ފަލަސްތީނުގެ ޣައްޒާގައި މިއަދު ޝަހީދުކޮށްލި ބައެއްގެ ކައިރީގައި އިނދެ މީހަކު ރޮނީ: މިއަދު ވަނީ އަތިރިމަތީ އަރާމުކޮށްލަން ތިބި ބަޔަކު ވެސް ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
30 ޖޫން 2025 - 22:20
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑު އަނެއްކާވެސް ގަދަވެފައި ވަނިކޮށް މިއަދުވެސް 48 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހިނގި ވަރުގަދަ ހަނގުރާމަ 12 ދުވަހަށް ފަހު ހުއްޓުމަކަށް ގެނެވުމާ އެކު ޣައްޒާގައި ދެމުންދާ ހަމަލާތައް ވެސް 20 މަސް ދުވަހަށް ފަހު އަލުން ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދެއް ވެސް ވަނީ ލިބިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިޒްރޭލުން އެއްބަސްވުމަކާ ހިސާބަށް ދާން ގޮވާލައްވައިފަ އެވެ. އަދި ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެންނަން ކުރާ މަޝްވަރާގެ މެދުވެރިޔާ ކަމަށްވާ ގަތަރުން ވެސް ވަނީ މިއީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ރަނގަޅު ވަގުތެއް ލިބިފައިވާ ދަނޑިވަޅެއް ކަމަށެވެ.
އެކަމަކު ޣައްޒާގައި މި ވާހަކަތަކުގެ އަސަރެއް ނެތެވެ. ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ވަރުގަދަ ހަމަލާތައް ދެމުން ދާއިރު ސިވިލް ޑިފެންސް އެޖެންސީން ބުނީ މިއަދު ޝަހީދުކޮށްލި 48 މީހުންގެ ތެރޭގައި ޣައްޒާގެ އަތިރިމަތީ މީހުން މަޑުކޮށްލައިގެން ތިބޭ ސަރަހައްދަކަށް ދިން ހަމަލާއެއްގައި ޝަހީދުވި 21 މީހަކު ވެސް ހިމެނޭ ކަމަށެވެ.
"އެއީ އަބަދުވެސް ގިނަ އަދަދެއްގެ މީހުން އަރާމުކޮށްލަން ގޮސް އުޅޭ ތަނެއް. ބުއިންތައް ބެހުމާއި އާއިލީ އެއްވުންތަކާއި އިންޓަނެޓްގެ ހިދުމަތް ވެސް ލިބޭ ތަނެއް،" އެތަން ދިން ބާރުގަދަ ހަމަލާ ފެނުނު، އުމުރުން 26 އަހަރުގެ އަހްމަދު އައް ނައިރަބު އޭއެފްޕީއަށް ބުންޏެވެ.
"މީހުންގެ ހަށިގަނޑުގެ ބައިތައް މުޅި ހިސާބަށް ބުރައިގެން ދިޔަތަން ފެނުނު. މީހުންގެ ތަންތަން ކަނޑައިގެންގޮސް ފިހިފައި ހުރި ... އެއީ ބިރުވެރި މަންޒަރެއް."
މަންޒަރު ދުށް އެހެން މީހަކު ބުނީ މުޅި ބިންމަތި އޮތީ ލެއިން ފޯވެފައި ކަމަށެވެ. މުޅި ހިސާބުން އިވެމުން ދިޔައީ ރުއިމާއި ހަޅޭކުގެ އަޑު ކަމަށް އޭނާ ބުންޏެވެ.
"މުޅި ތަނުގައި ތިބީ އަންހެނުންނާއި ކުޑަކުދިން. ހީވަނީ ދުނިޔެ ނިމޭ މަންޒަރު ދައްކާ ފިލްމެއް ފެންނަހެން،" އޭނާ ބުންޏެވެ.
ހަމާސްގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ފޮޓޯ ޖާނަަލިސްޓެއް ކަމަށްވާ އިސްމާއިލް އަބޫ ހައްތާބު ވެސް ހަމަލާގައި ޝަހީދުވި ކަމަށެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ނުވަތަ ބަޑީގެ ހަމަލާތަކުގައި އިތުރު 27 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި، އެހީ ބަހާ ސެންޓަރުތައް ކައިރީގައި ޝަހީދުވި 11 މީހަކު ވެސް ހިމެނޭ ކަމަށެވެ.
އިޒްރޭލުން ކޮންމެ ދުވަހަކު ވެސް މިހާރު އެތައް ބަޔަކު ޝަހީދުކުރަމުން ގެންދާއިރު މިދިޔަ 20 މަސް ދުވަސް ތެރޭ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 56،531 އަށް އަރައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދުބޭބޭ
30 June 2025
ޔާﷲ އިޒްރޭލުގެ ޔަހޫދީން ހަލާކު ކުރައްވާނދޭވެ! ޔާﷲ އިޒްރޭލުގެ ޔަހޫދީން ހަލާކު ކުރައްވާނދޭވެ! ޔާﷲ އިޒްރޭލުގެ ޔަހޫދީން ހަލާކު ކުރައްވާނދޭވެ!