ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ: ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި މިއަދު ވަނީ ޣައިރު ހާޒިރުގައި ހަ މަހުގެ ޖަލު ހުކުމެއް އިއްވާފައި. -- ފޮޓޯ: އޭއެފްޕީ
02 ޖުލައި 2025 - 21:00
މިދިޔަ އަހަރު ބަންގްލާދޭޝްގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކޮށްފައިވާ ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރަށް ތަބާނުވެ ދައްކަވާފައިވާ ވާހަކަތާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި މިއަދު ހުކުމްކޮށްފި އެވެ.
ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް މީހުން މެރުމާއި އިދިކޮޅު އެތައް ބަޔަކާ މެދު ހިންގާފައިވާ ލާއިންސާނީ އަމަލުތަކާ ގުޅޭ ދައުވާތަކަށް ޖަވާބުދާރީވާން ހަސީނާ ކޯޓަށް ހާޒިރުވާން އެތައް ފަހަރަކު އަމުރުތައް ނެރުމުން ވެސް ހަސީނާ އިޖާބައެއް ނުދެއްވަ އެވެ. އަދި ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދޭން އިންޑިއާގައި އެދުމުން އެކަމެއް ވެސް ނުކޮށްދެ އެވެ.
"ހަސީނާ ވަޑައިގަތުމާ އެކު ނުވަތަ އަމާންދީ، ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ،" ހުކުމް އިއްވި ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ޕްރޮސިކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވި އެވެ.
އިސްލާމް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަސްލަކީ ހަސީނާއާ ދެކޮޅަށް މައްސަލަތައް ހުށަހަޅައި އަދި ހެކިބަސް ދޭން ތިބި މީހުންނަށް އިންޒާރުދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ.
"ޕްރޮސިކިއުޝަން ޓީމުން ގަބޫލުކުރަނީ ހަސީނާގެ ވާހަކަތަކުގެ ސަބަބުން، މައްސަލަ ހުށަހެޅި މީހުންނާއި ހެކިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް،" އިސްލާމް ވިދާޅުވި އެވެ.
ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގު މިހާރު މަނާކޮށްފައި ވާއިރު ދައުވާތަކުން ރެކެން ފިއްލަވައިގެން އުޅުއްވާ އެ ޕާޓީގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދާ ބުލްބުލް ވެސް ހަމަ މި މައްސަލައިގައި ދެ މަހަށް ޖަލަށް ލާން މިއަދު ހުކުމްކުރި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހަސީނާ އޭނާގެ ވެރިކަން ދަމަހައްޓަން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.
މި މަހުގެ އެއްވަނަ ދުވަހު ފެށި އެހެން ޝަރީއަތެއްގައި ޕްރޮސެކިއުޓަރުން ވަނީ ހަމަނުޖެހުންތައް އުފެދުމުގެ ސަބަބަކީ ހަސީނާގެ ކޮމާންޑް ކަމަށާއި އެހެންވެ އެ ކަންކަމުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ހަސީނާއަށް ދައުލަތުން ކަނޑައަޅާފައިވާ ދިފާއީ ވަކީލު ވިދާޅުވީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ބަންގްލަދޭޝްގެ ގާނޫނުގެ ދަށުން ހަސީނާ ހިންގި ކަމަށް ކުރާ ތުހުމަތުތަކަށް ހަސީނާ އިންކާރު ކުރައްވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy