އިޒްރޭލުގެ ހަމަލާއެއްގައި ހަލާކުވެފައި ގެއެއްގެ ތެރެއިން ބަޔަކު ބޭރު ބަލަހައްޓައިގެން: ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މަޝްވަރާކުރަމުން އަންނައިރު އެއްބަޔު އަނެއް ބަޔަކު ދަނީ އެއްބަސްވުމަށް ހުރަސްއަޅާ ކަމަށް ތުހުމަތުކުރަމުން. -- ފޮޓޯ: އޭއެފްޕީ
13 ޖުލައި 2025 - 05:54
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އިޒްރޭލާއި ހަމާސްއިން ނުސީދާ ގޮތުގައި ފެށި މަޝްވަރާތަކަށް ހަފްތާއެއް ވެގެން ދިޔައިރު ވެސް އެއްބަސްވުމަކަށް ނާދެވި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރަން ފަށައިފި އެވެ.
އިޒްރޭލުން ޣައްޒާގައި ދެމުންދާ ހަމަލާތަކަށް 21 މަސް ދުވަސް ވެފައި ވާއިރު އެ ހަމަލާތައް 60 ދުވަހަށް މެދުކަނޑާލުމަށް ފަހު ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ އެއްބަސްވުމަކަށް އެ މުއްދަތުގެ ތެރޭގައި ދިއުމަކީ މި މަޝްވަރާތަކުގެ އެންމެ ބޮޑު އަމާޒެވެ.
ގަތަރުގައި ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން އޭއެފްޕީއާ ވާހަކަ ދެއްކެވި ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ މަޝްވަރާތަކުގައި މިހާރު ކުރިއެރުން ނުލިބިގެން އުޅެނީ ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ބާލަން އިޒްރޭލުން އެއްބަސްނުވާތީ ކަމަށެވެ. އަނެއްކޮޅުން އިޒްރޭލުގެ އޮފިޝަލަކު ވަނީ ހަމާސް ކުށްވެރިކޮށް އޭއެފްޕީއާ ވާހަކަ ދައްކައިފަ އެވެ. އެ އޮފިޝަލް ބުނެފައިވަނީ ހަމާސް އިން ގޮތް ދޫނުކޮށް، އެއްބަސްވުމެއް ގާއިމުވިޔަ ނުދޭން ގަސްތުގައި ހުރަސްއަޅަނީ ކަމަށެވެ.
ދެ ފަރާތުގެ އޮފިޝަލުން ވެސް މައްސަލައިގެ ސީރިއަސްކަމާ ހެދި ވާހަކަ ދެއްކީ ނަން ހާމަ ނުކުރަން ޝަރުތުކޮށެވެ.
ހަމަލާތައް ހުއްޓާލުމަށް ފަހު ވެސް ޣައްޒާގައި އިޒްރޭލު ސިފައިން ތިބުމުގެ މައްސަލަ އަކީ އެއްބަސްވުމަށް އޮތް ބޮޑު ހުރަހަށް ވެފައި ވާއިރު އޭއެފްޕީން އެހެން އޮފިޝަލަކާ ހަވާލާދީ ބުނީ އެމެރިކާ އިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވް ވިކްޓޮފް ގަތަރަށް ވަޑައިގެން މިކަމުގައި ވާހަކަ ދައްކަވަންދެން އިޒްރޭލާއި ހަމާސްގެ މަޝްވަރާ ކުރިއަށް ނުގެންދަން ގަތަރުން ނިންމާފައިވާ ކަމަށެވެ.
މި ދެބަސްވުމުގައި މަޝްވަރާތަކުން އަލިމަގެއް އަދި ފެންނަން ނެތް އިރު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި އިއްޔެ ވެސް އިޒްރޭލުން ވަނީ ޣައްޒާގައި 20 މީހަކު ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ތަނަކަށް ރޭގަނޑުގެ ވަގުތެއްގަ އެވެ.
އިޒްރޭލާއި ހަމާސް އިން ވެސް ބުނެފައިވާ ގޮތުގައި އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިް 10 މީހަކު ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެއީ އެއްބަސްވުމަކަށް އާދެވުމާ އެކު ކުރާނެ ކަމަށް ހަމާސް އިން ބުނަމުން އަންނަ ކަމެކެވެ.
އިޒްރޭލުން ވަނީ މިދިޔަ 21 މަސް ދުވަސް ތެރޭ ޣައްޒާއިން 57،800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫލާ
13 July 2025
އަރާރުމެއް ނޫން އިޒްރޭލޭ ކިޔާމީހުންގެ ނުލަފާކަން އިތުރަށް ވަރުގަދަ ކުރްނީ
ކޮރަލް
13 July 2025
ނަތަންޔާހޫގެ މައްސަލަ އެއް ކޯޓް ގަ އެބަ އޮތެވެ. ހަނގުރާމަ ހުއްޓާލާ އިރަށް އޭނަ އަށް ޖަލު ހުކުމެއް އަންނާނެ އެވެ. ވީމާ އޭނަ މިހަނގުރާމަ ހުއްޓާލަން ބޭނުމެއް ނުވެ އެވެ. ޓަރަމްޕް ވެސް ނަތަން ޔާހޫގެ މައްސަލަ ކޯޓުން ނުބަލާނެ ގޮތެއް ވޭތޯ މަސައްކަތް ކުރި އެވެ. އެކަމެއް ނުވި އެވެ. މިވާހަކަ އެމެރިކާ އާ އާ ޔޫރަޕްގެ ނޫސްތަކުގަ ނުޖަހާނެ އެވެ.
ޣާޒާސަޕޯރތަރެއް
13 July 2025
އިސްރާއީލްގެ ސިފައިންނަށް ޖެހޭނީ ފައިބަން، އެހެންވީމާ ސުލްހައަށް ހުރަސްއަޅަނީ އިޒްރޭލް... ނޫސްވެތިން