ފަލަސްތީނުގެ ޣައްޒާގައި މިދިޔަ ހަފްތާގައި ޝަހީދުކޮށްލި ބައެއްގެ މައްޗަށް ކަށުނަމާދު ކުރަނީ: ޣައްޒާގައި މިހާރު އަނެއްކާވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދުވަމުން. -- ފޮޓޯ: އޭއެއެފްޕީ
18 މެއި 2025 - 12:15
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަރުގަކޮށްފައި ވާއިރު މިއަދު ވެސް މިހާތަނަށް 33 މީހަކު ޝަހީދުކޮށްލައިފި ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ މެންދަމުން އަލިވި ވަގުތު ޣައްޒާގެ ދެކުނުގައި ދިން ހަމަލާތަކެއްގައި 22 މީހަކު ޝަހީދުވި ކަމަށާއި އެ ހަމަލާތަކުގައި މަދުވެގެން 100 މީހަކު ޒަހަމްވި ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަމަލާ ދީފައިވަނީ ހާލުގައި ޖެހިފައިވާ މީހުން އުޅޭ ޓެންޓުތައް ހުންނަ ހިސާބަކަށް ކަމަށެވެ.
މީގެ އިތުރުން ޖަބަލިޔާގައި ހުންނަ ގެޔަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަހީދުވި ކަމަށް ބައްސާލް ވިދާޅުވި އެވެ. އަދި އަލްޒަވައިދާގެ މެދުތެރޭގަ އާއި ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ވެސް ބަޔަކު ޝަހީދުވި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އިއްޔެ ބުނީ 19 މަހަށްވުރެ ގިނަ ދުވަސް ވީ ހަމަލާތަކަށް ފަހު "ހަމާސް ނައްތާލަން" ޣައްޒާގައި އާ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި ދެތިން ދުވަހު 200 އެއްހާ މީހުން ޝަހީދުކޮށްލާފައި ވާއިރު އެ ހަމަލާތަކަކީ އާ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.
ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިޒްރޭލުން ހުއްޓުވާފައި އޮންނަތާ އެތައް މަހަކަށް ފަހު މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy