އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ބައެއްގެ ހަށިތަކުގެ ކައިރީގައި އާއިލާގެ ބަޔަކު ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
07 މެއި 2025 - 05:48
ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ 31 މީހަކު ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސް އެޖެންސީގެ މީޑިއާ އޮފިސަރު އަހްމަދު ރަދުވާން އޭއެފްޕީއަށް ވިދާޅުވީ ހަމަލާ ދިނީ ރެފިއުޖީ ކޭމްޕެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށް ކަމަށެވެ.
މި ހަމަލާއަށް ފަހު ވެސް އިޒްރޭލުން ބުނީ މިއީ "ހަމާސްގެ ކޮމާންޑް ސެންޓަރަކަށް" ދިން ހަމަލާއެއް ކަމަށެވެ. އަދި އެއީ ހަމާސްގެ ހަތިޔާރު ފޮރުވައިގެން ގެންގުޅޭ ތަނެއް ކަމަށް ވެސް ބުންޏެވެ.
އެތައް ބަޔަކު ޝަހީދުވި މި ހަމަލާ ދީފައި މި ވަނީ އިޒްރޭލު ހިސާރުކޮށް އާންމުން ބަނޑަށް ޖެހިފައިވާ ޣައްޒާގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް ފުޅާކުރަން ނިންމުމާ އެކު އެކަން ކުށްވެރިކޮށް އދ. އާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އިޒްރޭލުން އަސްކަރީ ހަރަކާތްތައް ވަރުގަދަކުރަން ނިންމުމާއި ޣައްޒާގެ އާންމުންނަށް ކާނާ އާއި ބޯފެނާއި ބޭސް ފަދަ އެންމެ އަސާސީ ތަކެތި ލިބޭނެ މަގުތައް ވެސް ބަންދުކޮށްގެން ތިބޭތީ ހަމާސް އިން ވަނީ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލާ އެކު ދެން މަޝްވަރާކުރުމުގެ މާނައެއް ވެސް ނެތް ކަމަށް ބުނެފަ އެވެ.
ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންނަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ އެކު އިޒްރޭލުން ފެށި ހަނގުރާމައިގެ ތެރޭގައި މަދުވެގެން އެއް ފަހަރު ގެދޮރު ގެއްލިފައިވާ މީހުންނެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި މީހުންގެ އަދަދު ވަނީ 52،600 އަށް ވުރެ މަތިވެފަ އެވެ. ހަމަލާތައް ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު އަލުން ދޭން ފެށި ފަހުން ޝަހީދުވި އަދަދުވެސް މިހާރު ވަނީ 2،500 އާ ގާތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy