމިޓީގެ ޗެއާކަށް ހޮވުމުން އެކަމާ ދެކޮޅު ހެދުމަށް ހުރިހާ އަރަބި ގައުމަކަށް މެސެޖް ފޮނުވާފައިވާ ކަމަށެވެ.
"އިންސާނީ ހައްގުތަކުގެ ގާނޫނާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވާ ގައުމެއްގެ މީހަކު ލީގަލް އެފެއާޒް ކޮމިޓީގެ ޗެއާކަށް ބެހެއްޓުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" ޔަމަނުގެ ސަފީރު ވިދާޅުވި އެވެ.
ޑެނޮން ވިދާޅުވީ އދ.ގެ ކޮމިޓީއެއް ޗެއާކުރާ އިޒްރޭލުގެ ފުރަތަމަ މީހާ އަށް އޭނާ ވުމުން ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި އެ މަގާމަށް އޭނާ އައުމަށް އަރަބި ގައުމުތަކުން ހުރަސް އަޅުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލުގެ ކެންޑިޑޭޓަށް ވަނީ އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން ތާއީދުކޮށްފަ އެވެ.
ޖެނެރަލް އެސެމްބްލީން ފާސްކުރާ ގިނަ ގަރާރުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮމިޓީތަކުންނެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy