ހަމާސްގެ އަސްކަރީ ގޮފީގެ މެންބަރުން ހަތިޔާރާ އެކު: ހަމާސް އިން ވަނީ އިޒްރޭލާ ގުޅިގެން ހަމާސްއާ ދެކޮޅަށް އުޅޭ ޖަމާއަތުގެ ލީޑަރު އަމާންދޭން އަންގާފައި. -- ފޮޓޯ: އޭއެފްޕީ
02 ޖުލައި 2025 - 21:28
ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ އެހީއާ އެކު ހަމާސްއާ ދެކޮޅަށް މަސައްކަތްކުރާ ހަތިޔާރު އެޅި ގޭންގުގެ ލީޑަރު އަމާންދީ ހަތިޔާރު ބެހެއްޓުމަށް ހަމާސް އިން އަންގައި އިންޒާރު ދީފި އެވެ.
ހަމާސްއާ ދެކޮޅަށް ގޭންގެއްގެ ގޮތުގައި މަސައްކަތްކުރާ "ޕޮޕިއުލާ ފޯސެސް" ގެ ލީޑަރު ކަމުގައި ބެލެވޭ ޔާސިރު އަބޫ ޝަބާބް، 35، އަމާންދީ، ޝަރީއަތް ހިންގުމަށްޓަކައި ހަވާލުވާން އަންގައި ހަމާސްގެ އަސްކަރީ ކޯޓުން ވަނީ މިއަދު އަމުރެއް ނެރެފަ އެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަމާއަތް ހަރަކާތްތެރިވަނީ ދެކުނުގެ ރަފަހްގެ އިރުމަތީ ސަރަހައްދުގަ އެވެ. އެއީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި އޮންނަ އަދި ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން އޮޕަރޭޝަންތައް ހިންގާ ހިސާބެކެވެ.
ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ ޔާސިރު އަބޫ ޝަބާބް 10 ދުވަސް ތެރޭ ހަވާލުވާން އަންގާފައިވަނީ ޣައްދާރުވުމާއި ދުޝްމަނުންނާ ގުޅިގެން މަސައްކަތްކުރުމާއި ހަތިޔާރު އެޅި ގޭންގެއް އުފެއްދުމާއި ހަތިޔާރު ބޭނުންކޮށްގެން ބަޣާވާތްކުރަން އުޅުމުގެ ދައުވާތަކާ ގުޅިގެން ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ މަހު ވަނީ މި ގޭންގަށް އިޒްރޭލުގެ އަސްކަރިއްޔާއިން އެހީވާ ކަމަށް އެއްބަސްވެފަ އެވެ.
ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް ތިންކް ޓޭންކުން ބުނެފައިވަނީ އަބޫ ޝަބާބަކީ ޣައްޒާއަށް ގެންދާ އެހީގެ ތަކެތި ވަގަށް ނެގުމުގެ ޖަރީމާތައް ހިންގާ ގޭންގެއްގެ ލީޑަރު ކަމަށް ބެލެވޭ ހެކިތައް ގިނަ ކަމަށެވެ. އެކަމަކު އެހީގެ ސާމާނު ވަގަށް ނެގުމުގެ ތުހުމަތު އިޒްރޭލުން ކުރަނީ ހަމާސް އަށެވެ.
ތެލް އަވީވްގައި ހުންނަ މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން އޭއެފްޕީއަށް ވިދާޅުވީ އަބޫ ޝަބާބު އާއިލާއަކީ މިސްރުގެ ސައިނާއީ ޕެނިންސިއުލާ އާއި ޣައްޒާ ވަކިކުރާ ބޯޑަރު ހުރަސްކޮށް ފެތުރިފައިވާ ބަދަވީ ގަބީލާއަކާ ގުޅިފައިވާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ހުރިހާ ކުށުގެ އަމަލުތަކެއް ހިންގަމުންދާ ބައެކެވެ.
މިލްޝްޓެއިން ވިދާޅުވީ އަބޫ ޝަބާބަކީ ޣައްޒާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއް ކަމަށާއި ދާދި ފަހުން އޭނާގެ ގަބީލާގެ ލީޑަރުން ވަނީ އެއީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގްސްޓާރެއްގެ ގޮތުގައި ކަނޑައަޅައި އޭނާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު4
03 July 2025
ތީ މުސްލިމް ތޮފި އަޅައިގެން އުޅޭ ޒަޔަނިސްޓޫން. އެކަހަލަ ޝެއިޚުންވެސް ތިބޭ ހައްދާފަ. ހަމަ ނޭގޭނެ. އެކަން މި ދިވެހިރާއްޖެއިންވެސް ފެނިއްޖެނު
އަސްލު
03 July 2025
މިކަހަލަ ހުރިހާ ގްރޫޕްތަކެއް އުފައްދާ ބަޔަކީ އިޒްރޭލު، އެމެރިކާ ފަދަ އިސްލާމުންގެ ދުޝްމަނުން. އިސްލާމުންގެ ނަން ކިލަނބުކުރުމާ، ބައިބައިކުރުން މީ އެންމެ ބޮޑު މަގްސަދު. އައިސްފަދަ ގްރޫޕްތަކަކީވެސް ހަގީގަތުގައި މިފަދަ ގްރޫޕްތައް. އިޒްރޭލާއި އެމެރިކާ އަދި މި މީހުންނަށް ވިޔާނުދާ ކަންކަމުގައި ވާގިވެރިވާ މިކަހަލަ ގްރޫޕްތަކާއި ދައުލަތްތަކަކީ އަސްލުގައި ދުނިޔެއަށް އޮތް އެންްމެ ބޮޑު ނުރައްކަލަކީ
މޮޝޭ ދަޔާން މަރުކަޒު
03 July 2025
* މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން* ވަރުގަދަ ސެންޓަރެއް.
އިމިތެއްލީ
03 July 2025
ހުރި ހިތާމައެއްގެ ބޮޑުކަމާ އަބޫ ޝަބާޝް.