ދުނިޔެ / ގާޒާ

ޣައްޒާގައި ނުވަ މަހުގެ ކުއްޖަކާ އެކު 80 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން މިއަދު ޣައްޒާގައި ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ ކައިރީ އިނދެ މީހަކު ރޮނީ. -- ފޮޓޯ: އޭއެފްޕީ

14 މެއި 2025 - 22:09

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ބުދަ ދުވަހު އެކި ވަގުތުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 80 މީހަކު ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި މިއަދު ހަމަލާތައް އަނެއްކާވެސް އިތުރަށް ވަރުގަދަކޮށްފައި މި ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން މިހާރު ދޫކޮށްނުލައި ތިބި މީހުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް އަލުން ފެށުމާ ދިމާކޮށެވެ.

ރަހީނުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި އެ ގައުމަށް ވަޑައިގެންފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން އިޒްރޭލުގެ މަޝްވަރާ ޓީމާ ނަތަންޔާހޫ ރަހީނުންގެ މައްސަލައިގައި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުކޮށްލި ނުވަ މަހުގެ ކުއްޖެއްގެ ހަށިގަނޑު ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން ވިޓްކޮފް ވިދާޅުވީ ޓްރަމްޕާއި ގަތަރުގެ އަމީރުގެ ޣައްޒާގެ މައްސަލައިގައި ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އަދި ގުޅިގެން ކުރާ މަސައްކަތުގައި، ޣައްޒާއަށް ރަނގަޅު ހުށަހެޅުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސުލްހަޔަށް މަގު ފެނޭތޯ މަޝްވަރާކުރި ނަަމެވެސް އިޒްރޭލުން މިއަދު އަނިޔާވެރި ހަމަލާތައް ގިނަކޮށް ރޭގެ ފަތިހުން ފެށިގެން މިހާ ހިސާބަށް 80 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ.

"މިއަދު ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 80 އަށް ވަނީ އަރާފައި. އޭގެ ތެރެއިން 59 މީހުންނަކީ ޣައްޒާގެ އުތުރުގައި ޝަހީދުވި މީހުން،" ސިވިލް ޑިފެންސްގެ އޮފިޝަލް މުހައްމަދު އަލް މުޣައްޔިރު ވިދާޅުވި އެވެ.

އިޒްރޭލުން ޝަހީދުކޮށްލި ކުއްޖެއްގެ ހަށިގަނޑު އުރާލައިގެން އިނދެ މީހަކު ރޮނީ. -- ފޮޓޯ: އޭއެފްޕީ

ހަމަލާތަކުގައި އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި ވާއިރު ނުވަ މަހުގެ ތުއްތު ކުއްޖަކު ވެސް ވަނީ ޝަހީދުވެފަ އެވެ.

ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމަލާ ދިނުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި ހަމިހާތަނަށް ޣައްޒާއިން ގާތްގަނޑަކަށް 53،000 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިޒްރޭލުން 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި އެވެ. ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި އެ މުއްދަތުގައި ވެސް ވަނީ މަދުވެގެން 2،800 މީހަކު ޝަހީދުކޮށްލައިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454