ދުނިޔެ / ފަލަސްތީން

އިޒްރޭލުގެ ޖަރީމާތަކާ ގުޅުންހުރި ކުންފުނިތަކުގެ ލިސްޓެއް އދ. އިން ނެރެފި

އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބާނީސް: އޭނާގެ ރިޕޯޓެއްގައި އިޒްރޭލުގެ ޖަރީމާއާ ބައިވެރިވާ ކުންފުނިތަކުގެ ލިސްޓެއް ވަނީ ހިމަނާފައި.

02 ޖުލައި 2025 - 09:47

24 comments

އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި އާންމުން ގެދޮރުން ނެރެ އަދި ފަލަސްތީނުގެ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ގަތުލްއާންމަށް އެހީތެރިކަންދޭ ބޮޑެތި ކުންފުނިތަކުގެ ލިސްޓެއް، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ނެރުއްވައިފި އެވެ.

މާދަމާ ޖެނީވާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްބާނީޒްގެ އާންމުކުރައްވަން ހަމަޖެހިފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މި ލިސްޓުގައި އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ މައިކްރޮސޮފްޓް، އަލްފަބެޓް އިންކް (ގޫގުލްގެ ބެލެނިވެރި ކުންފުނި) އަދި އެމެޒޯން ފަދަ ކޯޕަރޭޓް 48 ކުންފުންޏެއް ހިމެނެ އެވެ. މީގެ އިތުރުން 1،000 އަށް ވުރެ ގިނަ ކޯޕަރޭޓް އެންޓިޓީ ހިމެނޭ ޑޭޓާބޭސްއެއް ވެސް ތަހުގީގުގެ ބޭނުމަށް އެކުލަވާލައިފަ އެވެ.

"އިޒްރޭލުގެ ދާއިމީ އިސްތިއުމާރު އޮތް ބިންތައް ވެފައިވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކާއި ބިޔަ ޓެކް ކުންފުނިތަކަށް 'ޓެސްޓް ގްރަންޑް' އަކަށް. އެއްވެސް ވަރަކަށް ބަލައިލުމެއް ނެތް އަދި ޒިންމާދާރުކަމެއް ނެތި ދަނީ ސަޕްލައިކުރަމުން. މި ކަންކަން އިންވެސްޓަރުންނާއި ޕްރައިވެޓް އަދި ޕަބްލިކް ވިޔަފާރިތަކަށް ދަނީ ފައިދާވަމުން،" ރިޕޯޓްގައިވެ އެވެ.

"ނަސްލު ނައްތާލުމުގެ އަމަލުގައި ކުންފުނިތައް ނުސީދާކޮށް ބައިވެރިވުމަށް ވުރެ ބޮޑަށް އޮތީ ނަސްލު ނައްތާލުމުގެ އިގްތިސާދަކާ ލާމެހިފައި،" ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުތަކަށް އިޝާރާތްކޮށް ރިޕޯޓްގައިވެ އެވެ.

އިޒްރޭލުގެ ޖަރީމާތަކާ ގުޅުން ހުރި ކަމަށް އދ.ގެ ރިޕޯޓެއްގައި ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޮޑެތި ބައެއް ކުންފުނިތައް. -- ގްރެފިކްސް: އަލްޖަޒީރާ

އަލްބަނީޒް އޭނާގެ އެކްސްޕާޓް އޮޕީނިއަން މިދިޔަ އަހަރު ހާމަކުރައްވާފައި ވާއިރު ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ނައްތާލުން ކަމަށް ގަބޫލުކުރަންޖެހޭ ސަބަބުވެރި އެތައް ކަމެއް އެބަހުރި ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ތަކުރާރުކޮށް ވިދާޅުވަމުންދަނީ އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ.

އަލްބަނީޒްގެ ރިޕޯޓްގައި ބުނެފައިވަނީ އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ ނުހުއްޓި ކުރިއަށްދަނީ ކީއްވެކަން މި ރިޕޯޓުން މަންޒަރުކޮށްދޭ ކަމަށެވެ.

"އެއީ ވަރަށް ގިނަ ބަޔަކަށް މަންފާވާ ކަމަކަށް ވާތީ،" ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ހުރި ހަތިޔާރު ކުންފުނިތަކަކީ ކޮބާ؟

އިޒްރޭލުން އެފް-35 ފައިޓާ ޖެޓް ހޯދުމަކީ މުޅި ދުނިޔޭގައި ހަތިޔާރު ހޯދުމަށް ހިންގާ އެންމެ ބޮޑު ޕްރޮކިއުމަންޓް ޕްރޮގްރާމުގެ ކޮމްޕޯނެންޓެއް ކަމަށް ރިޕޯޓްގައިވެ އެވެ. މިއީ އަށް ގައުމެއްގެ، މަދުވެގެން 1،600 ކުންފުނީގެ ނެޓްވޯކެއްގެ މައްޗަށް ބަރޯސާވާ ޕްރޮގްރާމެކެވެ. އެފް-35 ގެ ކޮމްޕޯނެންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދަމުން ދިޔަ ނަމަވެސް މި ޕްރޮގްރާމް ބަލަހައްޓަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިން އެވެ.

އިޓަލީގެ ކުންފުންޏެއް ކަމަށްވާ ލިއޮނާޑޯ އެސްޕީއޭ އަކީ އަސްކަރީ ދާއިރާގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވާއިރު، ހަތިޔާރު އުފެއްދުމުގެ މަސައްކަތަށް ރޮބޮޓިކް މެޝިނަރީ ސަޕްލައި ކުރަނީ ޖަޕާނުގެ އެފްއޭއެންޔޫސީ ކޯޕަރޭޝަނުންނެވެ.

ފަލަސްތީނު ރައްޔިތުން ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް، ރައްކާކޮށް، އިޒްރޭލު ސަރުކާރުން ބޭނުންކުރަމުންދާ ގޮތުން އިޒްރޭލުން ކަންކަމުގައި އާންމުންނަށް ހުއްދަތައް ދިނުމަށް ގެންގުޅޭ ތަފާތުކުރުން ބޮޑު ސިޔާސަތުތަކަށް މި ކަންކަމުން އެހީތެރިވެވޭ ކަމަށް ރިޕޯޓުގައި ވަނީ ސިފަކޮށްފަ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން މައިކްރޮސޮފްޓް، އަލްފަބެޓް އަދި އެމެޒޯން ފަދަ ކުންފުނިތަކުން އިޒްރޭލަށް އެ މީހުންގެ ކްލައުޑާއި އޭއައި ޓެކްނޮލޮޖީގެ ގާތްގަނޑަކަށް ފުރިހަމަ އެކްސެސް ދީ ޑޭޓާ ހޭންޑްލިން އާއި މޮނިޓަރިންގެ ގާބިލްކަން އިތުރުކޮށްދެ އެވެ.

އިޒްރޭލުގެ ޖަރީމާތަކާ ގުޅުން ހުރި ކަމަށް އދ.ގެ ރިޕޯޓެއްގައި ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޮޑެތި ބައެއް ކުންފުނިތަކާއި ހިއްސާދަރުންގެ މައުލޫމާތު. -- ގްރެފިކްސް: އަލްޖަޒީރާ

އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އައިބީއެމް އިން ސިފައިންނާއި އިންޓެލިޖެންސް މީހުން ތަމްރީނުކުރުމާއި ފަލަސްތީނު ރައްޔިތުންގެ ބަޔޯމެޓްރިކް ޑޭޓާ މެނޭޖްކުރުމާއި، އިމިގްރޭޝަން އެންޑް ބޯޑާސް އޮތޯރިޓީ (ޕިބާ) ގެ ސެންޓްރަލް ޑޭޓާބޭސް މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެމެރިކާގެ ސޮފްޓްވެއާ ޕްލެޓްފޯމް ޕަލަންޓިރް ޓެކްނޮލޮޖީސް އިން ވަނީ އޮކްޓޫބަރު 2023 ގައި ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިޒްރޭލުގެ އަސްކަރިއްޔާއަށް ދޭ ތާއީދު އިތުރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހަނގުރާމައިގެ އޮޓޮމެޓިކް ޑިސިޝަން މޭކިންއަށް ފަރުމާކޮށްފައިވާ އޮޓޮމެޓިކް ޕްރެޑިކްޓިވް ޕޮލިސިން ޓެކްނޮލޮޖީ އެ ކުންފުނިން ސަޕްލައިކޮށް، ޑޭޓާ އެނަލައިޒްކޮށް ޓާގެޓްތަކުގެ ލިސްޓުތައް ހެދުމަށް ބޭނުންކުރި ކަމަށާއި އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ކަމަށްވާ "ލެވެންޑާ"، "ގޮސްޕެލް" އަދި "ވެއާސް ޑެޑީ" ފަދަ ސިސްޓަމްތައް ހިމެނޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ދެން ހުރީ ކޮން ކުންފުނިތަކެއް؟

ރެޕަޓުއާ ފާހަގަކުރައްވާފައިވާ ގޮތުގައި އެތައް ކުންފުންޏަކުން ގެންދަނީ އިޒްރޭލުގެ އިސްތިއުމާރަށް އެހީ ހޯދޭ ގޮތަށް، ދެ ބޭނުން ކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ "ސިވިލިއަން ޓެކްނޮލޮޖީ" އިޒްރޭލަށް ފޯރުކޮށްދެމުންނެވެ.

މި ކުންފުނިތަކުގެ ތެރޭގައި ކެޓަޕިލާ، ލިއޮނާޑޯގެ ހިއްސާ އޮންނަ ރާޑާ އިލެކްޓްރޯނިކް އިންޑަސްޓްރީޒް، ދެކުނު ކޮރެއާގެ އެޗްޑީ ހިއުންޑާއީ އަދި ސްވިޑަންގެ ވޮލްވޯ ގްރޫޕް ހިމެނެ އެވެ.

މީގެ އިތުރުން ގެދޮރު ކުއްޔަށް ދިނުމަށް ބޭނުންކުރާ ބުކިން އާއި އެއާބީއެންބީ ޕްލެޓްފޯމުން ދަނީ ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރި ވެފައިވާ ހިސާބުތަކުން ޕްރޮޕަޓީތަކާއި ހޮޓެލް ބުކިންތައް ހަދައިދީ ޣައިރު ގާނުނީ ވަޒަންވެރިކަމަށް އެހީވަމުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އިޒްރޭލަށް ކަރަންޓު ދިނުމަށް ބޭނުންވާ ކޯލް ސަޕްލައިކުރާ މައިގަނޑު ކުންފުނިތަކުގެ ގޮތުގައި އެމެރިކާގެ ޑްރަމްމަންޑް ކުންފުންޏާއި ސްވިޓްޒަލޭންޑްގެ ގްލެންކޯގެ ނަން ފާހަގަކޮށްފައިވެ އެވެ.

އިޒްރޭލުން ޝަހީދުކޮށްފައިވާ ބައެއްގެ ހަށިތަކުގެ ކައިރީ އާއިލާގެ ބަޔަކު މަޑުކޮށްލައިގެން.

ދަނޑުވެރިކަމުގެ ސިނާއަތުން އިޒްރޭލުގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ޓްނޫވާ އޮތް އިރު، ރިޕޯޓްގައިވާ ގޮތުން އެ ވިޔަފާރީގެ މެޖޯރިޓީ ހިއްސާ އޮންނަނީ ޗައިނާގެ ބްރައިޓް ޑެއިރީ އެންޑް ފުޑް އަށެވެ. މި ކުންފުންޏަށް ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން މަންފާވާކަން ފާހަގަކޮށް ބުނެފައިވަނީ މެކްސިކޯގެ އޮރްބިއާ އެޑްވާންސް ކޯޕަރޭޝަންގެ 80 ޕަސެންޓް ހިއްސާ އޮންނަ ނެޓާފިމް އަކީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ފެނުގެ ވަސީލަތްތައް ދަނޑުވެރިކަމުގެ ބޭނުމަށް ނަގަން ބޭނުންކުރާ އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުނި ކަމަށެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައަށް ފައިނޭންސް ކުރުމުގައި ޓްރެޒަރީ ބޮންޑުގެ ބޭނުން ހިފާ ކަމަށާއި އިޒްރޭލަށް ކްރެޑިޓް ރޭޓިން ދަށްކުރި ނަމަވެސް އިޒްރޭލަށް އިންޓަރެސްޓް ރޭޓް ޕްރިމިއަމް މެނޭޖް ކުރުމަށް ފްރާންސްގެ ބީއެންޕީ ޕަރިބާސް އާއި އިނގިރޭސިވިލާތުގެ ބާކްލޭސް ފަދަ ބޮޑެތި ބޭންކުތަކުން ނުފޫޒު ފޯރުވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މި ކުންފުނިތަކުގެ ހިއްސާދާރުންނަކީ ކޮބާ؟

ލިސްޓުގައި ހިމެނޭ ގިނަ ކުންފުނިތަކުގެ ފަހަތުގައިވާ ޕްރައިމަރީ އިންވެސްޓަރުންނަކީ އެމެރިކާގެ މަލްޓިނޭޝަނަލް އިންވެސްޓްމަންޓް ކުންފުނިތައް ކަމަށްވާ ބްލެކްރޮކް އާއި ވެންގާޑް އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެސެޓް މެނޭޖާ، ބްލެކްރޮކް އަކީ ޕަލަންޓިރު (8.6 ޕަސެންޓް)، މައިކްރޮސޮފްޓް (7.8 ޕަސެންޓް)، އެމެޒޯން (6.6 ޕަސެންޓް)، އަލްފަބެޓް (6.6 ޕަސެންޓް) އަދި އައިބީއެމް (8.6 ޕަސެންޓް) ގެ ދެވަނަ އަށް އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުންފުންޏެއް ކަމަށާއި ލޮކްހީޑް މާޓިން (7.2 ޕަސެންޓް) އަދި ކެޓަޕިލާ (7.5 ޕަސެންޓް) ގެ ތިން ވަނަ އަށް އެންމެ ބޮޑު އިންވެސްޓަރެވެ.

ދެވަނައަށް އެންމެ ބޮޑު އެސެޓް މެނޭޖާ ކަމަށްވާ ވެންގާޑަކީ ކެޓަޕިލަާ (9.8 ޕަސެންޓް)، ޝެވްރޮން (8.9 ޕަސެންޓް) އަދި ޕަލަންޓިރް (9.1 ޕަސެންޓް) ގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. އަދި އެއީ ލޮކްހީޑް މާޓިން (9.2 ޕަސެންޓް) އާއި އިޒްރޭލުގެ ހަތިޔާރު އުފައްދާ ކުންފުނި އެލްބިޓް ސިސްޓަމްސް (2 ޕަސެންޓް) ގެ ދެވަނައަށް އެންމެ ބޮޑު އިންވެސްޓަރެވެ.

އިޒްރޭލުގެ ޑީލުން ކުންފުނިތަކަށް ފައިދާވޭތަ؟

ރިޕޯޓްގައި ބުނެފައިވަނީ ކޯޕަރޭޓް ސެކްޓާއަކީ ތާރީހީ ގޮތުން ބަލާއިރު އިސްތިއުމާރީ މަސައްކަތްތަކަށާއި އެކަމާ ގުޅުންހުރި ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްދީފައިވާ ދާއިރާއެއް ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން ގޮސް، ޣައިރު ގާނޫނީ ގޮތުން ބިންތައް ހިފައި އެންމެ ފަހުން އެ ބިންތަކުން ކޯޕަރޭޝަންތަކަށް ފައިދާ ވުމަކީ "ކޮލޯނިއަލް ރޭޝަލް ކެޕިޓަލިޒަމް"ގެ މިސާލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، "ކުރިން އިސްތިއުމާރުގެ އިގްތިސާދުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް މަގުފަހިކޮށްދީ އަދި އޭގެ ފައިދާ ނަގަމުން ދިޔަ ފަރާތްތަކުން، މިހާރު އެކަމާ ދުރަށް ނުޖެހި ނަސްލު ނައްތާލުމުގައި އިގްތިސާދީ ގޮތުން ބައިވެރައިވެރިވަމުންދާ" ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

ބޭރުގެ ހަތިޔާރު އުފައްދާ ކުންފުނިތަކަށް މި ހަމަނުޖެހުން ވެގެން ދިޔައީ ފައިދާ ހުރި ފުރުސަތަކަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އިޒްރޭލުގެ އަސްކަރީ ހަރަދުތައް 65 ޕަސެންޓް އިތުރުވެ، 46.5 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އާބާދީގައި ބޮލަކަށް ޖެހޭ މިންގަނޑުން އެންމެ ބޮޑު އެއް އަސްކަރީ ހޭދަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ ގެތައް ފުނޑުފުނޑުވެފައި. -- ފޮޓޯ: އޭއެފްޕީ

އެކްސްޗޭންޖް މާކެޓުގައި ލިސްޓުކޮށްފައިވާ ބައެއް ކުންފުނިތަކަށް - ހާއްސަކޮށް ހަތިޔާރާއި ޓެކް އަދި އިންފްރާސްޓްރަކްޗާ ގެ ދާއިރާއިން - 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފައިދާ ވަނީ އިތުރުވެފަ އެވެ. ތެލްއަވީވް ސްޓޮކް އެކްސްޗޭންޖުން ވެސް ވަނީ 179 ޕަސެންޓްގެ ކުރިއެރުމެއް ލިބި، މާކެޓް ވެލިއު 157.9 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

އެ ރިޕޯޓުގައި ވާގޮތުން އެލިއަންޒް އާއި އޭއެކްސްއޭ ފަދަ ދުނިޔޭގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތަކުން އިޒްރޭލުގެ އިސްތިއުމާރާ ގުޅިފައިވާ ސްޓޮކްތަކާއި ބޮންޑުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށްފައިވެ އެވެ. މިއީ ކެޕިޓަލް ރިޒާވްގެ ގޮތުގައި ކުރާ އިންވެސްޓަކަށް ވިޔަސް މައިގަނޑު ބޭނުމަކީ ފައިދާ ހޯދުންކަން ވަނީ ފާހަގަކޮށްފަ އެވެ.

އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުން ބުކިން އާއި އެއާބީއެންބީއަށް ދަނީ ހުއްޓުމެއް ނެތި ފައިދާވަމުން ކަމަށާއި 2018 ވަނަ އަހަރު އެއާބީއެންބީ އިން، ގާނޫނާ ހިލާފަށް ކޮށްފައިވާ މި އާބާދީތަކުން ލިސްޓިންތައް ވަގުތީ ގޮތުން އުނިކުރި ނަމަވެސް ފަހުން އެކަން ފަށައި މަންފާ ހޯދަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

އަމިއްލަ ކުންފުނިތައް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޒިންމާވާންޖެހޭތަ؟

އަލްބަނީޒްގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިތަކުން މިކަމުގައި ގާނޫނީ ގޮތުން ޒިންމާ އުފުލަންޖެހެ އެވެ. ކޯޕަރޭޓް އެންޓިޓީތަކާއި އެ އެންޓިޓީތަކުގެ ޕާޓްނަޝިޕްތަކުން، އެފަރާތްތަކުގެ ސީދާ އަމަލުތަކުން އިންސާނީ ހައްގުތަކަށް އުނިކަން ނާންނާނެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމުކާކަން ކަށަވަރުކޮށް އެކަންކަން ތަހުގީގުކޮށް، އަދަބު ދިނުމަކީ ދައުލަތްތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް އަލްބަނީޒް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކުންފުނިތަކުން، ދައުލަތުން ކަންކަން ބެލިޔަސް އަދި ނުބެލިޔަސް، އަމިއްލަ ގޮތުން ވެސް މި ހައްގުތައް ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްބަނީޒް ވިދާޅުވީ އެ ކުންފުންޏެއްގެ ސަޕްލައި ޗެއިންގެ ތެރޭގައި ހިމެނޭ އެ ކުންފުންޏެއްގެ ހަރަކާތްތައް ނުވަތަ ގުޅުންތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު އޮތްތޯ ނުވަތަ އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ ބަލައި ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލު ނުކުރުމަކީ ޖިނާއީ ޒިންމާ އުފުލަން ޖެހިދާނެ ކަމެކެވެ. އަދި މި ކަންކަމާ ގުޅިގެން ކުންފުނިތަކުގެ ވަކިވަކި ވެރިންގެ މައްޗަށް ޖިނާއީ ދައުވާއުފުލުމަކީ ބައިނަލްއަގްވާމީ ކޯޓުތަކުގައި ވެސް ކުރެވިދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ. އެހެންވެ ކުންފުނިތަކުން އިޒްރޭލުން ހިންގާ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކަށް ވާގިވެރިވެވޭ ކަންކަން ކޮށްދިނުމާ ކުންފުނިތަކުން ދުރުވާން ރިޕޯޓްގައި ގޮވާލާފައިވެ އެވެ. -- އަލްޖަޒީރާ

24 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 5%
icon angry icon angry 50%
icon wow icon wow 5%
icon inlove icon inlove 32%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

03 July 2025

ދިވެހިރާއްޖެއަކީ އިސްރާއީލަށް އެންމެ ގިނަ ލާރިދޭފަރާތް. އެހެންވީމާ އަދި އިތުރު ކޮށްލަންވީ. ކޮންމެވެސް އެއްނަމެއްގައި.

The name is already taken The name is available. Register?

ކޮރަލް

03 July 2025

ދާދި އަވަހަށް އެމެރިކާ ޑޮލަރުގެ ބާރު ކެނޑިގެން ދާނެ އެވެ. އެމަސައްކަތް ޓްރަމްޕް އެދަނީ ކުރަމުންނެވެ. މިހާރުވެސް ބައެއް ގައުމުތަކުން އެއްގައުމުން އަނެއް ގައުމަށް ޑޮލަރުގެ ބަދަލުގަ އަމިއްލަ ފައިސާ އިން ވިޔަފާރި ކުރަން ފަށައިފި އެވެ. އެއަށް ފަހު އިޒްރޭލް އަށް އެހީވާނެ ކުންފުނި ތަކެއް ނުހުންނާނެ އެވެ. ދުނިޔޭގެ އެންމެ ދަރަނި ބޮޑު ގައުމަކީ އެމެރިކާ އެވެ. އެކަމު ޗާޕް ކޮށްލަނީ އެވެ. ދެންޓީބިލް ތައް ދޫކޮށްލަނީ އެވެ.

The name is already taken The name is available. Register?

ޙަސަންޓޭ

03 July 2025

ކޮބާ އިހުލާސްތެރި ދިވެހިން! ގޫގަލް އެންޑްރޮއިޑް ދޫކޮށް ވާވޭ، އެޕަލް ކަހަލަ ފޯނެއް ގަނަންވީ ވަގުތު ޖެހިއްޖެ! ނޮކިޔާ ބައްތިވެސް ރަނގަޅުވާނެ!

The name is already taken The name is available. Register?

އެޕަލް ނޮކިއާ ހިމެނޭ

04 July 2025

އެ ލިސްޓުގައި އެޕަލް ނޮކިއާ ހިމެނޭ.. ބަލާބަލަ. އެއްޗެއް ބަލާފަ ލިޔެބަލަ.

The name is already taken The name is available. Register?

ބއމއލ

02 July 2025

ޓީމޫވެސް ތިޔަ ލިސްޓަށް އިތުކޮށްލައިދީ!

The name is already taken The name is available. Register?

ރުހްޝަ

02 July 2025

އެޕަލް ކުންފުނި މިލިސްޓުގައި ނެތުމުން ހިތްހަމަ ޖެހުން އެބަހުރި އެހެނަސް ގޫގުލް ދޫކޮއް ޗައިނާ ހިއްސާ އޮންނަ ހުވާވޭއަށް ބަދަލުވުމުގެ ވިސްނުން އެބަހުރި. އަދި ދެން ދަތުރުތައް ކުރާ އިރު ބުކިން އަދި އެއާ ބީއެންބީ ބޭނުންކުރާ ހޮޓެލްތައް ވެސް ބޮއިކޮޓް ކުރާނަން. ޝުކުރިއްޔާ މިހާ ތަފްސީލުކޮށް މިލިޔުން ގެނެސްދެއްވީތީ

The name is already taken The name is available. Register?

ދޮހޮއްތުބެ

02 July 2025

ތިޔައް އެއްކޮއްލާ ދާދި މިދާކައްދުވަހު ޓްރަމްޕް މެދު އިރުމައްޗައް ކުރިދަތުރުގައި ޓްރުމްޕައް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ދިން އަރަބި މުނާފިގު ގައުމުތައް. އިޒްރޭލްގެ ހަތިޔާރަކީ އެމެރިކާގެ މިލިޓަރީ އެހީ.

The name is already taken The name is available. Register?

އަފްރާސިޔާބު

03 July 2025

ތިޔަހެން ނުބުނޭ. އަރަބިންގެ ތެރޭގައި ނުތިބޭނެ މުނާފިގުންނެއް. ތިބޭނީ އަހުލުއްސުންނަތް ވަލްޖަމާއަތް ކިޔާބައެއް. މިބައި މީހުންނަކީ މިބައިމީހުންނޫން ކޮންމެ ބައެއްގެ ހިތުގައިވާތަކެތި އެންމެ މޮޅަށް ދަންނަ ޖަމާއަތުގެ މީހުން. މި ޖަމާއަތް އުފެދުފައިވަނީ ހިޖުރައިން 2 ވަނަ ގަރުނުގެ ތެރޭގައި.

The name is already taken The name is available. Register?

ސަހުޔޫނީ

03 July 2025

ދިވެހިންނަކީ ސައޫދީއެރެބިޔާ އަށް ނިސްބަތުން އެންމެގިނަ ޑޮލަރުދޭ ގައުމު އަހަރަކު މިކުޑަރާއްޖެއިން 30 މިލިޔަންޑަޮލަރު އެބަހޭދަކުރޭ،.

The name is already taken The name is available. Register?

ފުރޭތަ1

02 July 2025

ދެންވާނެ ވަރަކީ ރިޕޯޓު ލިޔުނު މީހާ ގޯސްވާނީ، ރިޕޯޓަކުން ވާނެ ކަމެއް ނެތް ބާރު ހުރި މީހުން ނިކަމެތިން އަޅުވެތި ކުރަމުންދަނީ މިނިވަންކަމާއި އިންސާނީހައްގު ހޯދައިދިނުމުގެ ނަމުގަ. ގަތުލުއާއްމު ހިންގަނީ އިންޑާސްޓްރިއަލް ވިޔަފާރިއެއްގެ ގޮތުގަ. މިހާރުވެސް އދ ގެ އެހީދޭ މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގަ ލޭބަލް ކޮށް އެދަރަޖ ދީފަ އެތިނީ . އދ އަކީ އެހެން މީހުން ކޮންޓްރޯލު ކުރަންގެންގުޅޭ ޓޫލެއް ކަން ފެންނަން އޮތީ

The name is already taken The name is available. Register?

އަބްޑޫޅް +

02 July 2025

ޙޫމް، ހިއް.

The name is already taken The name is available. Register?

އަބްޑޫޅް +

02 July 2025

އެންގިކަން ވަރަށް ރަނގަޅު. އަހުރެން ތިޔަ ކުންފުނިތަކުގެ ދާގީނާ ގަންނާނަން.

The name is already taken The name is available. Register?

އަޒްލީމް

03 July 2025

އައްޑޫ ވ ރަނގަޅު ދެމީހުން ހިންގާތަނެއް މި ވޮލްވޯ ޖަނަރޭޓަރާއި އެކި ވައްތަރުގެ އިންޖީނު ވިއްކާ މާރްކެޓެކް މޯލްޑިވްސް އަކީ. ތީކާކުކަން އިގޭ.

The name is already taken The name is available. Register?

އަބްޑޫޅް +

03 July 2025

ޙޫމް، އަޒްލީމް.

The name is already taken The name is available. Register?

ޖަވާބު ޕްރޯ

02 July 2025

ބައެއްޔުނު. ބަޖެޓުން އެންމެ ސެންޓެއވެސް މި ބައިގަނޑަށް ދޭނެ ކަމެއްނެތް. އަމިއްލަ ސޮފްޓްވެއަރ އުފަންދަން އެފައިސާ ދީބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454