ސިންފަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް މިއަދުގެ އާންމު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ޕާޓީ އޮފީހުގައި މީހުން މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ
03 މެއި 2025 - 22:52
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތް ގޮތަށް، ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު، ވެރިކަން ކުރާ ޕާޓީއަށް މިއަދު ބޭއްވި އާންމު އިންތިހާބުގައި ދީފި އެވެ.
ސާމްޕަލް ނަތީޖާއިން ކުރިން ދައްކާފައިވާ ގޮތުން 97 ގޮނޑި ހިމެނޭ ޕާލަމެންޓުގެ 10 ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އަށް ކާމިޔާބުވާނެ އެވެ. މިހާރު ވެސް ވަނީ ސާފު އަޣުލަބިއްޔަތަށް ބޭނުންވާ 49 ގޮނޑި ފަހަނަޅައި ގޮސްފަ އެވެ.
އަލަށް މަގުބޫލުވެފައިވާ އިދިކޮޅު ޕާޓީއާ ވޮންގް ވާދަކުރައްވާފައި ވާއިރު މިއީ އޭނާއަށް މިފަދަ ފުރަތަމަ ބޮޑު އިމްތިހާނެވެ. ބޮޑުވަޒީރު ވޮންގް ވަނީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަރަށް ބޮޑަށް ބަރޯސާވާ ސިންގަޕޫރާއި މުޅި ދުނިޔެއަށް އެމެރިކާގެ ޓެރިފްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ނުތަނަވަސްކަމުގައި ސަރުކާރަށް ތާއީދު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ހިޔާލު ތަފާތުވާ މީހުންގެ އަޑު ކަނޑުވާލާ ކަމުގެ ތުހުމަތާ އެކު ޕީއޭޕީ އަށް ފާޑުކިޔުން އަމާޒުވެފައިވާ ވިޔަސް އިންތިހާބުގެ ކުރިން ވެސް އެ ޕާޓީން ޔަގީންކުރަމުން ދިޔައީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދަމަހައްޓާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ "އަޑުގަދަ" ކެންޑިޑޭޓުންގެ ސަަބަބުން ޕީއޭޕީ އޮތީ ހާސްކަމުގެ ތެރޭގަ އެވެ.
ސިންގަޕޫރުގެ ކޮވިޑް ޓާސްކް ފޯހުގައި ކުރެއްވި މަސައްކަތުން މަގުބޫލުކަން ލިބިވަޑައިގަތް ވޮންގް މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ 1965 ވަނަ އަހަރު މެލޭޝިއާއިން ވަކިވެ ސިންގަޕޫރު އުފެއްދުމުން ކުރިމަތިވި ނުތަނަވަސްކަމުގެ ތެރޭގައި ވެރިކަން ކުރެއްވި ގައުމުގެ ބާނީ، ބޮޑުވަޒީރު ލީ ކުއާން ޔޫގެ ދަރިކަލުން ލީ ސިއެން ލޫންގް މަގާމު ދޫކޮށްލެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިވެސް
03 May 2025
ގައުމުމިނިވަންވީއްސުރެ އެއްޕާޓީ ވެރިކަންކުރާ ޑިމޮކްރެސީ.