ކަޝްމީރުގައި މިއަދު ޓޫރިސްޓުންނަށް ދިން ނުރައްކާތެރި ހަމަލާގައި ޒަހަމްވި މީހަކަށް ފަރުވާދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
22 އެޕްރީލް 2025 - 22:13
ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި މަދުވެގެން 24 މީހަކު މަރާލައިފި އެވެ.
އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އާންމުންނަށް އަމާޒުކޮށް، މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހޫނު މޫސުމުގައި އަރާމުކޮށްލަން ހިތްގައިމު ތަނެއް ކަމަށްވާ ޕަހަލްގަމްގައި ހިންގި "ނުބައި އަމަލު" ކުށްވެރިކުރައްވައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެ ހަމަލާ ކުށްވެރިކުރައްވައިފަ އެވެ.
ކަޝްމީރުގައި ޓޫރިސްޓުންނަށް މިއަދު ދިން ހަމަލާއަށް ފަހު ސިފައިން ނުކުމެ ފޯރިމަރައި މީހުންނާއި ވެހިކަލްތައް ފާސްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޓުއާ ގައިޑަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ހަމަލާ ދިން ތަނަށް އޭނާ ދިޔައީ ބަޑީގެ އަޑު އިވެން ފެށުމުންނެވެ. އޭރު އެއްބަޔަކު މަރުވެފައި އަދި ބައެއް މީހުން ޒަހަމްވެފައި ތިބި ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ފެނުނު ބައެއް މީހުން ބިންމަތީ މަރުވެފައި ތިބި ކަހަލަ ގޮތަކަށް ވެއްޓިފައި ތިއްބާ،" ވަހީދު ކިޔާ މީހަކު އޭއެފްޕީއަށް ކިޔައިދިނެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ މައި ސިޓީ ކަމަށްވާ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންގެ ބަޔަކަށެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނުއުފުލަ އެވެ. ނަމަވެސް ހަނގުރާމަވެރިން 1989 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ނުރައްކާތެރި ހަމަލާތައް ދޭތެރެދޭތެރެއިން ދެ އެވެ. އެ މީހުންގެ ޑިމާންޑަކީ ކަޝްމީރަށް ވަކިން މިނިވަންކަން ދިނުން ނުވަތަ ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދާ އެއްކޮށްލުމެވެ.
އިންޑިއާގެ ފަސް ލައްކަ ސިފައިން އެ ސަރަހައްދުގައި ދާއިމީ ގޮތެއްގައި ހަރަކާތްތެރިވަމުން އަންނަ އިރު، މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު، ކަޝްމީރުގެ އޮޓޮނޮމީ އުވާލުމާ އެކު ކުރިމަތިލުންތައް ވަނީ މަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއް.
23 April 2025
މިއީ ޕާކިސްތާނުން ތަމްރީނުކޮށްފަތިބި މުޖާހިދުން. މިކަމުގެ ސަބަބުން އިސްލާމުދީނުގެ ބުރުސޫރު ހުތުރުވެއްޖެ. މިރާއްޖޭގައި ވެސް މިމީހުނަށް ސަޕޯޓުކުރާ މީހުން ވަރަށްގިނަ. ވަރަށްދެރަކަމެއް.
ދައްކާ ވާހަކަ
23 April 2025
ދެން ޕާކިސްތާނުގައި ބޮންގޮއްވަނީ ކޮންބަޔަކު ތމުރީނުދީފައި ތިބި ބައެއްތަ؟